ރައްޔިތުންގެ މަޖިލީހުން ނިޒާމު ބަދަލުކުރާ ނަމަވެސް ފުރަތަމަ އަހަން ޖެހޭނީ ރައްޔިތުން ގާތު ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ނިއުސްކޮންފަރެންސްްގައި، ދައުލަތުގެ ހިންގުމުގެ ނިޒާމު ބަދަލު ކުރަން ފެނޭތޯ ބެލުމަށް ހިޔާލު ހޯދުމުގެ ވޯޓެއް ނެގުމަށްފަހު ގާނޫނު އަސާސީއަށް ގެންނަ ބަދަލުތަކަށް އިތުރަށް ރައްޔިތުންގެ ހިޔާލު ހޯދަން ނުޖެހޭ ގޮތަށް ހަދަން ގާނޫނު އަސާސީއަށް ބަދަލު ގެންނަން މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ (އިންތި)، މަޖިލީހަށް ހުށަހަޅާފައިވާ ބިލާ ބެހޭގޮތުން ރައީސް ސޯލިހު ވިދާޅުވީ، އެ އިސްލާހު އެންމެ ފުރަތަަމަ ވާންޖެހޭނީ މަޖިލީހުގެ 75 ޕަސެންޓް ވޯޓު ލިބިގެން ފާސްވާ އިސްލާހަކަށް ކަމަށެވެ.
"އެއީ މި ކުޅެވެނީ ނިޒާމާ ކަމަށްވާތީ، ވެރިކަމުގައި ހުންނަ މީހެއްގެ ދައުރާ ބެހޭގޮތުން މި ވާހަކަ ދައްކަނީ، އެ ތިންބައިކުޅަ ދެބައިން ފާސްވުމަށްފަހުގައި އަޅުގަނޑަށް ތަސްދީގުކުރަން ފޮނުވަންޖެހޭނެ، ފޮނުވީމާ އަޚުގަނޑަށް އެ ތަސްދީގު ކުރެވޭނީ ރައްޔިތުންގެ ބަހެއް ހޯދައިގެން، ގާނޫނުއަސާސީގެ އެފަދަ މާއްދާއަކަށް ބަދަލު ގެންނަންޏާ ކަންކުރަންވީގޮތް ގާނޫނުއަސާސީގައި އެބައޮތް، އެހެންވީމާ އެ ޕްރޮސެއް އައީމަ އަޅުގަނޑު ދާނަން ރައްޔިތުން ކައިރިއަށް، އެ ގެންނަ ބަދަަލަކީ ރައްޔިތުން ގަބޫލުކުރާ ބަދަލެއްތޯ ބެލުމަށް، ރައްޔިތުން ގަބޫލު ނުކޮށްފިއްޔާ އަޅުގަނޑަށް ތަސްދީގެއް ނުކުރެވޭނެ،"
ދަ ޑިމޮކްރެޓްސްގެ މެންބަރު އިމްތިޔާޒް ފަހުމީ (އިންތި) ހުށަހެޅުއްވާފައިވަނީ، ގާނޫނު އަސާސީގެ 70 ވަނަ މާއްދާގެ ދަށުން ރައްޔިތުންގެ މަޖިލީހަށް ލިބިގެންވާ ގާނޫނު ހެދުމުގެ އާއްމު ބާރުތަކުގެ ތެރެއިން ހިޔާލު ހޯދުމުގެ ވޯޓެއް ނަގާފައިވާ ކަމަކާ ގުޅިގެން ގެންނަ ބަދަލާ މެދު އާންމުންގެ ހިޔާލު އިތުރަށް ހޯދަންނުޖެހޭ ގޮތަށް ހެދުމަށެވެ.
އެ މާއްދާގައި މިހާރު އޮންނަނީ ވެރިކަމުގެ ނިޒާމު ބަދަލު ކުރެވޭނީ ގާނޫނު އަސާސީއަށް އިސްލާހު ގެނައުމުގެ ބިލެއް މަޖިލީހުން ފާސްކުރުމަށް ފަހު، އެ ބިލު ރައީސް ތަސްދީގުކުރެއްވުމުގެ ކުރިން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށެވެ.
އެގޮތް ބަދަލު ކުރުމަށް ގާނޫނު އަސާސީއަށް އިންތި ހުށަހެޅުއްވި ބިލުގެ ފުރަތަމަ ކިޔުން އިއްވުން މިއަދުގެ ޖަލްސާއަށް އެޖެންޑާ ކުރި ނަމަވެސް ކޯރަމް ހަމަނުވެގެން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ވަނީ ބޭއްވޭގޮތް ނުވެފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު