ކުރިއަށް އޮތް ފަސް އަހަރު ދުވަހަށް އެމަނިކުފާނު ވެވަޑައިގެންފައިވާ ވައުދުތައް ފުއްދެއްވުމަށް އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ)ގެ ވިޔަފާރިވެރިންނާއި އިންވެސްޓަރުންގެ އެހީތެރިކަމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެދިވައިގެންފިއެވެ.
އިންތިހާބީ ރައީސް ޑރ. މުއިއްޒު މިފަދައިން އެދިވަޑައިގެންނެވީ، ޔޫއޭއީން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ޝައިހް ރަހްމާން ބިން އަބްދުލް ރަހްމާން ބިން ރަހްމާ އަލް ޝަމްސީ، އެމަނިކުފާނުގެ އަރިހަށް މިއަދު ކުރެއްވި އިހްތިރާމުގެ ޒިޔާރަތުގައެވެ.
އެ ބައްދަލުކުރެއްވުމުގައި އިންތިހާބީ ރައީސް ޑރ. މުއިއްޒު ވަނީ، އެމަނިކުފާނުގެ ވެރިކަމުގެ ދައުރުގައި ޔޫއޭއީއާއެކު އޮންނަ ގުޅުން މިހާރަށްވުރެ ހަރުދަނާކުރެވި، އާ ހަރުފަތަކަށް ގެންދެވުމަށް އުއްމީދުކުރައްވާ ކަމަށް ވިދާޅުވެފައެވެ. އަދި މި ގުޅުމުގެ ތެރެއިން، އަރަބި އިސްލާމީ ގައުމުތަކާ އޮންނަ ގާތްކަން މިހާރަށްވުރެ ބަދަހިވެގެންދިޔުމަށް އުއްމީދުކުރައްވާކަންވެސް ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން ޔޫއޭއީގެ ސަރުކާރުން ރާއްޖެއަށް ވަމުންދާ އެހީތެރިކަމަށާއި ދިވެހި ދަތުރުވެރިންނަށާއި ވިޔަފާރިވެރިންނަށް ފަހިކޮށްދެމުންގެންދާ ފަސޭހަތަކަށްޓަކައި ޝުކުރުއަދާކުރައްވައި އިންތިހާބީ ރައީސް ވަނީ އާ ސަރުކާރުގެ ވައުދުތައް ފުރިހަމަކުރެއްވުމުގައި، ޔޫއޭއީ ސަރުކާރުގެ އެހީތެރިކަމާއި ވިޔަފާރިވެރިންނާއި ވުނޭރުން (އިންވެސްޓަރުން)ގެ ބައިވެރިވުމަށް އެދިވަޑައިގެންފައެވެ.
އެ ބައްދަލުކުރެއްވުމުގައި ޔޫއޭއީގެ ސަފީރު ވަނީ، ރާއްޖެ-ޔޫއޭއީގެ ގުޅުން އިތުރަށް ހަރުދަނާކުރުމަށް ދެ ގައުމުން ގުޅިގެން ކުރެވެން ހުރި މަސައްކަތްތަކަށާއި ރާއްޖޭގެ ތަރައްގީއަށް ބޭނުންވާ އެކި ދާއިރާތަކުން ފުރިހަމަ އެހީތެރިކަމާއި އެއްބާރުލުން ދެއްވާނެކަމުގެ ޔަގީން ދެއްވައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު