ހދ. ހަނިމާދޫގައި އުމުރުން ދުވަސްވީ މީހަކަށް ހަމަލީ ފޭރިއްޖެއެވެ.
ހަނިމާދޫ ކައުންސިލު އިދާރާގެ އެގްޒެކެޓިވް އިބްރާހިމް މުހައްމަދު "ވަން" އަށް މިއަދު ވިދާޅުވީ، އެ ރަށު/ އަސްރަފީގެ، އާދަމް ޔޫސުފް، 63އ. އަށް ހަމަލާދީ ފޭރުނީ ރޭ ދަންވަރު ކަމަށެވެ.
އޭނާއަށް ވަރަށް ބޮޑަށް އަނިޔާކޮށްފައިވާ ކަމަށާއި އެގޮތުން ބޮލަށް ލިބުނު އަނިޔާތަކަށް އިތުރު ފަރުވާ ހޯދުމަށް މިހާރު ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށްވެސް ވިދާޅުވިއެވެ. ނަމަވެސް އަނިޔާވި މީހާގެ ހާލަތާ ގުޅޭ ތަފުސީލެއް އަދި ނުލިބެއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި ގޮތުގައި އެ މައްސަލައިގައި 25 އަހަރުގެ ފިރިހެނަކު ވަނީ ހައްޔަރުކޮށްފައެވެ. އެނގިފައިވާ ގޮތުގައި އޭނާއަކީ ކުށުގެ ރެކޯޑް އޮންނަ މީހެކެވެ.
އިބްރާހިމް މުހައްމަދު ވިދާޅުވި ގޮތުގައި ހައްޔަރުކުރި މީހާއާ ގުޅޭ ދެ މައްސަލައެއްގެ ޝަރީއަތް މިހާރުވެސް ކުރިއަށް ނުގޮސް ހަތަރު ވަރަކަށް އަހަރުވެފައި އެބަ އޮތެވެ.
މިދިޔަ ބުރާސްފަތި ދުވަހު އައްޑޫ މަރަދޫގައިވެސް 81 އަހަރުގެ މީހަކު ބަނުމަށް ފަހު ފޭރުނު މައްސަލައެއް ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ. އެ މައްސަލައާ ގުޅިގެން ފުލުހުން ވަނީ 50 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައެވެ.