އިއްޔެ ބޭއްވި ރިޔާސީ އިންތިހާބު ކާމިޔާބުކުރެއްވި، އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގައި ދަ ޑިމޮކްރެޓްސް އިން ބައިވެރިވާނެކަން އެ ޕާޓީން މިއަދު އިއުލާން ކޮށްފިއެވެ.
ދަ ޑިމޮކްރެޓްސްގެ މުއައްސިސް އަދި ހެންވޭރު ހުޅަނގު ދާއިރާގެ މަޖިލިސް މެމްބަރު ހަސަން ލަތީފް ޕާޓީގެ ފަރާތުން އެކަން އިއުލާނު ކުރައްވާފައިވަނީ މިރޭ ކުރެއްވި ޓުވީޓެއްގައެވެ.
"ދެން އުފެދޭ ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމެއްގައި ދަ ޑިމޮކްރެޓްސް ބައިވެރިވާނެއެވެ" ހަސަން ލަތީފް ވިދާޅުވިއެވެ.
ޑިމޮކްރެޓްސްގެ ބާނީ އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ، އެމަނިކުފާނުގެ ނުރަސްމީ އެކައުންޓުން ހަސަން ލަތީފްގެ އެ ޕޯސްޓު، ރީ-ޕޯސްޓުވެސް ކުރައްވައިފައެވެ.
"ވަން" އަށް މައުލޫމާތު ދެއްވަމުން ޕީޕީއެމް-ޕީއެންސީ ހިންގުމާ ހަވާލުވެހުންނެވި، އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ، ޑިމޮކްރެޓްސް ސަރުކާރުގައި ބައިވެރިކުރުމާ ގުޅޭ ރަސްމީ މަޝްވަރާތަކެއް އަދި ނުކުރާ ކަމަށާއި ކެމްޕެއިނުގެ ދުވަސްވަރުގައިވެސް ޑިމޮކްރެޓްސް ސަރުކާރުގައި ބައިވެރިކުރަން އެއްވެސް ރަސްމީ އެއްބަސްވުމެއް ނޯންނާނެ ކަމަށެވެ.
"ޑރ. މުއިއްޒު ވިދާޅުވެފައި އޮންނާނެ އެކުގައި މަސައްކަތް ކުރަން ތިބި ބަޔަކަށް މަރުހަބާ ކިޔާނެ ކަމަށް ކެމްޕެއިން ދުވަސްވަރު،" އަދުރޭ ވިދާޅުވިއެވެ.
މުއިއްޒުގެ ވެރިކަމުގައި ޑިމޮކްރެޓްސް ބައިވެރިވާނެ ކަމަށް ބުނެފައިވާ އިރު، އެމްޑީޕީގެ ރައީސް ކަމުގެ މަގާމުގައި ހުންނެވުމަށް ފަހު އެ ޕާޓީން ވަކިވެވަޑައިގެން އެމްޑީޕީއާ ދެކޮޅަށް މަސައްކަތް ކުރައްވަމުން ގެންދަވާ ޑިމޮކްރެޓްސްގެ ބާނީ ނަޝީދު ވަނީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ 50 ޕަސަންޓު ތާއީދު އޮތް ނަމަ، އަލުން އެމްޑީޕީއާ ގުޅިވަޑައިގަތުމަށް ތައްޔާރަށް ހުންނެވިކަމަށް މިއަދު ވިދާޅުވެފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު