''ރުހައިމް!، އަތުން ދޫކޮށްބަލަ...'' ރުހައިމްއާ ދުރަށް ދާން ޔަޝްފީ އުޅުމުން، ރުހައިމް ހިފެހެއްޓީ ޔަޝްފީގެ އަތުގައެވެ. އަދި އޭނަގެ ގާތަށް ދަމައިލިއެވެ. ޔަޝްފީ ގޮސް ލައްވީ ރުހައިމްގެ މޭގައެވެ. އެޖިސްމުގެ ހޫނުކަން އޭނައަށް އިހުސާސް ކުރެވުނެވެ.

''ދޫކޮށްބަލަ، ޔޫ އާރ ހާޓިންގް މީ...'' ބިރުވެރިކަން އަޑަށް ގެންނަމުން ޔަޝްފީ ބުންޏެވެ. އޭނަ މަސައްކަތްކުރީ ރުހައިމްއާ ދުރަށް ދާށެވެ. ރުޅިވެރިކަން ރުހައިމްގެ ނަފުސުގެ މައްޗަށް އަތްގަދަކުރާނެކަން އެނގޭ ހާލުގައެވެ. އެއީ އޭނަ ބޭނުންވާ ގޮތް ވެސް މެއެވެ.

ޔަޝްފީގެ އަޑެއް ރުހައިމްގެ ކަންފަތާ ހަމައަކަށް ނުފޯރިއެވެ. އޭނަގެ ކަންފަތް ބައްވެފައިވާ ކަހަލައެވެ. މުޅި ހަށިގަނޑުގައި ދައުރުވަމުން ދިޔައީ މީގެ ކުރިން އޭނައަށް އިހުސާސްކުރެވިފައިވާ ޖަޒުބާތުތަކެއް ނޫނެވެ. އެޖަޒުބާތުތައް އޭނަގެ ސިކުނޑިއަށް ވެސް އަތް ގަދަ ކުރިއެވެ. ވިންނުމަށް ވެސް ސަވާރުވެގަތެވެ. ހުރަސްއެޅިއެވެ. އެއާއެކު ހިތުގައި އުފެދިގެން އައި އިހުސާސްތަކާ ހަމައަށް ވާސިލުވާން އޭނަގެ ޒަމީރު ބާރުއެޅިއެވެ. މިވަގުތު އޭނައަށް ޔަޝްފީ ފެންނަމުން ދިޔައީ ވެސް މުޅިން އެހެން ނަޒަރިއްޔާތަކުންނެވެ.

''ރުހައިމް!...''

އަޑަށް ބިރުވެރިކަން ގެންނަމުން ޔަޝްފީ ބުންޏެވެ. އޭނަގެ މޫނަށް ވެސް ސިހުމުގެ އަސަރު ވެރިކުރުވިއެވެ. އެއީ ވެސް އޭނަގެ ރޭވުމުގެ ބަޔެކެވެ. ރުހައިމްގެ އަމަލުތަކަށް އޭނަ ދެކޮޅު ހެދިކަން ފަހުން ސާބިތުކޮށްދޭށެވެ. އޭނަގެ މައުސޫމްކަމާއި ކުށެއް ނެތްކަން ހާމަވާނީ އޭރުންނެވެ. އޭނަގެ ބެނުމަކީ ކުށެއް ނެތް މައުސޫމް އަންހެންކުއްޖެއްގެ މައްޗަށް ރުހައިމްއަށް ބާރު ފޯރުވުނުކަން ސާބިތުކޮށްދޭށެވެ. އޭނަގެ އިއްފަތްތެރިކަމާއި އަބުރު ރުހައިމް ނަގާލައިފިކަން އަންގައިދޭށެވެ. އޭނަގެ ދިރިއުޅުން އަނދަވަޅަކަށް ވައްޓާލައިފިކަން ވެސް ހާމަކުރާށެވެ. ކުށްވެރިކަމުގެ ކިއްލާއެއްގައި ކަސްތަޅުއަޅައި ރުހައިމް ގައިދުކުރެވޭނީ އޭރުންނެވެ.

ވިސްނުންތެރިކަމާއެކު ޔަޝްފީ އަތުރަމުން ދިޔަ ކޮންމެ މަޅިއަކުން އޭނަގެ ހަޤީޤީ ލަނޑުދަނޑިއާ ހަމައަށް ވާސިލުވުން ފަސޭހަކަމަކަށް ވަމުން ދިޔައެވެ. އޭނަ ބޭނުންވަނީ ރުހައިމްގެ ހިއްސުތަކުގެ މައްޗަށް ރުޅިވެރިކަން އިސްކުރުވާށެވެ. ރުޅީގެ މައްޗަށް އަމަލުކުރުވާށެވެ.

އޭނަގެ އަތުގެ ތެރެއިން މިންޖުވާން ޔަޝްފީ މަސައްކަތްކުރަން ފެށުމުން ރުހައިމްގެ ގާތަށް ރުޅި އަންނަން ފެށިއެވެ. ކުރިއަށް ވުރެން ބާރަށް ޔަޝްފީގެ އަތުގައި ހިފަހައްޓާލަމުން އެދެމެދުގައި އޮތް ދާއިރާ ހަނިކުރަން ފެށިއެވެ. ބާރު އޮތީ އޭނަގެ އަތުގައިކަން ހަނދާންކޮށްދެމުގެ އިޝާރާތެއްގެ ގޮތުންނެވެ.

''ޕްލީޒް... ދޫކޮށްބަލަ، އަހަންނަށް ތަދުވެޔޭ... އައުޗް...'' ދެލޮލަށް ކަރުނަ ގެންނަމުން ޔަޝްފީ ބުނެލިއެވެ. ވޭނީ އާހެއްގެ އަޑު ވެސް ބޭރުކޮށްލިއެވެ. ''ރުހައިމް، ޕްލީސް، ޔޫ އާރ ހާޓިންގް މީ!...''

ރުހައިމްއާ ދުރަށް ދާން ޔަޝްފީ މަސައްކަތްކުރިއެވެ. އަމިއްލަ ނަފުސުގެ ހައްޤުގައި ހަނގުރާމައެއް ކުރަމުންދާކަން ސާބިތުކޮށްދޭންވެގެންނެވެ. އޭނަގެ އަނބުރާއި އިއްޒަތަށް ކުރިމަތިވެފައި އޮތް ނުރައްކާތެރިކަމުން ސަލާމަތްވާން ތެޅިފޮޅިގަތެވެ. އެންމެފަހުން ރުހައިމްގެ މޭގައި އަތްއަޅާ ދުރަށް ވެސް ކޮއްޕާލައިފިއެވެ. އެފަދަ ހަމަލާއަކަށް ވިސްނައިގެން ނެތް ރުހައިމް ފަހަތަށް ދިޔަ އެވެ. ރަނގަޅަށް ބިމުގައި ފައިތިލަ ސާބިތު ނުކުރެވުމުން އޭނަ ގޮސް އެނދުގެ ކައިރިއަށް އުއްޑުން ވެއްޓި، އެނދުގެ ފޭޑީގައި ބުރަކަށި ޖެހުނެވެ. އެވަގުތު ޔަޝްފީއާއި ދިމާއަށް ރުހައިމް ބަލައިލީ ރުޅިވެރިކަމާއެކުގައެވެ. އެދެލޮލުގައި ވަނީ ނުރައްކާތެރިކަމުގެ ވިދުވަރެކެވެ. މުޅި މީހާގެ މައްޗަށް އަތްގަދަކޮށްފައިވަނީ ޝައިތާނީ ވަސްވާސްތަކުންނެވެ. އޭނައަށް ރަނގަޅަކަށް ނުވެސް ވިސްނެއެވެ. ކުރިއަށް އަޅަމުން ދިޔަ ކޮންމެ ފިޔަވަޅަކީ ސިކުނޑިއަށް ވެރިވެފައިވި ޝައިތާނާގެ ލަފާގެ މަތިން އަޅަމުން ދިޔަ ފިޔަވަޅެކެވެ. އޭނަގެ އަމަލުތައް ހުރި ގޮތާ މެދު ވެސް ވިސްނަން ރުހައިމް ބޭނުން ނުވާ ކަހަލައެވެ. ޝަހުވަތްތެރިކަން އޭނަގެ ހިއްސުތަކުގެ މައްޗަށް ބާރުފޯރުވަމުން ދާތީ އެވެ.

''އައިމް ސޮރީ...''

ރުހައިމްއަށް ބަލަން ހުރި ޔަޝްފީގެ ތުންފަތުގައި ދުވެލީ ސިއްރުވެރި ހިނިތުންވުމެކެވެ. އިރުކޮޅެއް ވަންދެން ރުހައިމްއަށް ބަލަން ހުރެފައި ކޮޓަރީގެ ދޮރާއި ދިމާއަށް ދުއްވައިގަތީ ރުހައިމް ކޮޅަށް ތެދުވުނުތަން ފެނުމުންނެވެ. ރުހައިމްގެ މޫނުމަތިން ފެންނަމުން ދިޔަ ރުޅިވެރިކަމުގެ ޝުއޫރުތަކުން ހިނދުކޮޅަކަށް ވިޔަސް ޔަޝްފީ ބިރުގަތެވެ. އޭނައަށް ވެދާނެ ގޮތަކާ މެދު ނުތަނަވަސްކަން ހިތުގައި އުފެދުނެވެ. ނަމަވެސް ކޮންމެ ފަދަ ނުރައްކަލަކާއި ކުރިމަތިލާން ވެސް އޭނަ ހުރީ އަތުކުރި އޮޅާލައިގެންނެވެ. މިހާ ހިސާބަށް އާދެވުމަށް ފަހުގައި ފަހަތަށް އެންމެ ފިޔަވަޅެއް އަޅާކަށް ވެސް އޭނަގެ ޒަމީރު އެއްބަހެއް ނުވިއެވެ. ފިނޑިއަކަށް ވެގެން އޭނަގެ ލޯބި ހާސިލު ނުކުރެވޭނެތީއެވެ.

ދުވެފައި ދިޔަ ޔަޝްފީގެ އަތުގެ އިނގިލިތަކުގެ ކުރި ކިރިޔާ ގޮސް ދޮރުގެ ތަޅުގައި ޖެހުނުކަމެވެ. ދެވަނަ ސިކުންތުގައި ފެނުނީ ޔަޝްފީގެ އަތުގައި ހިފާ ނިކަން ބާރަށް ރުހައިމް ލުއްކިއެއް ޖެހިތަނެވެ. އެދިޔަ ބާރުމިނުގައި ގޮސް ޔަޝްފީ ލައްވީ ރުހައިމްގެ މޭގައެވެ. އަތުގެ ކޮނޑުހުޅަށް އަރައިގެން ދިޔަ ތަދުގެ އިހުސާސާއެކު ޔަޝްފީއަށް ރޮވިއްޖެއެވެ. ކަރުނަ ބޮޑިވެފައިވާ ދެލޮލުން އޭނަ ރުހައިމްއަށް ބަލައިލިއެވެ.

''ރުހައިމް!، އަހަރެން ދޫކޮށްލާ، ކީއްވެތަ އަހަންނަށް ތިހެން ތި ހަދަނީ؟، ޕްލީޒް...''

އާދޭހާއެކު ޔަޝްފީ ވާހަކަދެއްކިއެވެ. އަނެއްކާ ވެސް ރުހައިމްގެ އަތުގެ ތެރޭން ނިކުންނަށް ޔަޝްފީ ގަދަ ހެދިއެވެ. ކާމިޔާބު ނުވުމުން މުށްކަވާލާފައި ރުހައިމްގެ މޭގައި ވެސް ބޮޑިއެއް އަޅައިލިއެވެ. މަޑު ގިސްލުމެއްގެ އަޑު ދުލުން ބޭރުކޮށްލީ ކާމިޔާބު ނުލިބުމުންނެވެ. އޭނަގެ ހަޔާތަށް ކުރިމަތިވެފައިވި ބާރުގަދަ ތޫފާނާ ކުރިމަތިލުން ނޫން އެހެން ގޮތެއް ނެތިއްޔޭ ހީވާ ފަދައަކުންނެވެ. މީހާގެ ނިކަމެތިކަމާއި އާރެއް ބާރެއް ނެތްކަން ހަނދުމަވެއްޖެކަން އިހުސާސްވާ ފަދައަކުންނެވެ. ރަހުމުކުރުމަށް އޭނަ އެދުނެވެ. އޭނަގެ ނިކަމެތިކަމުގެ ފައިދާ ނުނެގުމަށް އެދި އާދޭސްކުރަން ވެސް ފެށިއެވެ.

''ނޫން، އަހަންނަށް ތިހެން ނަހަދާ...''

ޔަޝްފީގެ އަތުގައި ހިފާ ދަމައިކޫއްތާފައި ގެންގޮސް އެނދަށް ގަންބަވައިލުމުން ޔަޝްފީ ރޯން ފެށިއެވެ. ޔަޝްފީގެ ރުއިމުގެ އަޑުން ރުހައިމްގެ ބޮލަށް އުނދަގޫވާން ފެށިއެވެ. ރުޅިވެރިކަމާއެކު ޔަޝްފީއަށް އޭނަ ބަލައިލިއެވެ. ރުންކުރުކަން އެމޫނުގައި ވިއެވެ.

''ޝްޝްޝް...''

ޔަޝްފީގެ ކޮލުގެ ހިފާ ފިއްތާލުމުން، އޭނަގެ މޫނު ޔަޝްފީގެ މޫނާއި ކައިރިކޮށްލުމަށްފަހު ހިމޭނުން އޮތުމަށް ރުހައިމް އަމުރުކުރިއެވެ. އެއަޑުން ވެސް ހިތްތަކުގައި ޖެހިލުންވުމާއި ބިރުވެރިކަން އުފެދޭނެއެވެ.

ޔަޝްފީގެ މެޔަށް ފިނިވެލިއެވެ. އޭނަގެ ކުރިމަތިން ފެންނަމުން އެދަނީ ރުހައިމް ނޫންކަން ޔަޤީން ކުރެވުނެވެ. ފެންނަމުން އެދަނީ ރުހައިމްގެ ސިފައިގައި ހުރި ޝައިތާނެއް ކަހަލައެވެ. ހިންދިރުވާލެވުނީ އެހެންވެއެވެ. ރުހައިމް އިންޒާރުތަކަށް ކިޔަމަންވެ ހިމޭނުން އޮތުމުގެ ވިސްނުމެއް އޭނަގެ ނެތެވެ. އަމިއްލަ ނަފުސުގެ ދިފާއުގައި ތެދުވުމުގެ ތަމްސީލު ކުޅެން ޖެހިފައި ވާތީއެވެ. ރުހައިމްއަށް ހަމަހޭވެރިކަން ލިބޭއިރުގައި ވެދިޔަ ކަންތަކުގައި ރުހައިމް ކުށްވެރިކުރެވޭނީ އޭރުންނެވެ.

ބަނޑުހައިވެފައިވާ ސިންގާއެއް ފަދައިން އެނދުމައްޗަށް ޖެހިގަންނަމުން ޔަޝްފީގެ މައްޗަށް ރުހައިމް ބާރުފޯރުވަން ފެށިއެވެ. އޭރު ރުހައިމްގެ ހަށިގަނޑަށް ތަފާތު ބަދަލެއް އައިސްފައި ވިއެވެ. ހިތުގެ ތެޅުން އަވަސްވެ ނޭވާގެ ހިނގުން ވެސް ވަނީ ކުރުވެފައެވެ. ޖިސްމުގައި އުފެދިފައިވަނީ ހަލަބޮލިކަމެކެވެ. ޔަޝްފީއާ ކައިރިވެވުމުން އެހަލަބޮލިކަން އިތުރުވެގެން ދެއެވެ. އޭނަގެ ހިއްސުތައް ހޭލަން ފަށައެވެ. އެއިން އެއްވެސް ކަމަކަށް އޭނަގެ ކޮންޓްރޯލެއް ނެތެވެ. މުޅި މީހާގެ މައްޗަށް މުޅިން އެހެން ބާރަކުން އަތްގަދަކޮށްފައިވާތީއެވެ. އެއްވެސް އިހުތިޔާރެއް އޭނަގެ ނެތެވެ. އަމުލުކުރެވެމުން ދިޔައީ ހޭލާފައިވި ހިއްސުތަކުގެ މައްޗަށެވެ.

''ނޫން... އަހަންނަށް ތިހެން ނަހަދާ، ރުހައިމް... ރުހައިމް!، ނާލާ... ނާލާއާ މެދު ވިސްނަބަލަ، ރުހައިމްގެ ތިއަމަލުން ނާލާއަށް ވާނެ ގޮތަކާ މެދު ވިސްނަބަލަ، ހެޔޮނުވާނެ، އަހަރެން ދޫކޮށްލާ، އަހަންނަށް ތަދުވެޔޭ، ރުހައިމް...''

ހެދުމުގެ ކަރުވަޅުގައި ރުހައިމް ހިފުމުން ޔަޝްފީއަށް އަވަސްއަވަހަސް ރުހައިމްގެ އަތުގައި ހިފަހައްޓާލެވުނެވެ. އަދި އާދޭސްކުރަން ފެށިއެވެ. ރުހައިމްގެ އަތް ނައްޓުވާލަން މަސައްކަތްކުރިއެވެ. ޔަޝްފީ އެހަރަކާތުން ރުހައިމް އިތުރަށް ރުޅިގަދަ ވިއެވެ. ޔަޝްފީގެ ދެއަތުގައި ހިފަހައްޓައި ބާރުކޮށްލުމަށްފަހު، އަނެއް އަތުން ޔަޝްފީގެ ހެދުމުގެ ކަރުވަޅުގައި ހިފާ ދަމައިގަތެވެ. ފަތުއަޑު ކިޔާފައި ހެދުން އިރައިގެން ދިޔައީ ދެނެވެ. ހަމައެއާއެކު ޔަޝްފީގެ ގިސްލުމުގެ އަޑު ވެސް އިވިގެން ދިޔައެވެ.

ޔަޝްފީގެ އަޑެއް ރުހައިމް ނޭހިއެވެ. އެއަޑުތަކުން އޭނަގެ ބޮލަށް ތުރާލަކަށްވެ އިތުރަށް ރުޅިގަދަވާން ފެށިއެވެ. އޭރު ރުހައިމްގެ ދެލޮލަށް މަޑު ރަތްކަމެއް ފޭދިފައި ވެއެވެ. ލޮލުގައި ވަނީ ނުރައްކާތެރިކަމުގެ ވިދުވަރެކެވެ. ދޫކުރަމުން ދިޔައީ ވެސް ފުން ނޭވާތަކެކެވެ.

ޔަޝްފީގެ ރުއިން ހިންދާލުމުގެ ބޭނުމުގައި، ޔަޝްފީގެ އަނގައިގެ ތެރެއަށް ރުހައިމް ގަންނަވާލީ ޔަޝްފީގެ ގަޔާއި ވަކިކޮށްލި ހެދުމުގެ ބައެއް ވީދާލުމަށްފަހުގައެވެ. އަދި ހަމަ އެހެދުމުގެ ބަޔަކުން ޔަޝްފީގެ އަތް ވެސް ބަނދެލިއެވެ. އަތް ބަންނަން އުޅުމުގެ ތެރޭގައި ރުހައިމްގެ އަތުގައި ޔަޝްފީ ވަކިއަޅައިގަތެވެ. ތޫނު ނިޔަފަތިތަކުގެ އެހީގައި ލޭހިލުވާލިއެވެ.

ވީ ތަދުން ޔަޝްފީގެ މޫނަށް ރުހައިމްއަށް އަތް އިސްކުރެވުނެވެ. ޒަހަމްވެފައިވާ އަތަށް ދިން އަވަސް ނަޒަރާއެކު ޔަޝްފީއަށް އޭނަ ބަލައިލީ ރުޅި އައިސް ރަތްވެފައެވެ. ކަތުރުކަށިގަނޑަށް އަރާފައިވި ވާންކަމުން ދަތްކުޑި ވިކައިގެން ހުރިކަން ވެސް ހާމަކޮށްދެއެވެ.

މޫނުމަތިން ކޮކާތައް ބުރައިގެން ގޮސް ހެޔަށް ވެސް ގޮތްތަކެއް ވިހެން ޔަޝްފީއަށް ހީވީއެވެ. އޭނަގެ ހަރަކާތްތައް ވެސް ހިނދުކޮޅަކަށް ހުއްޓުނެވެ. އޭރު ވެސް ރުހައިމްގެ ބީހުންތައް އޭނައަށް އިހުސާސްކުރެވެމުން ދިޔައެވެ. ރުހައިމްގެ ހޫނު ނޭވާތައް ވެސް އިހުސާސްކުރެވުނެވެ. ބަހާއި އަމަލުން އެކަމަށް ދެކޮޅު ހަދަމުން ދިޔަޔަސް އެހަށިގަނޑު ދިޔައީ ރުހައިމްގެ ކޮންމެ ބީހުމަކަށް އިޖާބަ ދެމުންނެވެ. ރުހުމާއެކުގައެވެ. އޭނަ ބޭނުންވި ގޮތަށް ރުހައިމްގެ ފަރާތުން ލައްޒަތު ހާސިލު ނުވިޔަސް އެގޮތް ވެސް އޭނައަށް ކަމުދިޔައެވެ. އެތެރެއިން ހިނިތުންވެވުނީ އޭނަގެ ހިތުގެ މުރާދު ހާސިލުވުމުންނެވެ. އޭނަ ދޫކޮށްލި ދުނި ތީރު އެވަނީ ލަނޑުދަނޑިއާ ހަމައަށް ވާސިލުވެފައެވެ. މިރޭގެ ހާދިސާއަށް ފަހު ބޮޑު މަންޒަރު ފެންނަން ފަށާނެއެވެ. ނާލާގެ އުފާވެރި ދިރިއުޅުން ބަރުބާދުކޮށްލެވިއްޖެކަމުގެ އުފާވެރިކަމުގެ ވިދުން ކަރުނަ ބޮނޑިވެފައިވި ޔަޝްފީގެ ދެލޮލުން ފާޅުވިއެވެ. ފުން ނޭވާއެއް ވެސް ދޫކޮށްލެވުނެވެ.

(ނުނިމޭ)