މަގާމުތަކަށް އައްޔަނުކުރައްވާނީ އެމަނިކުފާނުގެ ބަސް ވިކޭނެ ބޭފުޅުން ކަމަށާއި ހިނގާނީ ރައްޔިތުންގެ ބާރު ކަމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ.

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކާމިޔާބީ ފާހަގަކުރުމަށް ޕީޕީއެމް-ޕީއެންސީން ސޯޝަލް ސެންޓަރުގައި މިރޭ ބޭއްވި ޖަލްސާގައި އިންތިހާބީ ރައީސް، ޑރ. މުއިއްޒު ވިދާޅުވީ، އެމަނިކުފާނު ރާއްޖޭގެ ރައީސްކަމަށް އިންތިހާބު ކުރެއްވީ، ރައްޔިތުން ކަމަށާއި އެމަނިކުފާނަކީ ރައްޔިތުންގެ ހާދިމެއް ކަމަށެވެ.

"ރައްޔިތުންގެ އަތުގައި މި އޮތީ އަޅުގަނޑާ ދޭތެރޭގައި ގޮތް ނިންމުމުގެ ބާރު،" މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ، އެމަނިކުފާނުގެ ސަރުކާރުގެ ކެބިނެޓާއި ކުންފުނިތަކުގެ ވެރިންނަށް ތިއްބަވާނީ އިލްމީ އަދި ކަމަށް ގާބިލު ބޭފުޅުން ކަމަށެވެ.

"ރެއާއި ދުވާލު މަސައްކަތް ކުރައްވާނެ އެ ބޭފުޅުން. ކޮންމެ ގަޑިއަކު ވަކި ކަމެއް ހިނގަނީ ކިހިނެއްތޯ ބަލަން އަޅުގަނޑު ފޯނު ކޮށްފިއްޔާ ޔަގީނުން ވެސް ފޯނު ނަންގަވާނެ. އެހެންވީމާ އެހާ ހީވާގި ބޭފުޅުން ތިއްބަވާނީ. ކުންފުނިތައް ހިންގަވަން ވެސް ތިއްބަވާނީ އެފަދަ ބޭފުޅުން،" މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ، މަގާމުތަކަށް އައްޔަނުކުރައްވާނީ އެމަނިކުފާނަށް ފުރިހަމަ އިތުބާރު އޮތް ބަސް ވިކޭނެ ބޭފުޅުން ކަމަށެވެ. އަދި އަލަށް އެކުލަވާލާ ސަރުކާރުގައި އެހެން ބައެއްގެ ބާރު ނުހިނގާނެ ކަމަށްވެސް ވިދާޅުވިއެވެ.

"އަޅުގަނޑު ފަހު ބަސް އެ އިން ކޮންމެ ބޭފުޅަކަށް ބުނާނީ. އެ ވަރުގެ ބޭފުޅުން އަޅުގަނޑު ކޮންމެ މަގާމަކަށް ވެސް ލާނީ،" މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވެރިކަމުގެ ހުވާކުރައްވާނީ އަންނަ މަހުގެ 17 ވަނަ ދުވަހުއެވެ.