އެޑެކްސެލް އައިއޭއެލް އާއި ދިވެހި އަދި އިސްލާމް ދެ މާއްދާ ހިމެނޭ ރާއްޖޭގެ ގައުމީ އިމްތިހާން، އެޗްއެސްސީ އިމްތިހާން މިއަދު ފަށައިފިއެވެ.
އެޑިއުކޭޝަން މިނިސްޓްރީގެ މީޑިއާ އޮފިޝަލް މިއަދު "ވަން" އަށް ވިދާޅުވީ، މި އަހަރުގެ އެޗްއެސްސީ އިމްތިހާން ރާއްޖޭގެ 45 ސެންޓަރެއްގައި ކުރިއަށްދާ ކަމަށެވެ. އެގޮތުން ދިވެހި މާއްދާ 1,363 ދަރިވަރުން އަދި އިސްލާމް މާއްދާ 1،333 ދަރިވަރުން ހަދާ ކަމަށް ވިދާޅުވިއެވެ.
އެޑެކްސެލް އައިއޭއެލް އިމްތިހާން 44 ސެންޓަރެއްގައި ކުރިއަށްދާއިރު، އެ އިމްތިހާނުގައި 3،268 ދަރިވަރުން ބައިވެރިވެއެވެ. އެއީ އޭ ލެވެލްގައި ބައިވެރިވާ 1،465 ދަރިވަރަކާއި އޭއެސްގައި ބައިވެރިވާ 1،815 ދަރިވަރެކެވެ.
މިއަދު ފެށި އެޗްއެސްސީ އިމްތިހާން މި މަހުގެ އަށްވަނަ ދުވަހު ނިމޭނެއެވެ. އިމްތިހާންގެ ފުރަތަމަ ޓެސްޓެއްގެ ގޮތުގައި އޮތީ އިސްލާމު ކަރުދާސް އެކެކެވެ. ދޮޅުގަޑިއިރުގެ މި ޓެސްޓް އޮތީ މިއަދު ހެނދުނު 9:00 ގައެވެ.
މި ފަހަރުގެ އެޑެކްސެލް އޭލެވެލް އިމްތިހާން ފަށާނީ މި މަހުގެ ނުވަވަނަ ދުވަހުއެވެ. ފުރަތަމަ ޓެސްޓަކަށް އޮންނާނީ ބަޔޮލޮޖީ - ޔުނިޓް އެކެކެވެ. އެޑެކްސެލް އޭލެވެލް އިމްތިހާން ނިމޭނީ މި މަހުގެ 27 ވަނަ ދުވަހުއެވެ. ފަހު ޓެސްޓަކަށް ކުދިން ހަދާނީ އެކައުންޓިން-ޔުނިޓް ދޭއްގެ ޓެސްޓެކެވެ. އެއީ ތިން ގަޑިއިރުގެ ޓެސްޓެކެވެ.
ޚަބަރު
ޚަބަރު
ޚަބަރު