އައު ދުވަހަކަށް މަރުޚަބާ ކިޔަމުން އުދަރެހުން ފާޅުވި އިރުގެ ދޯދިތަކުން ފަތިހުގެ ތެތްފިނަކަމަށް ނިމުން ގެންނަމުން ދިޔައެވެ. ދޫނިސޫފާސޫފިތައް ވެސް އެސޮރުމުންގެ ހިތްގައިމު އަޑުން ލަވަތައް ކިޔަމުން ޖައްވުގައި މިނިވަންކަމާއެކު އުދުހެމުން ދިޔަ އެވެ. ބަހާރުގެ ހިތްގައިމު ދުވަސްތައް ފެށިގެން އުޅޭ ދުވަސްތަކަށް ވުމުން ގަސްތަކަށް އިތުރު ދިރުމެއް ލިބި މާމެލާމެލީގެ ގުލްޒާރުތައް ފޮޅެން ފަށައިފިއެވެ. ހެނދުގެ މަރުޚަބާއާއެކު މަގުތައް ވެސް ހަލަބޮލި ވާން ފެށިއެވެ.
*****
ނިދިބަރުވެފައިވި ދެ ލޯ ރުހައިމްއަށް ހުޅުވާލެވުނީ ކަންފަތުގައި މަޑު ގިސްލުމެއްގެ އަޑު ޖެހުމުންނެވެ. އެސްފިޔަތައް ތަޅުވާލަމުން ލޯހުޅުވާލަން އޭނަ މަސައްކަތްކުރިއެވެ. އެވަގުތު އޭނަގެ ބޮލަށް އަރައިގެން ދިޔައީ ތޫނު ތަދެކެވެ. ދަތްޕިލަ ޖައްސާ ބާރުކޮށްލަމުން ބޮލުގައި އޭނައަށް އެއް އަތުން ހިފަހައްޓާލެވުނެވެ. އެއަށްފަހު ލަސްލަހުން އެސްފިޔަތައް ދުރުކޮށްލުމަށްފަހު ލޯ ހުޅުވާލިއެވެ. ކޮޓރީގައި ދިއްލާފައި އޮތް ބޮކީގެ އައްޔާއި ފަރުދާތަކުން ފުރޭނިގެން އައިސް އެޅިފައި އޮތް އިރުގެ އަލިން ލޮލަށް އުނދަގޫވާން ފެށިއެވެ. އެއާއެކު ދެ ލޯ ހަނިކޮށްލެވުނެވެ. މާހައުލަށް ސަމާލުކަން ދޭން ބޭނުން ވިޔަސް އޭނައަށް މަންޒަރުތައް ރަނގަޅަށް ސާފުވާ ގޮތެއް ނުވިއެވެ. ވަށައިގެން އޮތް މާހައުލު އޭނައަށް ފެންނަނީ ފުސްކޮށެވެ. ބޮލަށް ބަރުވެ ހަށިގަނޑު ލޮޑުވެފައިވާކަން ވެސް އިހުސާސްކުރެވެމުން ދިޔައެވެ.
އުނދަގުލުން ހަށިގަނޑު ސީދާކޮށްލަމުން ރުހައިމްއަށް އެނދުގައި އިށީނދެވުނެވެ. ބޮލަށް އަރާފައިވި ތަދުގެ ސަބަބުން އޭނައަށް އެއްވެސް ކަމަކަށް ސަމާލުކަން ދިނުން ފަސޭހަކަމަކަށް ނުވިއެވެ. ނަމަވެސް ވަގުތާއެކު މާހައުލަށް ހޭނި މަންޒަރުތައް ސާފުވާން ފެށުމާއެކު އޭނައަށް ފުރަތަމަ ލިބުނީ ހައިރާންކަމެވެ. ދެލޯ ބޮޑުކޮށްލެވުނީ ލޮލުގެ ފެނުން ބަލިކަށިވެފައިވާހެން ހީވާތީއެވެ. ކޮޓަރިއަށް ސަމާލުކަން ދޭން ވެސް ވަގުތުކޮޅެއް ނެގިއެވެ.
ކޮޓަރިއަށް ކުޑަވަރެއްގެ ނިގޫރޯޅިއެއް އަރާފައިވާ ކަހަލައެވެ. މުޅި ތަނުގެ ތަރުތީބު ވަނީ ގެއްލިފައެވެ. ބާލީސްތަކާއި ބަނާތު ވެސް އޮތީ ޓައިލްސްތަކުގެ މައްޗަށް އުކާލެވިފައެވެ. އެނދުގައި ބެޑްޝީޓެއް ވެސް ނެތެވެ. އޭނަގެ އަންނައުނުތައް ވެސް އުކާލެވިފައިވާ މަންޒަރު ފެނުނެވެ. ހިތަށް ނުތަނަވަސްކަމާއި ހައިރާންކަން ވެރިވެގެން ދިޔައީ އަންހެނެއްގެ އަންނައުނުތައް ވެސް ލޮލުގައި އަޅައިގަތުމުންނެވެ. ސުވާލު އުފެދިފައިވާ ހާލު ބަލަން އިންދާ އަނެއްކާ ވެސް ގިސްލުމެއްގެ އަޑު އޭނަގެ ކަންފަތުގައި ޖެހުނެވެ.
ހައިރާންކަމާއެކު ހުރިހާ ދިމާއަކަށް ރުހައިމްއަށް ނަޒަރު ހިންގާލެވުނެވެ. ހިތަށް ސިހުމާއި ބިރުވެރިކަމާއި އެކުވެ ނުތަނަވަސްކަން ވެރިވެގެން ދިޔައީ ރީތިވާމޭޒާއި އަލަމާރިއާ ދެމެދު ހުރި ހުސްޖާގައިގެ ތެރޭގައި އަންހެނަކު ނިވާވެގެން އިންހެން ހީވުމުންނެވެ. އަދިވެސް ހިސާބަކަށް މަންޒަރުތައް ފުސްވެފައިވުމުން އެއީ ކާކުކަން އޭނައަށް ރަނގަޅަށް ދޭހައެއް ނުކުރެވުނެވެ. ހިތުގައި ބިރުވެރިކަމުގެ ވިންދު ޖަހާލިއެވެ.
ހިތަށް ވެރިވި ނުތަނަވަސްކަމާއެކު ރުހައިމްއަށް ކޮޅަށް ތެދުވެވުނެވެ. އޭނަ ހުރި ހާލަތު ރުހައިމްއަށް ރޭކާލީ ދެނެވެ. ހަށިގަނޑުގައި ނިވާކަމެއް ނެތްކަމާ މެދު ވެސް ވިސްނާލެވުނީ ދެނެވެ. އެއާއެކު ރުހައިމްގެ ހިތަށް ބިރުވެރިކަން ސަވާރުވާން ފެށިއެވެ. ލޮލަށް ފެންނަމުން ދިޔަ މަންޒަރުތަކާއި އޭނަ ހުރި ހާލަތުން ގުޅުވައިދޭން އުޅުނު ހަޤީޤަތުގެ ސަބަބުން މީހާ ފިނިވެއްޖެއެވެ. އެ ހިޔާލުތަކުން ސިކުނޑީގެ މަސައްކަތަށް ވެސް ހިނދުކޮޅަކަށް ހުރަސް އެޅުނެވެ. ހުރި ފިޔަވަޅުމަތީ ގަނޑުވެފައި ހުރެވުނީ ބިރެއް ފެނުނު ފަދައަކުންނެވެ. ހަރަކާތެއް ކޮށްލައިފި ކަމުގައި ވިޔަސް ދައްކައިދެމުން އެދާ ހަޤީޤަތާ ކުރިމަތިލާން ޖެހިދާނެތީ އެކަމުގެ ބިރުވެރިކަން ރުހައިމްގެ ހިތުގައި އޮތެވެ. ހަމައެއާއެކު އޭނަ އުޅެމުން އެދަނީ ބިރުވެރި ހުވަފެނެއްގެ ތެރޭގައި ހެން ވެސް ހީވާން ފެށިއެވެ. އެހެން ވެއްޖެނަމަ އެބިރުވެރި ހުވަފެނުން ހޭލަން އޭނަ ބޭނުން ވިއެވެ. މިފަދަ ނުތަނަވަސްކަމާއި ކުރިމަތިލާން ބޭނުން ނުވާތީއެވެ. އޭނަގެ އަތުން އެފަދަ ބޮޑު ކުށަކަށް އަރައިގަނެވިދާނެކަން ޤަބޫލުކުރަން ރުހައިމްއަށް ދަތިކަމަކަށް ވިއެވެ. ހިތުގައި ޖަވާބު ނުލިބޭ އެތައް ސުވާލެއް އުފެދިފައި ވިއެވެ. އެސުވާލުތަކުން މީހާގެ ހަމަޖެހުން ނަގާލައިފިއެވެ. ނޭވާ ހާސްކުރުވިއެވެ. ކަރަށް ދަން މަޅިއެއް މެހިފައިވާ ކަހަލައެވެ. ނޭވާލާން ވެސް އިންތިހާއަށް އުނދަގޫ ވިއެވެ.
ކޮޓަރިއަށް ނަޒަރު ހިންގަމުން ދިޔަ ރުހައިމްގެ ނިތުން ފިނި ދަލެއް ހިތްލާލައިފިއެވެ. އިރާލެވިފައި އޮތް ހެދުން ވެސް އޭނައަށް ފެނުނެވެ. ނުތަނަވަސްކަމާއެކު ރުހައިމްއަށް މޫނުގައި ފިރުމާލެވުނެވެ. އެހެން ހުއްޓާ އަނެއްކާ ވެސް ރުއިމުގެ އަޑު އޭނަގެ ކަންފަތާ ހަމައަށް ފޯރިއެވެ. އެއާއެކު އޭނައަށް ފެންނަމުން އެދަނީ ބިރުވެރި ހުވަފެނެއް ނޫންކަން ޤަބޫލުކުރަން އޭނަގެ ޒަމީރަށް މަޖުބޫރުވިއެވެ. ހާސްކަމާއެކު ފުން ނޭވާތަކެއް ދޫކޮށްލެވުނެވެ. ޓައިލްސްތަކުގެ މައްޗަށް އުކާލެވިފައި އޮތް ބޮކްސާ ފެނުމުން ރުހައިމް ފުރަތަމަ ވެސް އަވަސްވެގަތީ އައުރަ ނިވާކުރުމަށެވެ. އެއަށްފަހު ޖިންސް ވެސް ފަޔަށް މަހައިލިއެވެ.
ރީތިވާމޭޒާއި ދިމާއަށް ރުހައިމް ބަލައިލީ ބިރެއް ފެނިފައިވާ ފަދައަކުންނެވެ. ރުއިމުގެ އަޑު އަންނަމުން ދިޔައީ އެދިމާ އިންނެވެ. ހަށިފުރާ ފުން ނޭވާއެއް ދޫކޮށްލެވުނެވެ. މަޖުބޫރުން ވިޔަސް އެނަފުސު ތައްޔާރުކޮށްލާ ފަދައަކުންނެވެ.
ފިޔަވަޅަކަށްފަހު ފިޔަވަޅެއް ރުހައިމް ކުރިއަށް އެޅިއެވެ. އޭރު އޭނަގެ ހިތުގައި ވަނީ ނުތަނަވަސްކަމުގެ ހައިޖާންގަނޑެއް އުފެދިފައެވެ. މުޅި ނަފުސަށް ސަވާރުވެފައިވަނީ ސިހުމެވެ.
ރީތިވާމޭޒާއި ކައިރިވުމާއެކު ރުހައިމްގެ ފިޔަވަޅުތައް ބިމުގައި ތަތްލައިފިއެވެ. އިތުރު ހަރަކާތެއް ވެސް އޭނައަކަށް ނުކުރެވުނެވެ. ސިހުމާއި ބިރުވެރިކަން އެމޫނުމަތިން ފެންނަމުން ދިޔައެވެ. ދެލޯ ބޮޑުކޮށްލަމުން ބަލަން ހުރެވުނެވެ. ލޮލަށް ފެންނަ މަންޒަރުތަކާ މެދު ހިތުގައި ސުވާލު އުފެދިފައިވާ ހާލުގައެވެ. އެހަޤީޤަތާ ކުރިމަތިލާން ބޭނުންނުވާތީއެވެ. އޭނަގެ އަތުން އެފަދަ ބޮޑު ޖަރީމާއެއް ހިނގާފާނެކަން ޤަބޫލުކުރަން ދަތިވާތީއެވެ. އޭނަގެ އަމަލުތައް އެފަދަ ދަރަޖައަކަށް ގޮސްފާނެކަން ވެސް ޤަބޫލުކުރަން ދަތިވާތީއެވެ.
މިއީ ނުބައި ސަމާސާއެއް ހެއްޔެވެ؟ މިއީ އޭނައަށް ފެންނަމުންދާ ބިރުވެރި ހުވަފެނެއް ހެއްޔެވެ؟ ހުވަފެނެކަށް ވާނަމަ އަސްލާއި އެއްގޮތް ވަނީ ކީއްވެގެން ހެއްޔެވެ؟
ރުހައިމްއަށް ދެފަރާތަށް ބޯހޫރާލެވުނެވެ. އޭނަގެ ނަޒަރު އޭނައަށް ކެހިދެނީއޭ ހީވާތީއެވެ. އެހެނަސް ފެންނަމުންއެދާ މަންޒަރަތަކާއި ކަންފަތަށް އިވެމުން އެދާ ވޭނީ ގިސްލުމުގެ އަޑަށް ކުޑަމީސް ބަދަލެއް ނައެވެ. ހަޤީޤަތާ ކުރިމަތިލާން މަޖުބޫރުކަމަކަށް ވީ ދެނެވެ. ކުއްލިޔަކަށް އޭނަގެ މުޅި ވުޖޫދަށް ވެސް ހުއްޓުމެއް އައިސްފިއެވެ. މީހާ ވަނީ ސިހުމާއި ބިރުވެރިކަމެއްގެ ކިއްލާއެއްގެ ތެރޭގައި ކަސްތަޅު އެޅިފައެވެ. ހިތުގެ ތެޅުން ވެސް އަވަސްވެ ނޭވާގެ ހިނގުން އަވަސް ވެއްޖެއެވެ. ކޮޓަރިއަށް ފެތުރިފައި އޮތް އޭސީގެ ފިނިކަމުގެ ތެރޭން ވެސް ދަލުން މީހާ ފެންވެރިއްޖެއެވެ.
ރީތިވާ މޭޒުގައި ބުރަކަށި ޖައްސައިގެން އިން ޔަޝްފީ އިނީ ޚަބަރުހުސްވެފައިވާ ގޮތަކަށެވެ. ގިނައިރު ރުއިމުގެ ސަބަބުން ލޮލުގެ ކައިރި ފަށަލަ ވަނީ ދުޅަވެ ރަތްވެފައެވެ. ކޯތާފަތް ވަނީ ނޫފައިގެންފައެވެ. ބާރުގަދަ ހަމަލާއެއް އަމާޒުވެފައިވާ ކަހަލައެވެ. ކޮލުގައި އިނގިލިތަކުގެ ނިށާންވެސް ހުއްޓެވެ. އަނގައިގައި ބަނދެފައި އޮތް ފޮތިގަނޑުގެ ތެރޭން އިރުއިރުކޮޅާ ގިސްލުމެއްގެ އަޑު ނިކުމެގެން ދެއެވެ. ބަނދެފައިއޮތް ދެއަތާއެކު ވެސް ބެޑްޝީޓަކުން ހަށިގަނޑު ނިވާކުރަން ބެޑްޝީޓް ވަނީ ހަށިގަނޑުގައި އޮޅާލާފައެވެ. ނިކަމެތިކަމުގެ އިންތިހާއެވެ.
''ޔަޝްފީ...'' ރުހައިމްއަށް އޭނަގެ ދުލުން އެލަފްޒުތައް ބޭރުކުރެވުނީ އުނދަގުލާއެކުގައެވެ. އަޑުގައި މަޑު ތުރުތުރުލުމެއް އެކުލެވިގެން ވިއެވެ. އޭނައަށް މަޑުމަޑުން ޔަޝްފީގެ ގާތަށް ތިރިވެވުނެވެ.
ޔަޝްފީ އިން ހާލަތު ފެނި ރުހައިމްގެ ދެލޮލުން އުދާސްކަން ފާޅުވިއެވެ. އެއީ އޭނަގެ އަތުން ދެވުނު އަނިޔާ ބާވައޭ ހިތާއި ސުވާލުކުރެވުނެވެ. ސިކުނޑިއަށް ބާރުލިކަމުގައި ވިޔަސް ހަނދާންތައް ބަލިކައްޓެވެ. ހަނދާންތައް ފުސްވެފައިވާ ކަހަލައެވެ. އޭނަގެ އަމަލުތައް އެދަރަޖައަށް ދާން ޖެހުނު ސަބަބެއް ހޯދައެއް ނުގަނެވުނެވެ.
ރުހައިމްގެ އަޑު ކަންފަތުގައި ޖެހުމުން ޔަޝްފީ ތެޅިގަތެވެ. އަދި ރުހައިމްއާ ދުރަށް ޖެހިގަންނަމުން ރީތިވާމޭޒާއި އަލަމަރިއާ ދެމެދުގައި ހުރި ހުސްޖާގައިގެ ތެރެއިން އޭނަ ނިކުތެވެ. ކަރުބުޑުން ހަޅޭއްލަވަމުން ރުހައިމްއާ ދުރަށް ދާން ފެށިއެވެ. އަނގައިގައި ބަނދެފައިވާ ފޮތިގަނޑުގެ ސަބަބުން އަޑު ނިކުންނަނީ ހިނދިގިނެންނެވެ.
''ޔަޝްފީ...'' ރުހައިމްއަށް ގޮވާލެވުނެވެ. އެއަޑުގައި މޮޅިވެރިކަން އެކުލެވިގެން ވިއެވެ. ޔަޝްފީ ހުރި ހާލަތާ މެދު އޭނަގެ ހިތުގައި ގިލަންވެރިކަން އުފެދުނެވެ. ރުހައިމްއަށް އޭނަގެ އަތްތިލައަށް ބަލައިލެވުނެވެ. އެއަށްފަހު ޔަޝްފީއަށް ވެސް ބަލައިލެވުނެވެ. ފެންނަމުން ދިޔަ ހުރިހާ ކަމަކުން ހެކިދެމުން ދިޔަ ކަންތަކުން ރުހައިމްއަށް އިސްޖަހާލެވިއްޖެއެވެ. އޭނަގެ ހިތުގައި އެތައް ސުވާލެއް ފުނިޖެހިފައި ވިއެވެ. ވިސްނަން ސިކުނޑިއަށް ބާރު ލިޔަކަސް ޖަވާބެއް ނުލިބުނެވެ. ވިސްނަން މަސައްކަތްކުރި ވަރަކަށް ބޮލުގެ ރިހުން ގަދަވުން ނޫންކަމެއް ނުވިއެވެ. ރޭގެ ހަނދާންތަކާ މެދު ވިސްނަން އުޅުމުން ސިކުނޑީގެ ނާރުތަކަށް ވާންވެ ބޮލަށް ބަރުވާން ފެށިއެވެ. އޭނަގެ މުޅި ޖިސްމުގައި ރިހުމެއް އެފެދުނެވެ. ކުށްވެރިކަމުގެ އިހުސާސްތަކުން އަތުގައި ހިލިހިލާ ޖެހިގެން ދިޔައެވެ.
''މިއީ ހަމަ އަހަރެންގެ އަތުން ކުރެވުނު ކަންތައްތަކެއްތަ؟، އެކަމަކު އަހަރެންގެ އަމަލުތައް މި ދަރަޖައަށް ދާންވީ ކީއްވެގެންތަ؟، ޔަޝްފީ، ޔަޝްފީ މިކޮޓަރިއަށް އައީ ކޮން އިރަކުތަ؟... އެންމެފަހުން ވެސް އަހަރެން ހަނދާން ހުރީ ލިފްޓުން ނިކުމެގެން ކޮޓަރިއަށް ދިޔަ ހަނދާން، އެއަށްފަހު ވެދިޔަ ކަންތައް އެހާ ރަނގަޅަކަށް ހަނދާނެއް ނުކުރެވޭ... އެއީ ކީއްވެތަ؟، އަހަރެންގެ އަތުން ކުށެއް ނެތް އަންހެން ކުއްޖެއްގެ ދިރިއުޅުން ނަގާލެވުނީތަ؟...... އަހަރެން ހަދަން ވީ ކިހިނެއްތަ؟...'' ރުހައިމްއަށް ގޮތް ހުސް ވިއެވެ. އެފަދަ ހާލަތަކަށް އޭނަގެ ދިރިއުޅުން ދުވަހަކު ގޮސްފާނެ ކަމަކަށް ހީވެސް ކުރެވިފައި ނުވުމުން، އެހާލަތުގައި ކަންތައް ކުރަންވީ ކިހިނެއް ކަމެއް ރުހައިމްއަކަށް ނޭނގުނެވެ. މަސްލަހަތު ހަމައަކަށް ނޭޅުވޭނެކަން އޭނައަށް ޔަޤީންވާތީއެވެ. ކުރެވިފައިވާ ކަންތަކާއި އެކަމުން ލިބުނު ގެއްލުންތައް އިއާދަ ނުކުރެވޭނެތީއެވެ.
''ޔަޝްފީ...'' ހަމްދަރުދީގެ ނަޒަރަކުން ޔަޝްފީއަށް ރުހައިމް ބަލައިލިއެވެ. ރުހައިމްގެ ދެލޮލުގައި މޮޅެވިރިކަން ވިއެވެ.
ރުހައިމް ކުރިއަށް އެޅި ކޮންމެ ފިޔަވަޅަކާއެކު ޔަޝްފީ ޖެހުނީ ފަހަތަށެވެ. އެންމެފަހުން އޭނައަށް އަމާންކަން ދޭން ޖެހުނީ ސޯފާގައި އޭނަގެ ބުރަކަށި ޖެހުމުންނެވެ. އޭރު އޭނަ އިނީ ރުހައިމްއާއި ސޯފާއާ ދެމެދު ހައްޔަރުވެފައެވެ. ލޮލަށް ކަރުނަ ގެންނަމުން ރުހައިމްއަށް ޔަޝްފީ ބަލައިލިއެވެ. މޫނަށް ބިރުވެރިކަމުގެ އަސަރުތައް ވެސް ގެނައެވެ. އޭނަގެ އެކްޓްކުރުމުގެ ހުނަރުގެ މޮޅުކަން ރުހައިމްއަށް އޭނަ އޭގެ އެންމެ ފުރިހަމަ ކަމާއެކު ދެއްކިއެވެ.
ރުހައިމް އައިސް ޔަޝްފީގެ ގާތަށް ހުއްޓުނެވެ. ޔަޝްފީއާ ކުރިމަތިލާން ޖެހިލުންވެފައިވާކަން އެމޫނަށް ވެރިވެފައިވި ކުލަވަރުތަކުން ހެކިދެއެވެ. އެކަން ޔަޝްފީއަށް ރަނގަޅަށް ފާހަގަ ކުރެވުނެވެ. އޭނައަށް އެތެރެއިން ހިނިތުންވެވުނީ އޭނަގެ ރޭވުން ކާމިޔާބުކޮށްލެވުނީތީއެވެ.
''ރުހައިމް!، މައި ލަވް، ވައި އާރ ޔޫ ސޯ ނައީވް... އަހަންނަށް އެނގޭ ރުހައިމް ހަޤީޤަތާ ކުރިމަތިލާން އުނދަގޫވެފައިވާކަން، އެކަމަކު އެނޫން އިތުރު ގޮތެއް ނެތް، ނުވެސް ދޭނަން!!!... ރޭގައި އަހަންނާއެކު ރުހައިމް ސްލީޕް ކުރިކަން ދުވަހަކު ބަދަލެއް ނުވާނެ!...'' ޔަޝްފީއަށް ހިތާހިތުން ބުނެވުނެވެ. ކާމިޔާބީގެ ޖޯޝު އޭނައަށް އިހުސާސްކުރެވުނެވެ.
''ލެޓް މީ ހެލްޕް ޔޫ...'' ރުހައިމް ބުންޏެވެ. ޔަޝްފީގެ ގާތަށް ތިރިވަމުން ޔަޝްފީގެ އަނގައިގައި ބަނދެފައި އޮތް ފޮތިކޮޅި މޮހެލަން ރުހައިމް އުޅުނެވެ. ރުހައިމްގެ އެހަރަކާތުން ޔަޝްފީ ތެޅިގަތެވެ. ބޭނުމަކަށް ވީ ރުހައިމް އޭނައާ ކައިރިވުމުން ޖެހިލުންވެ ބިރުގަނެއްޖެކަން އަންގާށެވެ.
އަނގައިގައި ބަނދެފައި އޮތް ފޮތިގަނޑުން މިންޖުވުމާއެކު ހިކި ގޮތަކަށް ޔަޝްފީ ކެއްސައިގަތެވެ. އެއަށްފަހު ރޯން ފެށިއެވެ. ކުރެހިފައިވާ އަޑަކުން ރުހައިމް ގާތު އޭނައާ ދުރުގައި ހުރުމަށް ބުންޏެވެ. ވަރުދެރަވެފައިވާކަން މޫނަށް ގެނައި ކުލަވަރުތަކުން އަންގާލިއެވެ.
''ޕްލީޒް!، އިތުރަށް އަހަންނަށް އަނިޔާ ނުކުރޭ، ރޭގައި ރުހައިމްއަށް ކުރެވުނު ކަންތައް ކުޑަ ވީތަ؟... ބުނެބަލަ، އަހަރެންގެ ކޮން ކުށެއް އޮވެގެންތަ އަހަންނާ މެދު އެފަދައިން ކަންތައް ކުރީ؟، އަހަރެން ރޭގައި މިކޮޓަރިއަށް އަންނަން ޖެހުނީ ރުހައިމް ނާލާއަށް ދޭން ގަތް އެއްޗެހި ހުރި ކޮތަޅު އަހަރެންގެ އަތުގައި އޮތީމަ، އެކަމަކު އަހަރެން ވެދިން އިހުސާންތެރިކަމުގެ ބަދަލު ރުހައިމް ހިފީ ކިހިނެއްތަ؟... އަހަރެންގެ މައްޗަށް ބާރުފޯރުވީ ކީއްވެތަ؟...'' ރޮމުން ގިސްލަމުން ހިތުގެ ޝަކުވާތައް ޔަޝްފީ ބަންޑުންކޮށްލިއެވެ. އޭނަގެ ވާހަކަތަކުން އިތުރަށް ރުހައިމް ކުށްވެރިކުރަން އުޅުނެވެ. އޭނަގެ މައުސޫމްކަން އަންގައިދޭން ބޭނުން ވިއެވެ. ރޭގެ ހާދިސާގެ ހަނދާންތައް ރަނގަޅަށް ރުހައިމްއަށް ހަދާން ނުކުރެވޭނެތީ އެކަމުގެ ފައިދާ ނަގަން އޭނަ ހުރީ ގަސްދުކޮށްގެންނެވެ. އޭނަ ކުރަހާފައި ދައްކާ މަންޒަރެއް ވިއްޔާ ރުހައިމް ޖެހޭނީ ޤަބޫލުކުރާށެވެ. އިތުރު ގޮތެއް ރުހައިމްއަކަށް ނޯންނާނެއެވެ.
''ނާލާ...'' ޔަޝްފީގެ ދުލުން ނާލާގެ އަޑު އިވުމާއެކު ރުހައިމްގެ ހިތުގައި ތޫނު ތަދެއް އުފެދިގެން ދިޔައެވެ. އެވޭނާއި ކެކުޅުން މުޅި ޖިސްމަށް ފޭދުނެވެ. އޭނަގެ ހިތް ބިރުވެރިކަމާއެކައި ތެޅެން ފެށިއެވެ. ކަންފަތަށް އިވުނު ޖުމްލައިން އޭނަގެ މުޅި ދުނިޔެ ބަނަވެއްޖެކަން އިހުސާސްކުރެވުނެވެ.
''އަހަރެން ދުވަހަކު ހިޔެއް ނުކުރަން ރުހައިމް ތިކަހަލަ މީހަކަށް ވެދާނެޔޭ، ކުށެއް ނެތް އަންހެންކުއްޖެއްގެ އިއްފަތްތެރިކަން ނަގާލާނެޔޭ، އަހަރެން މީހުންނަށް ދައްކާނީ ކޮން މޫނެއްތަ؟... މިކަންތައް ހާމަ ވެއްޖެނަމަ މީހުން އަހަންނާ މެދު ދެކޭނީ ކިހިނެއްތަ؟... އަހަރެން މުޅި ދުނިޔެއަށް ބަދުނާމުވާނީ!، ރުހައިމް މިކަމުން ރެކިގަތުމުން ހުރިހާ ބަދުނާމެއް ވާނީ އަހަރެން، އަހަރެންގެ ވާހަކަތައް އެއްވެސް މީހަކު ޤަބޫލެއް ނުކުރާނެ...'' ގިސްލަމުން ޔަޝްފީ ވާހަކަދެއްކިއެވެ. ރުހައިމްއަށް އެންމެ ސުވާލެއް ވެސް ކުރުމުގެ ފުރުސަތެއް އޭނަ ނުދިނެވެ. ވީހާވެސް އަވަހަކަށް ކުށްވެރިކަމުގެ ހިލިހިލާ ޖަހައި އޭނަގެ މުށު ތެރެއަށް ރުހައިމް ގެންނަން ބޭނުންވާތީއެވެ.
''އަހަރެން ހާދަ އާދޭހެއް ކުރީމާ، އެކަމަކު އެއާދޭސްތަކަށް ރުހައިމް ދިނީ ބީރު ކަންފަތެއް... ޔޫ ރޭޕްޑް މީ...'' ޔަޝްފީ ރޯން ފެށިއެވެ. އިރުއިރުކޮޅާ ގިސްލާން ފަށައެވެ. ''އަހަރެން ހާދަ ރެސްޕެކްޓެއް ކުރީމޭ ރުހައިމްއަށް، އެކަމަކު އަހަރެންގެ މައްޗަށް ރުހައިމް ތިވަނީ އަނިޔާވެރިވެފައި...''
ރުހައިމްއަށް ޚިޔާރުކުރެވުނީ ހިމޭންކަމެވެ. ހިތުގައި އެތައް ސުވާލެއް ވިޔަސް އެސުވާލުތައް ދުލާ ހަމައަށް ގެންނަން އޭނަ ފަސްޖެހުނެވެ. ޔަޝްފީ އިން ހާލަތުގެ ސަބަބުންނެވެ. ހަމައެއާއެކު ޔަޝްފީގެ މައްޗަށް އަނިޔާވެރިވުމަށްފަހު ސުވާލުކުރުމުގެ ހައިސިއްޔަތެއް ވެސް އޭނަގެ ނެތް ފަދައެވެ. ޔަޝްފީގެ ވާހަކަތަކުން ކޮންމެވެސް ވަރަކަށް ރޭގެ ހާދިސާގެ މަންޒަރުތައް ލޯކުރިމަތިން ހުރަސްކަނޑާލިއެވެ. އެއާއެކު ސިހިފައި ރުހައިމްއަށް ފަހަތަށް ޖެހިލެވުނެވެ.
''އަހަރެން ބޭނުމީ ދާން...'' ކަރުނަތައް އަމިއްލަ އިހުތިޔާރުގެ ދަށަށް ގެންނަން މަސައްކަތްކުރަމުން ޔަޝްފީ ބުންޏެވެ. އަދި ފުންނޭވާއެއް ލިޔެވެ. ކޮޓަރިއަށް ދިން އަވަސް ނަޒަރާއެކު އަނެއްކާ ވެސް ރޯން ފެށީ އޭނަގެ އަންނައުނުތައް ފެނުމުންނެވެ. އެކަމުން ވެސް ރޭގެ ބިރުވެރި ހާދިސާ ހަނދާންވެއްޖެކަން ރުހައިމްއަށް އަންގައި ދޭށެވެ.
ހަދާނެ ގޮތެއް ރުހައިމްއަކަށް ނޭނގުނެވެ. އޭނަގެ ސިކުނޑިވަނީ ހާސްކަމެއްގެ ތެރޭގައެވެ. ހަތަރުއުދަރެސްފެނުޖެހިފައިވާ ކަހަލައެވެ. ރޭގެ ހާދިސާ އޭނައަށް ރަނގަޅަށް ހަނދާންވާ ގޮތެއް ނުވިއެވެ. އޭނަގެ އަމަލުތައް އެފަދަ ދަށު ދަރަޖައަކަށް ދާން ޖެހުނު ސަބަބެއް ވެސް ހޯދައި ނުގަނެވުނެވެ. މުޅި މީހާ ވަނީ އޮޅުންބޮޅުންގަނޑެއްގެ ތެރޭގައެވެ. ކުށްވެރިކަމުގެ އިހުސާސްތަކުން އޭނަގެ މުޅި ނަސުފު ބަލިކަށިކޮށްފިއެވެ.
ޔަޝްފީ ބޭނުންވާ ފަދައިން ކަންތައްކޮށްދޭން ރުހައިމް އަވަސްވެގަތެވެ. އެތަނުގައި ޔަޝްފީ މަޑުކުރުން އެއީ ބުއްދިވެރި ގޮތެއް ނޫންކަން ވިސްނޭތީއެވެ. އޭނަ ފެންނަ ހިސާބެއްގައި ހުންނަން ވެސް ޔަޝްފީ ބޭނުން ނުވާނެކަން ޔަޤީންކުރެވުނީތީއެވެ. ބިރުވެރިކަމާއި ސިހުން އެހިތުގައި ވާނެތީއެވެ.
ޔަޝްފީގެ ހެދުން ވީދާލެވިފައިވުމުން އޭނައަށް ހާސްކަމާއެކު މޫނުގައި ފިރުމާލެވުނެވެ. އޭނަ ކޮޅަށް ތެދުވުނު ވަގުތު ފެނުނީ ސޯފާ ކުރިމަތީ ހުރި ކުޑަ މޭޒުމަތީ އޮތް ކޮތަޅެވެ. އެކޮތަޅުގެ ތެރޭގައި އޮތް ހެދުން ވެސް އޭނަގެ ލޮލުގައި އަޅައިގަތެވެ. އަވަސްއަވަހަށް އެހެދުން ނަގަން ހަދައިގެން ކޮތަޅު ތެރޭގައި އޮތް އަނގޮޓި ފޮށި ވެސް ބިންމައްޗަށް ވެއްޓިއްޖެއެވެ. އެއަށް އިރުކޮޅެއް ވަންދެން ބަލަން ހުރެފައި ޔަޝްފީ އަތަށް ކޮތަޅުގައި އޮތް ހެދުން ރުހައިމް ދިއްކޮށްލިއެވެ.
''ލެޓް މީ ހެލްޕް ޔޫ...'' ކޮޅަށް ތެދުވާން އުޅުނު ޔަޝްފީއަށް ރުހައިމް ބުނެލިއެވެ. ޔަޝްފީގެ މޫނަށް ބެލުން ވެސް ރުހައިމްއަށް އުނދަގޫކަމަކަށް ވެއްޖެއެވެ. އެމޫނުގައިވި އަނިޔާގެ ނިޝާންތަކުގެ ސަބަބުންނެވެ.
''ބޭނުމެއް ނޫން...'' ރުހައިމްގެ އެހީ ބޭނުންނުވާ ކަމަށް ބުނަމުން ކޮރު ޖަހަމުން ހަށިގަނޑުގައި އޮޅާލެވިފައި އޮތް ބެޑްޝީޓާއެކު ޔަޝްފީ ގޮސް ފާޚަނާއަށް ވަނެވެ.
ކޮޅަށް ހުރުމުގެ ހަކަތަ ހުސްވުމުން ރުހައިމްއަށް ސޯފާއަށް ތިރިވެވުނެވެ. އެވަގުތު އޭނަގެ ލޮލުގައި އަޅައިގަތީ ބިންމައްޗަށް ވެއްޓިފައި އޮތް އަނގޮޓި ފޮށްޓެވެ. އެއަށް ބަލަން އިން ރުހައިމްގެ ދެލޮލަށް އުދާސްކަން ވެރިވިއެވެ. ހިނދުކޮޅެއްގެ ތެރޭގައި ކަރުނައިގެ ދިލަކަން އިހުސާސްކުރެވި ލޮލަށް ކަރުނަ ޖަމާވެއްޖެއެވެ. އަނގޮޓި ފޮށި ނެގި ވަގުތު ވޭނީ އާހެއް ވެސް ރުހައިމްގެ ދުލުން ބޭރުވިއެވެ.
''ނާލާ...'' ރުހައިމްގެ އަޑުގައި ރިހުމެއް ވިއެވެ. ނާލާއާ ކުރިމަތިލާނެ ގޮތެއް އޭނައަށް ނޭނގުނެވެ. މުޅި މީހާ ބަލިކަށިވެފައިވާ ފަދައެވެ.
(ނުނިމޭ)
ވާހަކަ
ވާހަކަ