ޖީމެއިލަށް އަންނަ ސްޕޭމް އީމެއިލްތައް ހުއްޓުވުމަށް ބޮޑެތި ބަދަލުތަކެއް ގެންނަން ނިންމާފައިވާ ކަމަށް ގޫގުލް އިން ހާމަކޮށްފިއެވެ.

ގޫގުލް އިން ބުނި ގޮތުގައި މި ބަދަލު ގެންނަމުންދާ އިރު، ޖީމެއިލް ބޭނުންކުރާ ފަރާތްތަކަށް މެއިލް ފޮނުވުމަށް އަންނަ އަންގާރަ ދުވަހު ދަތިތަކެއް ކުރިމަތި ވެދާނެ ކަމަށެވެ. އަދި ޖީމެއިލް ބޭނުންކުރާ ފަރާތްތަކަށް ދުވާލަކު 5،000 އަށް ވުރެ ގިނަ ސްޕޭމް މެއިލް ފޮނުވާ ކަމަށާއި އެހެންވެ، އެކަމަށް ހައްލެއް ހޯދަދިނުން މިހާރު ލަސްވެފައިވާ ކަމަށްވެސް ގޫގުލްއިން ބުންޏެވެ.

މި މައްސަލަ ހައްލު ކުރުމަށް އީމެއިލް އެޑްރެސް އޮތެންޓިކޭޓްކޮށް، އީމެއިލް ސާވާތަކަށް މުޅިން އާ ސިސްޓަމް ކޮންފިގަރޭޝަނެއް ހަދައި އެކި އެކި ޑޮމެއިންތަކުގެ މިލްކުވެރިކަން ސާބިތުކޮށްދީ، އަދި އީމެއިލް ފޮނުވާ އައިޕީ އެޑްރެސްތައް ސްޕޫފް ނުކުރާކަން ސާބިތުކޮށްދޭން ޖެހޭނެ ކަމަށް ގޫގުލްއިން ބުންޏެވެ. އަދި އެ ބަދަލުތައް ގެނައުމަށް ޔާހޫ ފަދަ އީމެއިލްގެ ހިދުމަތްދޭ ފަރާތްކަކާ އެކު ސޮއިކޮށްފައިވާ ކަމަށާއި އެ ބަދަލުތަކަށް އަމަލުކުރަން ފަށާނީ އަންނަ އަހަރުގެ ފެބްރުއަރީ މަހު ކަމަށްވެސް ބުންޏެވެ.

މި ފިޔަވަޅުތަކުގެ ސަބަބުން ބޮޑެތި ޓެކް ކުންފުނިތަކުގެ ނަމުގައި ފޭކް އީމެއިލް ސިސްޓަމްތައް ބޭނުންކޮށްގެން އޮޅުވާލުން ހުއްޓިގެންދާނެވެ. އަދި މީގެ އިތުރުން ސްޕޭމާ ދެކޮޅަށް މެޝިންލާނިން ޓެކްނިކްސް ބޭނުން ކުރާނެ ކަމަށާއި އަދި ސްޕޭމަރުން މާޒީގެ ފިލްޓަރުތައް ހޯދުމަށް އާ އުކުޅުތައް ހޯދައިގެން ކުރިއަށްދާ އިރު، އެއީ ބޮޑު ކުރިއެރުމެއް ކަމަށްވެސް ގޫގުލްއިން ދެކެއެވެ.

މި ބަދަލުތަކަކީ އީމެއިލް ދުނިޔެއަށް "ޓިއުން އަޕް" އެއް ފަދަ ބަދަލުތަކެއް ކަމަށާއި އީމެއިލް ތަކުގައި ހުންނަ ބޭކާރު މެއިލްތަކުން ސަލާމަތްވެ، އޮމާންކަމާ އެކު ކުރިއަށް ގެންދެވޭނެ ގޮތެއް ހޯދިފައިވާ ކަމަށް ގޫގުލްގެ ޕްރޮޑަކްޓް މެނޭޖަރު ނީލް ކުމާރަން ވިދާޅުވިއެވެ. އެގޮތުން ބޭނުންތެރި އީމެއިލްތައް ރައްކާތެރިކޮށް، ޔޫޒާ ފްރެންޑްލީ އަދި ސްޕޭމް ފްރީކޮށް ބެހެއްޓުމަކީ މުޅި އީމެއިލް ކޮމިއުނިޓީގެ ސަމާލުކަން ދޭންޖެހޭ ކަމެއް ކަމަށްވެސް މެނޭޖާ ނީލް ފާހަގަ ކުރެއްވިއެވެ.

އެހެން ނަމަވެސް ގޫގުލްގެ މަޝްހޫރު ޖީމެއިލްގެ މި ބަދަލުތަކުގެ ސަބަބުން އެކި އެކި އިސްތިހާރުތައް ކޮށްދޭ ކަސްޓަމަރުންނަށް މާކެޓް ކުރުމަށް ނުވަތަ ކަސްޓަމަރުންނާ ހަމައަށް ވާސިލްވުމަށް އީމެއިލް ބޭނުން ކުރުމަށް ގޮންޖެހުންތަކެއް ކުރިމަތިވެ އެކަމުގެ އަސަރުކޮށްފާނެއެވެ. 2022 ވަނަ އަހަރު ފޮނުވި ހުރިހާ އީމެއިލްތަކުގެ ދެބައިކުޅަ އެއްބައި އީމެއިލްތަކަކީ ސްޕޭމް އީމެއިލްތަކެއް ކަމަށް ކެސްޕާސްކީ އެންޓި ވައިރަސްގެ އަންދާޒާއަކުން ދައްކައެވެ.