ރައްޔިތުންނަށް ރަނގަޅުވާނީ ރިޔާސީ ނިޒާމު ކަމަށް އަދިވެސް ގަބޫލުފުޅުކުރައްވާ ކަމަށާއި ގޮތް ނިންމާނީ ޕާޓީން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބުން ބަލިވެވަޑައިގަތް ފަހުން ފުރަތަމަ ފަހަރަށް ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ރާއްޖޭގައި މިހާރު އޮތް ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަށް ބަދަލު ކުރުމަށް، ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިއުމަށް، ދަ ޑިމޮކްރެޓްސްގެ ފަރާތުން މަޖިލީހަށް ހުށަހަޅައި ފާސްކޮށްފައިވާތީ، ނޫސްވެރިޔަކު ދެންނެވި ސުވާލަކާ ގުޅިގެން ރައީސް ވިދާޅުވީ، "އަޅުގަނޑު ޕާސަނަލީ ގަބޫލު ކުރަނީ، ދެކެނީ ގައުމަށް އެންމެ ފައިދާ ހުރި ގޮތަކީ ރިޔާސީ ނިޒާމު،" ކަމަށެވެ.

ރާއްޖޭގައި އޮންނަ ވެރިކަމުގެ ނިޒާމު ކަނޑައަޅަން ޖެހޭނީ ރައްޔިތުން ކަމަށާއި، އެއީ މިވަގުތު ކޮންމެހެން ކުރަންޖެހޭކަމެއްތޯ ސުވާލު އުފެދޭ ކަމަށްވެސް ވިދާޅުވިއެވެ. އަދި އެކަމާ މެދު ގޮތެއް ނިންމާނީ އެމްޑީޕީން ކަމަށާއި، އެކަމުގައި އެމްޑީޕީގެ ވިސްނުން އެ ޕާޓީން ނިންމުމުން އެއާއެކު ކުރިއަށް ވަޑައިގަންނަވާނެ ކަމަށްވެސް ވިދާޅުވިއެވެ.

ނަމަވެސް މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބަށް އިޝާރާތްކުރައްވައި ރައީސް ސޯލިހު ވިދާޅުވީ، ފަސް އަހަރުގެ މުއްދަތަށް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމަށް މިހާރު ބޭފުޅަކު އިންތިހާބު ކޮށްފައިވާ ކަމަށެވެ. އެހެންކަމުން ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް އިންތިހާބުކޮށްފައިވާ ބޭފުޅަކަށް އެ ފަސް އަހަރު ދުވަހުގެ ޖާގަ ހަނިވާގޮތަށް ގާނޫނުއަސާސީއަށް ބަދަލު ގެނައުމަކީ ރަނގަޅު ގޮތްކަމަށް ދެކެވަޑައިނުގަންނަވާ ކަމަށްވެސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ވެރިކަމުގެ ނިޒާމާ ގުޅޭ މައްސަލައިގައި، އެމްޑީޕީގެ ގައުމީ މަޖިލީހުގެ ހިޔާލުވެސް އޮތްތަން ފެންނަނީ އެކަމާ ދެކޮޅަށް ކަމަށެވެ. އެގޮތުން ގައުމީ މަޖިލީހުގެ 99 ޕަސެންޓް މި ދަނޑިވަޅުގައި ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަށް ބަދަލު ކުރުމާ ދެކޮޅު ކަމަށްވެސް ވިދާޅުވިއެވެ.

ރާއްޖޭގައި އޮންނަން ފެންނަ ވެރިކަމުގެ ނިޒާމެއް ބެލުމަށް މިމަހުގެ 30ގެ ކުރިން ރައްޔިތުންގެ އާއްމު ސިއްރު ވޯޓެއް ނެގުމަށް ރައްިތުންގެ މަޖިލީހުން ފާސްކޮށް އެކަން ކުރުމަށް އިލެކްޝަންސް ކޮމިޝަނަށް މަޖިލީހުން ވަނީ އަންގައިފައެވެ. އެކަމާ ގުޅިގެން މިމަހު 29 ގައި ވޯޓު ނެގުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމައި، އެކަމާ މެދު ގާނޫނީ ލަފާ ހޯދުމަށްފަހު، އެ ވޯޓުގައި ބޭނުންކުރާނެ ވޯޓު ކަރުދާހުގައި އޮންނަން ޖެހޭ އިބާރާތް ކަނޑައެޅުމަށާއި، އެކަމާ ބެހޭ ހޭލުންތެރިކަން ކުރިއަށް ގެންދިއުމާ ބެހޭގޮތުންނާއި، އެކަމަށް ބޭނުންވާ ބަޖެޓް ހޯދުމަށް އިލެކްޝަންސް ކޮމިޝަނުން ސިޓީއަކުން ވަނީ މަޖިލީހަށް ހުށަހަޅައިފައެވެ. ނަމަވެސް ކޯރަމް ހަމަނުވެގެން މަޖިލީހުގެ ޖަލްސާތައް ނުބޭއްވުމުގެ ސަބަބުން އެކަމަށް މަޖިލީހުން ވަނީ ގޮތެއް ކަނޑަނޭޅިއެވެ.