ގުނަވަން ޓްރެފިކް ކުރަނިކޮށް ޕާކިސްތާނުގެ ގުރޫޕެއް ހައްޔަރުކޮށްފިއެވެ.

ޕާކިސްތާނުގެ އިރު އުތުރުން އޮންނަ ސިޓީއެއްގައި އޮޕަރޭޓު ކުރަމުން ދިޔަ އެ ގުރޫޕް ހޯދައި އެކަމުގައި ހަރަކާތްތެރިވާ 8 މީހަކު ވަނީ ހައްޔަރުކޮށްފައެވެ.

ޕާކިސްތާނުގެ ފުލުހުން ވަނީ އެ ގުރޫޕުގެ އެންމެ އިސް ލީޑަރުވެސް ހައްޔަރުކޮށްފައިވާ ކަމަށް ބުނެފައެވެ. ފުލުހުން ވަނީ މީގެ ކުރިން ވެސް އެމީހާ ފަސް ފަހަރު ހައްޔަރު ކޮށްފައެވެ. ނަމަވެސް ސާބިތު ނުވުމުގެ ސަބަބުން ދޫކޮށްލަން ޖެހުނީ ކަމަށް ފުލުހުން ބުނެއެވެ.

ފުލުުހުންގެ އޮފިޝަލުންނާ ހަވާލާދީ އެ ޕާކިސްތާނުގެ ނޫސްތަކުން ބުނެފައިވާ ގޮތުގައި، އެ ގުރޫޕުން މިހާތަނަށް 300 އަށްވުރެން ގިނަ މީހުންގެ ކިޑުނީ ނަގައި މުއްސަނދިންނަށް ވިއްކާފައިވެއެވެ.

އޮފިޝަލުން ބުނެފައިވާ ގޮތުގައި، އެގުރޫޕުން މީހުންގެ ގުނަވަން ނެގުމުގެ އޮޕަރޭޝަން ކުރަނިކޮށް 3 މީހަކު މަރުވެފައިވެސް ވެއެވެ. އެގުރޫޕުން އޮޕަރޭޝަންތައް ވެސް ކުރަނީ ގެއެއްގައި ކަމަށާއި ރައްކާތެރިކަމުގެ އެއްވެސް އާލާތެއް ބޭނުންނުކުރާ ކަމަށް އޮފިޝަލުން ބުނެއެވެ.

ފުލުހުންގެ ތަހުގީގަށް ވަނީ އެމީހުން ކިޑުނީއެއް 120،000 ޑޮލަރަށް ވިއްކަމުންދާކަމަށް ސާބިތުވެފައެވެ.

ޕާކިސްތާނުގައި 2010 ވަނަ އަހަރުން ފެށިގެން ވިޔަފާރީގެ ގޮތުގައި އިންސާނުންގެ ގުނަވަން ވިއްކުމަކީ މަނާކަމެކެވެ.