މަސްތުވާތަކެތި ބޭނުންކުރާކަމުގެ ތުހުމަތުވާ މީހަކު އާންމުންނަށް އުނދަގޫކުރާ މައްސަލައިގައި ހައްޔަރުކޮށްފިއެވެ.

އެ މައްސަލައިގައި މީހަކު ހައްޔަރުކޮށްފައިވަނީ، އުނދަގޫކުރާ މައްސަލަ ހައްލުނުވާތާ ގިނަ ދުވަސްތަކެއް ވެފައިވާތީ، މުހައްމަދު ސައީދު ނަމަކަށް ކިޔާ މީހަކު މިއަދު ހެނދުނުން ފެށިގެން ފުލުހުންގެ އިދާރާގައި ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް ކުރަމުންދަނިކޮށެވެ.

ސައީދު ފޭސްބުކްގައި މިއަދު އާންމުކުރި ޕޯސްޓެއްގައި ބުނި ގޮތުގައި، މި ހަޅުތާލު ފެށީ ކާށިމާ ހިނގުމާއި ދޫހިމެރި މަގުގައި މަސްތުވާތަކެތި ބޭނުންކުރާކަމުގެ ތުހުމަތުވާ މީހަކު އާންމުންނަށް އުނދަގޫކުރާތާ ދޮޅު އަހަރު ވެފައިވާ އިރު، މުއައްސަސާތަކުން އެއްވެސް ފިޔަވަޅެއް އަޅާފައި ނުވާތީއެވެ.

އަހުމަދު ފައިރިޝް ނަމަކަށް ކިޔާ މި މީހާގެ ފަރާތުން އާއިލާއަށާއި އެ ސަރަހައްދުގައި ދިރިއުޅޭ މީހުންނަށް އަދި މަގު ބޭނުންކުރާ މީހުންނަށް ބޮޑެތި އުނދަގޫތަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށް އެ ޕޯސްޓުގައި ސައީދު ބުނެފައިވެއެވެ. އޭނާ ބުނި ގޮތުގައި، މަގުމަތިން ހިނގާފައިދާ މީހުންނާ ދިމާއަށް ހަޑިހުތުރު ބަހުން އެ މީހާ މުއާމަލާތްކުރެއެވެ. އަދި ސައިކަލުތައް މަގުމައްޗަށް ނެރެ، މަގު ބަންދުކުރަން ގެންގުޅޭ ބޯޑުތައް ދަމާފައި ގެނެސް މަގުމަތީގެ ޓްރެފިކަށް ހުރަސްއެޅޭ ގޮތަށް އަމަލުކޮށްފައިވެއެވެ.

މީގެ އިތުރުން، ޝަކުވާ ހުށަހެޅި މީހާގެ އާއިލާ ދިރިއުޅޭ ގެއަށް ކުނި އަޅާފައިވާ ކަމަށާއި، އެ މަންޒަރު ދެ ފަހަރެއްގެ މަތިން ކެމެރާއަށް ރެކޯޑުކުރެވިފައިވާ ކަމަށްވެސް އޭނާ ބުނެފައިވެއެވެ. އަދި ބެލްކަނީގައި ހުރެގެން މަގުމަތިންދާ މީހުންގެ ގަޔަށް ތެޔޮ އަދި ފެން އުކާފައިވާ ކަމަށާއި، އޭގެ ތެރޭގައި ޝަކުވާ ހުށަހެޅި މީހާގެ ގަޔަށްވެސް ތެޔޮ ޖަހާފައިވާ ކަމަށް ޕޯސްޓުގައި ފާހަގަކޮށްފައިވެއެވެ. އެއްވެސް އިންޒާރަކާ ނުލައި މީހުންގެ ގަޔަށް ޕްލާސްޓިކް ފުޅި އުކައި، ހަޅޭއްލަވައި، އަދި ދަންވަރުން ފެށިގެން ފަތިސްވަންދެން މެދުކެނޑުމެއްނެތި އަޑުގަދަކުރާ ކަމަށްވެސް އޭނާ ތުހުމަތުކުރެއެވެ. ހަމައެހެންމެ، އެ މީހުން ދިރިއުޅޭ އިމާރާތަށް ވަންނަ މީހުންގެ ފަހަތުން ވަގަށް އެ އިމާރާތުގެ ތެރެއަށް އެތައް ފަހަރަކު ވަދެފައިވާ ކަމަށްވެސް ބުނެފައިވެއެވެ.

މި މައްސަލަތަކާ ގުޅިގެން ކަމާބެހޭ ފަރާތްތަކަށް ރިޕޯޓުކޮށް، މައްސަލަ ހުށަހަޅައި، އަދި ހެކިވެސް ހުށަހަޅާފައިވާނެ ކަމަށް ސައީދު ބުންޏެވެ. ނަމަވެސް ވޭތުވެދިޔަ ދޮޅު އަހަރުގެ ތެރޭގައި އެއްވެސް ބަދަލެއް އައިސްފައި ނުވާ ކަމަށާއި، އާއިލާ ރައްކާތެރިކޮށްދިނުމުގައި މުއައްސަސާތައް ނުކުޅެދިފައިވާ ކަމަށް އޭނާ ފާހަގަކުރިއެވެ. އެހެންކަމުން، އާއިލާގެ ރައްކާތެރިކަމަށްޓަކައި ފެށި މި ހަޅުތާލު ހުއްޓާލާނީ ސަރުކާރާއި ކަމާބެހޭ މުއައްސަސާތަކުން މި މައްސަލައަށް ހައްލެއް ހޯދައިދިނުމުން ކަމަށް އޭނާ ބުނެފައިވެއެވެ. އޭނާ އެދެނީ އާއިލާއަށާއި އެ މަގުތައް ބޭނުންކުރާ ހުރިހާ ފަރާތްތަކަށް ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށެވެ.

މި މައްސަލައިގައި ފުލުހުން މީޑިއާތަކަށް މިރޭ ބުނީ އުނދަގޫކުރާ މައްސަލައިގައި ތުހުމަތުކުރެވޭ ފަރާތް މިހާރު ހައްޔަރުކޮށްފައިވާ ކަމަށާއި ޝަކުވާ ލިބުމުން ގާނޫނީ އިމުގެ ތެރެއިން ފުލުހުންނަށް އެޅެން ހުންނަ ފިޔަވަޅުތައް އޭނާއާ މެދު އަޅަމުންދާ ކަމަށެވެ. އަދި ހަޅުތާލުގައި ހުރި މީހާގެ ޝަކުވާތަކަކީ ފުލުހުންގެ ވެސް ކަންބޮޑުވާ ކަމަކަށްވާތީ، އެހެން އިދާރާތަކާ ގުޅިގެން އެޅެން ހުރި ފިޔަވަޅުތައް އަޅަން މަސައްކަތްކުރާނެ ކަމަށް ފުލުހުން ބުންޏެވެ.

17 އޮކްޓޯބަރު 2026، މަސްތުވާތަކެތި ބޭނުންކުރާކަމުގެ ތުހުމަތުވާ މީހަކު އާންމުންނަށް އުނދަގޫކުރާ މައްސަލައިގައި ސައީދު އިހުތިޖާޖުގައި -- ވަން ފޮޓޯ

މިކަމާ ގުޅޭގޮތުން ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިޔާމް "ވަން" އަށް މިއަދު ވިދާޅުވެފައިވަނީ އުނދަގޫކުރާ މައްސަލައިގައި ހިމެނޭ މީހާއާ ދެކޮޅަށް މީގެ ކުރިން ވެސް މައްސަލަތައް ހުށަހެޅިފައިވާ ކަމަށާއި އެމީހާއަކީ ސިކުނޑީގެ މައްސަލައެއް ހުންނަ މީހެއް ކަމަށެވެ. އަދި ގާނޫނީ އިމުގެ ތެރެއިން ފުލުހުންގެ އިދާރާގައި ހަޅުތާލުކުރާ މީހާ އާއި އޭނާގެ އާއިލާއަށް ކުރިމަތިވާ ދަތިތަކަށް ހައްލު ހޯދައިދިނުމަށް ފުލުހުން މަސައްކަތްކުރާނެ ކަމުގެ ޔަގީންކަން ވެސް ޝިޔާމް ދެއްވިއެވެ.

މި މައްސަލައިގައި ހިމެނޭ މީހާ ހައްޔަރުކުރި ނަމަވެސް، ފުލުހުންގެ އިދާރާގައި ބަންޑުހައިހޫނުކަމުގެ ހަޅުތާލުކުރާ ސައީދު "ވަން" އަށް މިރޭ ބުނީ، މި މައްސަލައިގައި ދާއިމީ ހައްލެއް ހޯދައިދޭނެކަމުގެ ޔަގީންކަން އާންމުކޮށް އަންގައި އިއުލާންކުރަންދެން ހަޅުތާލު ކުރިއަށްގެންދާނެ ކަމަށެވެ. މިހާރު އޭނާ ފުލުހުންގެ އިދާރާގައި ބަނޑުހައިހޫނުކަމުގެ ހަޅުތާލުކުރާތާ 13 ގަޑިއިރު ވަނީ ވެފައެވެ.

މިރޭ 9:00 ހާއިރު ހެންވޭރު ޕޮލިހުގައި އިހުތިޖާޖުކުރަމުންދަނިކޮށް، ފުލުހުން ވަނީ ސައީދު އެތަނުން ބޭރަށް ނެރެފައެވެ. އޭގެ ފަހުން އޭނާ އިހުތިޖާޖުކުރަމުން ދިޔައީ އެތަނުގެ ބޭރުގައި ހުރެގެންނެވެ.

މި މައްސަލައިގައި އުނދަގޫކުރާ ކަމުގެ ތުހުމަތުވާ ފައިރިޝް އަކީ މީހަކަށް މަރުގެ އިންޒާރުދިން މައްސަލައިގައި މިއަހަރުގެ ފެބްރުއަރީ މަހު ވެސް ފުލުހުން ހައްޔަރުކުރި މީހެކެވެ. މީގެ އިތުރުން ވެސް އޭނާއަކީ ކުށުގެ ރެކޯޑު އޮންނަ މީހެކެވެ.