ވަގަށް އިސްކަންދަރު ސްކޫލަށް ވަދެ އެ ސްކޫލްގެ ޑެޕިއުޓީ ޕްރިންސިޕަލްގެ ކޮޓަރިން ވައްކަން ކުރި މީހަކު އެއް އަހަރާއި 18 ދުވަހަށް ޖަަލަށްލުމަށް ކުރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.
މި މައްސަލައިގައި ކުރިމިނަލް ކޯޓުން ހުުކުމް ކުރީ، ހދ. މަކުނުދޫ، ލުނބޯ ގަސްދޮށުގެ، ހުސައިން މަހީލްގެ މައްޗަށެވެ.
އޭނާގެ މައްޗަށް ދެ ދައުވާއެއް ދައުލަތުން ކުރިއެވެ. އެއީ އިސްކަންދަރު ސްކޫލަށް ވަދެފައިވާތީ އެނގިހުރެ ހުއްދަނޫން ތަނަކަށް ވަނުމުގެ ދައުވާއެވެ. އަދި އެތަނަށް ވަދެ އެތަނުގެ އެސިސްޓެންޓް ޕްރިންސިޕަލްގެ ކޮޓަރިއަށް ވަދެ އެ ކޮޓީގައި ހުރި މޭޒުން ވައްކަން ކޮށްފައިވާތީ ވައްކަން ކުރުމުގެ ދައުވާވެސް ކުރިއެވެ.
އޭނާ ވަނީ ވަގަށް އެ ސްލޫލަށް ވަދެ، ޑެޕިއުޓީ ޕްރިންސިޕަލްގެ މޭޒު ވަތްގަނޑުން ފައިސާތަކަކާއި ސެންޓުފުޅިއެއް ވަގަށް ނަގައިފައެވެ. އެގޮތުން ސްކޫލް ދަރިވަރުންގެ ތެރެއިން އިންޓަވަލް ނުގަނެވޭ ދަރިވަރުންނަށް އިންޓަވަލް ގަތުމަށް ސްކޫލްގެ ބެލެނިވެރިޔަކު ހަދިޔާކޮށްފައިވާ 1،000 ރުފިޔާ އާއި ސްކޫލުގެ ނެޓްބޯޅަ ކޯޗަަށް ދިނުމަށް ސްކޫލުން ޑެޕިއުޓީ ޕްރިންސިޕަލާ ހަވާލުކޮށްފައި ހުރި 5،460 ރުފިޔާ އާއި ޑެޕިއުޓީ ޕްރިންސިޕަލްގެ 9،000 ރުފިޔާ އާއި އޭނާ ބޭނުންކުރާ 2،000 ރުފިޔާގެ އިތުރުން 2،000 ރުފިޔާގެ އަގުހުރި ބްރޭންޑެއްގެ ސެންޓް ފުޅިއެއް ވަނީ ވަގަށް ނަގައިފައެވެ.
ދައުލަތުން އޭނާގެ މައްޗަށް ދެ ދައުވާކުރުމުގެ އިތުރުން، ޑެޕިއުޓީ ޕްރިންސަޕަލަށްވީ ގެއްލުމުގެ ބަދަލުގެ ގޮތުގައި 15،460 ރުފިޔާ ހުސައިން މަހީލްގެ އަތުން ނަގައިދިނުމަށްވެސް ދައުވާގައި އެދުނެވެ.
ހުށަހެޅި ދައުވާގައި ހިމެނޭ ހުރިހާ ކަމަކަށް މަހީލް އިއުތިރާފުވިއެވެ. އެހެންކަމުން އޭނާގެ އަމިއްލަ އިއުތިރާފުން ދެ ދައުވާވެސް ސާބިތުވެފައިވާތީ، ހުއްދަ ނޫން ނަތަކަށް ވަނުމުގެ ދައުވާގައި ތިންމަސް ދުވަހުގެ މުއްދަތަށް ޖަަލަށްލުމަށް، އަދި ވައްކަން ކުރުމުގެ ދައުވާގައި، ނުވަ މަހާއި 18 ދުވަހަށް ޖަލަށްލުމާއެކު، ގެއްލުމުގެ ބަދަލުގެ ގޮތުގައި 15،460 ރުފިޔާ 30 ދުވަހުގެ ތެރޭގައި ސިވިލް ކޯޓަށް ދައްކައި ހަލާސްކުރުމަށް ހުކުމްގައި އޭނާއަށް ވަނީ އަންގައިފައެވެ.
އިބްރާހިމް ޒަކީ
ހޯމް މިނިސްޓަރު އަލީ އިހްސާން
ޕޮލިސް
ޚަބަރު
ބޯފެން
ކޮމެންޓް