ވެރިކަމުގެ ނިޒާމު ބަދަލުކުރުމަށް ނިޒާމީ ވޯޓަކަށް ގޮސްފިއްޔާ، ރިޔާސީ ނިޒާމު ބޭއްވުމަށްޓަކައި އަމަލީގޮތުން މަސައްކަތްކުރައްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

އިމާދުއްދީން ސްކޫލުގައި މިހާރު ކުރިއަށްދާ އެމްޑީޕީގެ ގައުމީ މަޖިލިސް ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ރިޔާސީ ނިޒާމު އަދި ބަރުލަމާނީ ނިޒާމުގައި ވެސް ރަނގަޅު ކަންތައްތަކަކާއި ގޯސް ކަންތައްތަކެއް އެބަހުރި ކަމަށާއި އެމަނިކުފާނު ތާއީދުކުރައްވަނީ ރިޔާސީ ނިޒާމަށް ކަމަށެވެ.

"އެންމެ ރަނގަޅު ނިޒާމެއް ކަމަށް އަޅުގަނޑަށް ގަބޫލުކުރެވެނީ ރިޔާސީ ނިޒާމު. އަޅުގަނޑުގެ ތާއީދުވެސް އޮތީ ރިޔާސީ ނިޒާމަކަށް ނިޒާމީ ވޯޓަކަށް ގޮސްފި ކަމަށްވަންޏާ، ރިޔާސީ ނިޒާމު ބޭއްވުމަށްޓަކައި އަޅުގަނޑު އަމަލީގޮތުން ވެސް މަސައްކަތްކުރާނަން،" އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އިންތިހާބުން ނާކާމިޔާބުވިޔަސް، މަޑުން ނުތިބެ އެމްޑީޕީން ސަރުކާރު ޒިންމާދާރު ކުރުވަން ވަރުގަދަ އިދިކޮޅު ޕާޓީއެއްގެ ގޮތުގައި މަސައްކަތްކުރަން ޖެހޭ ކަމަށާއި އެ މަސައްކަތަށް އެމަނިކުފާނުގެ ފުރިހަމަ އެހީތެރިކަން ޕާޓީއަށް ލިބޭނެ ކަމަށެވެ. އަދި ޒިންމާދާރުކަމާ އެކީގައި އެމްޑީޕީން އެ މަސައްކަތްކުރަން ޖެހޭ ކަމަށް ވިދާޅުވިއެވެ.

"ޑިމޮކްރަސީއެއްގެ ވެރިކަމުގައި ތިބެ މަސައްކަތްކުރުމާއި އިދިކޮޅުގެ ގޮތުގައި މަސައްކަތްކުރުން އޮންނާނެ. އަޅުގަނޑުމެންގެ ދެން އޮތް އަމާޒަކީ ރައްޔިތުންގެ މަޖިލިސް އިންތިހާބު ކާމިޔާބުކުރުން. އެ އިންތިހާބަށް އަދި 2028ގައި އަލުން އެމްޑީޕީއަށް ވެރިކަން ހޯދައިދިނުމަށް ވެސް އަޅުގަނޑުގެ އެހީތެރިކަން ލިބޭނެ،" އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ މިހާރު ސަރުކާރުގެ އެންމެ މުހިންމު މަސައްކަތަކީ އަމާންކަމާއެކު ސަރުކާރު ބަދަލުވުމުގެ މަސައްކަތަށް އެއްބާރުލުން ދިނުން ކަމަށާއި ދެން އޮންނަ ވެރިކަމަކަށް މަސައްކަތްތައް ފަސޭހަވާނެ ގޮތަކަށް ކަންކަން ކޮށްދެއްވާނެ ކަމަށެވެ.