ރޭގަނޑުގެ ކެއުން ކުރިއަށް ދިޔަ ވަގުތު ސަމާލުކަމާއެކު ރުހައިމްގެ މޫނަށް ޔަޝްފީ ބަލަމުން ދިޔަ އެވެ. އެމޫނަށް އަންނަ ހުރިހާ ކުލަވަރެއް ދިރާސާކުރަން ބޭނުން ވާތީ އެވެ. އޭރު ވެސް ލުއި ހިނިތުންވުމެއް ޔަޝްފީގެ ތުންފަތުގައި ދުވެލަމުން ދިޔަ އެވެ. އޭނާގެ ރޭވުން ކާމިޔާބުވާނެކަމުގެ ޔަޤީންކަން ލިބުމުން ހިތަށް ފިނިކަމެއް ލިބިއްޖެ އެވެ.
ރުހައިމް ގެނައި ކޯކު ތަށި މުޅިންހެން ހުސްވުމުން ޔަޝްފީގެ ތުންފަތުގައިވި ހިނިތުންވުން ފުންވެގެން ދިޔަ އެވެ. އޭނާއަށް ހަމަޖެހުމުގެ ނޭވާއެއް ވެސް ދޫކޮށްލެވުނެވެ.
''ސޯ ފާ އެވްރީތިންގް އިޒް ގޮއިންގް އެކޯޑިންގް ޓު މައި ޕްލޭން، ދެން އަވަހަށް ބިލަށް ފައިސާ ދައްކާފައި ހޮޓެލަށް ދާންވީ، އޭރުން ހުރިހާ ކަމެއް ފުރިހަމަ ވާނީ... އައިމް ސޮރީ ރުހައިމް، މި ނޫން އިތުރު ގޮތެއް އަހަންނަކަށް ނެތް، އަހަރެންގެ މީހަކަށް ރުހައިމް ވާން ބޭނުންވާތީ މިހުރިހާ ކަމެއް މިކުރަނީ، ފަހުން ރުހައިމް އަށް ވިސްނޭނެ، އެނާލާއާއެކު ރުހައިމް އަށް އުފާވެރި ދިރިއުޅުމެއް ނުލިބޭނެ، ހަމައެކަނި އަހަންނާއެކު ރުހައިމްގެ އުފާވެރިކަން ވަނީ، އަދި ފަހުން ވިސްނޭނެ، މިކަންތައް ނިމޭއިރު ރުހައިމްއަށް އެކަން އިހުސާސް ވާނެ، ތީހަމަ އެކަނި އަހަރެންގެ މީހެއް...'' އުނގުތެރޭގައި އޮތް އަތްތިލައިގެ އިނގިލިތައް މަހާލަމުން ޔަޝްފީ އޭނަގެ ނަފުސާއި ވާހަކަދެއްކި އެވެ.
އެވަގުތު އޭނަގެ ތުންފަތަށް ވެރިވެގެން އައީ ހީލަތްތެރިކަމުގެ ހިނިތުންވުމެކެވެ. ރުހައިމް އަށް އެއްވެސް ކަމެއްގެ ހިލަމެއް ނުވާތީ ހަމަޖެހުން އިހުސާސް ކުރެވެމުން ދިޔަ އެވެ. ނުރައްކަލުގެ ސިގްނަލެއް ފާހަގަ ނުކުރެވޭތީ އެވެ. ކެއުމަށް އިންސާފުކޮށް ނިމުމާއެކު ރުހައިމް އަވަސްވެގަތީ ބިލަށް ފައިސާ ދެއްކުމަށެވެ. މިއަދު ހަތަރުދަން ސެމިނާގެ ކަންތަކުގައި އުޅެން ޖެހުމުން ވަރުބަލިކަން ހަށިގަނޑަށް އިހުސާސް ކުރެވެމުން ދިޔަ އެވެ. އޭނާގެ ހަށިގަނޑަށް އަންނަމުން ދިޔަ ބަދަލުތަކުގެ ހިލަން ހުރައިމް އަށް ނުވީ އެހެންވެ އެވެ. މަސައްކަތުގެ މާހައުލުގެ ސަބަބުން ހަށިގަނޑަށް ބުރަކަން ލިބިފައިވީތީ އެވެ.
''އަންނާނަން ވޮޝްރޫމަށް ގޮސްފައި...'' ވެއިޓަރު ބިލް ހިފައިގެން އައުމުން ޔަޝްފީ ގޮނޑިން ތެދުވި އެވެ. އަދި ރުހައިމް އަށް އަވަސް ނަޒަރެއް ދިނެވެ.
ވެއިޓަރު ދިއްކޮށްލި ބިލް ފޯލްޑާގައި ހިފަމުން ރުހައިމް ބޯޖަހާލި އެވެ. ރުހައިމްގެ އިޝާރާތާއެކު ގޮނޑީގެ އަތްގަނޑުގައި އަޅުވާފައި އޮތް އޭނަގެ އަތްދަބަސް ހިފައިގެން ހަލުވި ފިޔަވަޅުތަކެއްގައި ޔަޝްފީ މިސްރާބު ޖެހީ ފާޚަނާއާ ދިމާ އަށެވެ. ވަކި ހިސާބަކަށް ގޮސްފައި ފިވަޅުތައް މަޑުޖައްސާލަމުން، ފަސްއެނބުރި ރުހައިމް އަށް އޭނާ ބަލައިލި އެވެ. އިރުކޮޅެއް ވަންދެން ރުހައިމް އަށް ސަމާލުވެ ބަލަން ހުރުމަށްފަހު ހިނިތުންވުމަކާއެކު އޭނަ މިސްރާބު ޖެހީ ފާޚަނާ އަށް ވަނުމަށެވެ.
ފާޚަނާއަށް ވަދެވުމާއެކު އަތުގައި އޮތް އަތްދަބަސް މޫނު ދޮންނަ ތަށިގަނޑުގެ ސްޓޭންޑް މަތީ ބޭއްވުމަށްފަހު ފާރުގައި ހަރުކުރެވިފައިވި ބޮޑު ލޯގަނޑުން އަމިއްލަ ސޫރައަށް އޭނަ ބަލައިލި އެވެ. އިސްތަށިގަނޑުގައި އައްސާފައި އޮތް ވޫލްކޮޅަށް ދަމައިގަންނަމުން އިސްތަށިގަނޑު މިނިވަންކޮށްލި އެވެ. އެއަށްފަހު އިސްތަށިގަނޑުގައި އަތް ފުނާ އަޅާލުމަށްފަހު އަތްދަބަސް ހުޅުވާލި އެވެ.
''ނީޑް ޓު ލުކް ގުޑް... ފަހުން ޖެހޭނެ އެކްޓްކުރަން ވެސް...'' އަތްދަބަހުން ނެގި މަޑު ފިޔާތޮށިކުލައިގެ ލިޕްސްޓިކުން ތުންފަތުގެ ކުލަ ގަދަކޮށްލަމުން ޔަޝްފީ ވާހަކަދެއްކި އެވެ. ބުރުސޫރަ ރީތިކުރަން ވަގުތުކޮޅެއް ހޭދަކޮށްލުމަށްފަހު ލޯގަނޑުން ފެންނަމުން ދިޔަ އަމިއްލަ ސޫރަ އާއި މެދު ހިތްހަމަޖެހުމުން، ލައިގެން ހުރި ހެދުމުގެ މަތިން އަތްތިލަ ހިންގާލީ ހެދުމުގައި ހުރި ރުލުގެ އަސަރަށް ނިމުމެއް ގެންނާށެވެ. އެއަށްފަހު ފަރާތްފަރާތަށް އެނބުރިލަމުން އަތްދަބަސް ހިފައިގެން ފާޚަނާ އިން ނިކުންނަން ހިނގައިގަތެވެ. އެދެލޮލުގެ ވިދުން އިހުނަށް ވުރެން ގަދަވެފައިވި އެވެ.
*****
ބިލްގެ ކަންތައް ނިންމާފައި އައިސް ގޮނޑީގައި އިށީންނަން އުޅުނު ރުހައިމް އަށް އޭނާގެ ބޮލަށް އެނބުރުމެއް އަރައިގެން ދިޔަ ކަމުގެ އިހުސާސް ކުރެވުނެވެ. އަވަސް އަވަހަށް އެސްފިޔަތައް ތަޅުވާލެވުނެވެ. އެއާއެކު ކޮންމެވެސް ވަރެއްގެ ލުޔެއް ލިބުނެވެ. މޭޒުގައި އެއް އަތް ވިއްދާލުމަށްފަހު އަނެއް އަތުން މޫނުގައި އޭނާއަށް ފިރުމާލެވުނެވެ. އަދި ފުންނޭވާތަކެއް ދޫކޮށްލެވުނެވެ.
''ރުހައިމް...'' ކޮނޑުގައި މީހަކު އަތްތިލަ ބާއްވާލިހެން ހީވެގެން ރުހައިމް އަށް ފަސްއެނބުރި ބަލައިލެވުނެވެ. އޭރު އޭނާގެ ފަހަތުގައި ހުރީ ޔަޝްފީ އެވެ. ކަންބޮޑުވުން އެދެލޮލުން އޭނައަށް ފާހަގަވި އެވެ. ނަމަވެސް އޭނާގެ މޫނަށް ހިތްހަމަނުޖެހުމުގެ އަސަރު ވެރިވެގެން އައީ ޔަޝްފީގެ އަމަލުގެ ސަބަބުންނެވެ.
''ސޮރީ...'' ރުހައިމްގެ ދެލޮލުގައިވި އަސަރުތައް ފާހަގަވުމާއެކު އަވަސް އަވަހަށް ޔަޝްފީ އަށް އަތްދަމައިގަނެވުނެވެ. އަދި އަތްތިލަ ފުރަގަހަށް ގެންދަމުން މުށްކަވާލެވުނެވެ. ''އާރ ޔޫ އޯކޭ؟...''
''އާނ، ކީއްވެ ތިހެން ތި އެހީ؟...'' ޔަޝްފީގެ މޫނަށް ބަލަމުން ރުހައިމް ސުވާލުކޮށްލި އެވެ. ރުހައިމްގެ ސުވާލުން ކޮންމެ ވެސް ވަރެއްގެ ނުތަނަވަސްކަމެއް ޔަޝްފީ އަށް ލިބުނެވެ. އަވަސް އަވަހަށް އޭނަ ވާހަކަދައްކަން ފެށި އެވެ.
''ރުހައިމް ހުރި ގޮތުން އަހަންނަށް ހީވީ ކަމެއް ވީހެން... ބިލް ކަންތައް ނިމިއްޖެދޯ؟... އެހެންވެއްޖެއްޔާ އަވަހަށް ދަމާ، އަދި ޖެހޭނެ އެއްޗެހި ޕެކްކުރަން ވެސް...'' ޔަޝްފީ ބުންޏެވެ. އެއަށްފަހު އޭނަ އިށީނދެގެން އިން ގޮނޑީގެ ފައި ކައިރީގައި ބަހައްޓާފައި ހުރި ކޮތަޅުތައް ނެގި އެވެ. ސިއްރުސިއްރުން ރުހައިމް އަށް ބަލަމުންނެވެ. ރުހައިމް އަށް އަންނަ ކޮންމެ ބަދަލެއްގެ ހިލަން ވާން ބޭނުންވެފަ އެވެ.
*****
ޓެކްސީއެއް ލިބެންދެން އިރުކޮޅެއް މަގުމަތީގައި ހޭދަކުރަން ޖެހުނެވެ. ދުއްވާ އެއްޗެހީގެ ބަރުގޮނުގެ އަޑާއި ލައިޓުތައް ލޮލަށް އެޅުމުން ރުހައިމް އަށް އުނދަގޫވާން ފެށި އެވެ. އެއާއެކު ބޮލަށް އަރާފައިވި އެނބުރުމުގެ ބާރު ގަދަވާން ފަށަ އެވެ. ބޮލުގެ ނާރުތަކަށް ވާންވަމުން ދިޔަކަމުގެ އިހުސާސް ވެސް ކުރެވުނެވެ. ނޭވާގެ ހިނގުން ވެސް ކުރުވާން ފަށާހެން ހީވެ އެވެ. ބައެއް ފަހަރު ވަށައިގެން ފެންނަމުންދާ މަންޒަރުތައް ވެސް އޭނައަށް ފެންނަނީ އުނދަގޫކަމާއެގުގަ އެވެ. ކުރެވެމުން ދިޔަ އާދަޔާ ޚިލާފު އިހުސާސްތަކުން ރުހައިމް އަށް ހައިރާންކަން ލިބުނެވެ. ކަނާ އަތުގެ ބޮނޑުވާއިނގިއްޔާއި ޝަހާދަތް އިނގިލި ގެނެސް ކަރުނަވަޅުގައި ޖައްސާ ބާރުކޮށްލެވުނީ ވަމުން ދިޔަ އުނދަގޫތަކަށް ކުޑަ ނަމަވެސް ލުޔެއް ލިބޭތޯ އެވެ.
''ރުހައިމް، ކިހިނެއް ވީތަ؟...'' ރުހައިމް އަށް ބަލަން ހުރެފައި ކަންބޮޑުވުމުގެ އަޑަކުން ޔަޝްފީ ސުވާލުކުރި އެވެ. އަދި ރުހައިމްއާ ގާތަށް އޭނަ ޖެހިލި އެވެ. ''ކުޑަކޮށް ބޮލުގަ ރިއްސާތީ މިއުޅެނީ، މިއަދު މާބުރަކޮށް އުޅުނީމަ ހެން ހީވަނީ، މެންދުރު ވެސް އެއްޗެއް ނުކެވުނު، އެހެންވެގެން ވާ އުނދަގޫތަކެއް ހެން ހީވަނީ...'' ރުހައިމް ޖަވާބު ދިނެވެ. މާބޮޑުކަމެއް ނުވާކަން އަންގައިދޭން ވެގެންނެވެ. ހަށިގަނޑަށް އަންނަމުން ދިޔަ ބަދަލުތަކާއި އޭނައަށް ގުޅުވާލެވުނީ އެންމެ ކަމަކާއެވެ. ސެމިނާގެ ކަންތަކުގައި ބުރަކޮށް ވަގުތު ހޭދަކުރަން ޖެހުމުގެ ސަބަބުން ހަށިގަނޑަށް އަރާމުކުރުމުގެ ފުރުސަތު ނުލިބި މާބޮޑަށް ވަރުބަލިވީ އެވެ. މިއަދު ހެނދުނުހެނދުނާ ހޭލަން ޖެހުމުން ވެސް ނިދި ފުރިހަމަ ކުރުމުގެ ފުރުސަތެއް ނުލިބުނެވެ. އެހެންވުމުން އިހުސާސްކުރެވެމުން ދިޔަ ލޮޑުކަމާއި ބޮލަށް އަރަމުން ދިޔަ ތަދާއި ގުޅުވާލެވުނީ އެކަންތަކާ އެވެ.
''އެހެންތަ؟، ރެސްޓްކޮށްލީމަ ރަނގަޅުވާނެ، އަހަރެން ވެސް ހެނދުނު ބޮލުގަ ރިއްސާތީ އުޅުނީ، އެކަމަކު ބޭސް ނެގީމަ ރަނގަޅުވެއްޖެ.. މިރޭ ފަސޭހައިން ޓެކްސީއެއް ވެސް ލިބޭ ގޮތެއް ނުވެޔޭ...'' މަގަށް ނަޒަރު ހިންގަމުން ޔަޝްފީ ބުނެލި އެވެ. ތަންކޮޅެއް ދުރުން ޓެކްސީއެއް އަންނަހެން ހީވުމުން ދުވާރު މަތިން މަގާއިވީ ފަޅިއަށް އޭނާ ނުކުތެވެ. ރުހައިމް ވެސް އޭރު އުޅުނީ ޓެކްސީއެއް ލިބޭތޯ އެވެ.
''ފައިނަލީ...'' އަތް ހޫރަމުން ދިޔަ ޔަޝްފީ އަށް ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނީ ޓެކްސީއެއް އަތު ޖެހުމުންނެވެ. ފަހަތު ސީޓުގެ ދޮރު ހުޅުވާލަމުން އޭނާ ކާރަށް އެރި އެވެ. ޔަޝްފީ އުއްމީދު ކޮށްގެން ހުރީ އޭނާގެ ގާތުގައި ރުހައިމް އިށީންނާނެ ކަމަށެވެ. ނަމަވެސް ޑްރައިވަރު ސީޓައި ޖެހިގެން ހުރި ސީޓުގެ ދޮރު ހުޅުވާލަމުން ރުހައިމް އެރީ ކުރިޔަށެވެ. ހިތްހަމަނުޖެހުމުގެ އަސަރު މޫނަށް ވެރިވިޔަސް ދޫކޮށްލި އަވަސް ނޭވާއާއެކު ޔަޝްފީ ހަމަޖެހިލި އެވެ. ވަގުތު ޖެހުމުން ބާޒީ އޭނައަށް ކާމިޔާބު ކުރެވޭނެކަމުގެ ޔަޤީންކަން ހިތުގައި އޮތީތީ އެވެ.
ޔަޝްފީ، ކާރުގެ ދޮރު ލައްޕާލަމުން ސީޓުގައި ބުރަކަށި ޖައްސާލި އެވެ. އޭނާގެ ނަޒަރު ދަތުރުކުރީ ރުހައިމްގެ މޫނަށެވެ. އަދި ފޯނުން ގަޑި ވެސް ބަލައިލި އެވެ. ރުހައިމް އަށް އޭނަ ދިން ބޭސްގުޅަތަކުގެ ބާރު އެންމެ ގަދަވެގެންދާނެ ދަނޑިވަޅު ކައިރިވަމުން ދާތީ އޭނަ ބޭނުންވީ ރުހައިމްއާ އެކަހެރި މާހައުލަކުން ބައްދަލުކުރާށެވެ. އެ ފުރުސަތު ލިބޭނެ ގޮތް ދުރާލާ ސިކުނޑީގައި އޭނަ އޮތީ ކުރަހާލައިފަ އެވެ. އަތުގައި ހުރި ކޮތަޅުތަކަށް އޭނާ ބަލައިލީ ދެނެވެ. އޭނާގެ މަކަރުވެރިކަމާ މެދު ފަހުރުވެރިވެފައިވާކަން މޫނަށް ވެރިވެގެން އައި އުޖާލާ ކަމުން ހާމަކޮށްދިނެވެ.
*****
ހޮޓެލްއަށް ވަދެވުމާއެކު އަވަސް ފިޔަވަޅުތަކެއްގައި ރުހައިމް މިސްރާބު ޖެހީ ލިފްޓާއި ދިމާއަށެވެ. ރުހައިމްގެ ފަހަތުން ގޮސް ޔަޝްފީ ވެސް ލިފްޓަށް އެރި އެވެ. ލިފްޓް މައްޗަށް އަރަން ފެށުމާއެކު ޔަޝްފީގެ ނަޒަރު ގޮސް ހުއްޓުނީ ފަންގިފިލާތައް ހާމަކޮށްދޭން ލިފްޓްގައި ހަރުކުރެވިފައިވި ޑިސްޕްލޭއަށެވެ. ޝަހާދަތް އިނގިލިން މުށުތެރޭގައި އޮތް ފޯނުގެ ސްކްރީންގައި މަޑުމަޑުން ޖަހަމުން އޭނަ ދިޔަ އެވެ. ވިހިވަނަ ފަންގިފިލާއާ ހަމައަށް ގޮސް ލިފްޓް ހުޅުވުމާއެކު ރުހައިމް އަވަސްވެގަތީ ލިފްޓުން ނިކުތުމަށެވެ.
''ގެޓް ސަމް ރެސްޓް، އޯކޭ...'' ލިފްޓުން ނިކުންނަށް ދިޔަ ރުހައިމް އަށް ބަލަން ހުރެފައި ޔަޝްފީ ބުންޏެވެ. ރުހައިމްގެ ފަހަތުން ދާން އޭނަ ނިކަން ބޭނުންވި އެވެ. ނަމަވެސް އޭނަގެ ރޭވުމާ އެއްގޮތަށް ކުރިއަށް ދާން ބޭނުންވާތީ ރުހައިމްގެ ކޮޓަރިއާ ހަމައަށް ދިއުން ފަސްކޮށްލީ އެވެ. ބޭހުގެ އަސަރު އެންމެ ފުރިހަމައަށް ރުހައިމްގެ ހަށިގަނޑަށް ފެތުރިގަންނަން ދެން މަޑުކުރަންޖެހެ އެވެ. އޭރުން ރުހައިމް އަށް ކުރެވޭ އެއްވެސް ކަމެއްގެ ހިލަމެއް ނުވާނެ އެވެ. މުޅިން އެހެން ބާރެއް ރުހައިމްގެ މައްޗަށް ގަދަވެގެންނާނީ އޭރުންނެވެ. އޭނާ އެދޭ ފަދައިން ރުހައިމްގެ މައްޗަށް ބާރު ފޯރުވޭނީ ދެނެވެ.
*****
ކޮޓަރިއަށް ވަދެވުމާއެކު ގަމީހުގެ ގޮށްތައް ނައްޓަމުން ގޮސް ރުހައިމް އަށް ވެއްޓި ގަނެވުނީ އެނދަށެވެ. އޭރު އޭނަގެ ބޮލަށް ތޫނު ތަދެއް އަރާފައިވާކަމުގެ އިހުސާސް ކުރެވެމުން ދިޔަ އެވެ. ދެލޯ މަރައި ތަގުޅިކޮށްލަމުން ދަތްފިލަ ވެސް ޖައްސާ ބާރުކޮށްލެވުނެވެ. އޭނާ އަށް އަވަސް ނޭވާތަކެއް ދޫކޮށްލެވުނެވެ. ފާއިތުވާ ކޮންމެ މިނެޓަކާއެކު ހަށިގަނޑަށް އަންނަން ފެށީ މީގެ ކުރިން އިހުސާސް ކުރެވުނު ބަދަލުތަކެއް ނޫނެވެ. ނުތަނަވަސްކަން ވެސް ހިތުގައި އުފެދެން ފެށި އެވެ. އެގޮތުގެ މަތީން އިރުކޮޅެއް ފައިތުވެ ދިޔަ އެވެ.
ދޮރުގައި ޓަކި ދިން އަޑު ރުހައިމްގެ ކަންފަތާ ހަމައަށް ފޯރި އެވެ. ކުޑަކޮށް ބޯހިއްލާލަމުން އޭނާ ދޮރާއި ދިމާއަށް ބަލައިލި އެވެ. ހައިރާންކަން އޭނަގެ ދެލޮލުގައިވި އެވެ. މިގަޑީގައި އަންނާނީ ކާކުބާއޭ ހިތާއި ސުވާލުކޮށްލެވުނެވެ. ހަށިގަނޑު ސީދާކޮށްލަމުން އިރުކޮޅެއް ވަންދެން އެނދުގައި އިށީނދެލައިގެން އޭނަ އިނެވެ. ހީވި ހީވުމަކަށް ވެދާނެތީ އެވެ.
ދޮރާއި ދިމާއަށް ބަލަހައްޓައިގެން ހުއްޓާ އަނެއްކާ ވެސް ޓަކި ދިން އަޑު ރުހައިމް އަށް އިވުނެވެ. އެއާއެކު އޭނަ ތެދުވާން އުޅުނެވެ. ހަށިގަނޑު އަރިއަޅާލަން އުޅުނުހެން ހީވީ އެދަނޑިވަޅުގަ އެވެ. އަވަސް އަވަހަށް ދެފައިތިލަ ބިމުގައި ސާބިތުކޮށްލަމުން ފިޔަވަޅެއް ނާޅައި އިރުކޮޅެއް ވަންދެން ރުހައިމް ހުއްޓެވެ. ނުވެއްޓި ކުރިއަށް ދެވޭނެ ކަމުގެ ސާބިތުކަން ހިތަށް ލިބެންދެކަށެވެ.
''ރުހައިމް...'' އިވިގެން ދިޔައީ ޔަޝްފީގެ އަޑެވެ. ދޮރުގައި ޓަކި ދިން އަޑު ވެސް އިވުނެވެ.
''ޔަޝްފީ؟...'' ރުހައިމް އަށް އިތުރު ހައިރާން ކަމެއް ލިބުނެވެ. ''ކީއްކުރަންބާ؟...''
ފުން ނޭވާތަކެއް ދޫކޮށްލަމުން ރުހައިމް ކުރިއަށް ހިނގައިގަތެވެ. ބޮލަށް އަރާފައިވި އެނބުރުމަށް ކުޑަ ލުޔެއް އޭރު ލިބިފައިވެ އެވެ. އޭނަ ގޮސް ކޮޓަރީގެ ދޮރު ހުޅުވާލި އެވެ. ފުރަތަމަ ވެސް އޭނަގެ ނަޒަރު ގޮސް ހުއްޓުނީ ދޮރު ކުރިމަތީގައި ހުރި ޔަޝްފީ އަށެވެ. ޔަޝްފީއަށް ރުހައިމް ފެނުމާއެކު ހިނދުރީގައި ނޭވާ ތާށި ވެއްޖެ އެވެ. ރުހައިމްގެ ކަސްރަތީ ހަށިގަނޑު ހާމައަށް ފެންނަން ހުރުމުން އޭނަގެ ހިތުގެ ތެޅުން ވެސް އަވަސް ކުރުވި އެވެ. ލޯކުރިމަތިން ފެންނަމުން ދިޔަ ހިތްގައިމު މަންޒަރާމެދު އޭނަ ނިކަން ގަޔާވި އެވެ. އެފަދަ ފުރިހަމަ ފިރިހެނަކަށް އަބަދުމެ އޭނަ ދިޔައީ އިންތިޒާރު ކުރަމުންނެވެ. މިރޭ އޭނަގެ އިންތިޒާރަށް ނިމުން އަންނާނެތީ އެތުންފަތަށް ސިއްރުވެރި ހިނިތުންވުމެއް ވެރިވި އެވެ.
''ރުހައިމްގެ ކޮތަޅު އަހަރެންގެ އަތުގަ އޮތީމަ ހަވާލުކުރަން މިއައީ...'' އަތުގައި އޮތް ކޮތަޅު ރުހައިމް އަށް ދިއްކޮށްލަމުން ޔަޝްފީ ވާހަކަދެއްކި އެވެ. ކޮތަޅު މަތިން ވެސް ރުހައިމް ހަނދާންވީ ދެނެވެ. އެކަމާ ވެސް ހިތުގައި ސުވާލު އުފެދުނެވެ. ނާލާއަށް ދޭން އޭނަ ގަތް އަގުބޮޑު ހަދިޔާ މަތިން ހަނދާން ނެތުނީތީ އެވެ. ސިކުނޑިއަށް ބާރުލުމުން ވެސް އޭނާގެ އަތުން އެކޮތަޅު ދޫވީ ކިހިނެއް ކޮން އިރަކު ކަމެއް ނޭނގުނެވެ. ޚިޔާލުތަކަށް ފުސްކަމެއް އައިސްފައިވާ ކަހަލަ އެވެ.
ޔަޝްފީ ދިއްކޮށްލި ކޮތަޅުގައި ރުހައިމް ހިފި އެވެ. ޝުކުރު އަދާކޮށްލަމުން ރުހައިމް އުޅުނީ ދޮރު ލައްޕާށެވެ. ރުހައިމްގެ ފަރާތުން އެފަދަ ހަރަކާތަކަށް ސަމާލުވެ ހުރި ޔަޝްފީ މަސައްކަތް ކުރީ ރުހައިމް އަށް ހުރަސް އަޅާށެވެ. އަމަލަށް ވުރެ ބަހުންނެވެ. ދެއްކުންތެރި ކަމުންނެވެ.
''މިހާރު ބޮލުގެ ރިހުން ކިހިނެއްތަ؟ އަހަރެން މިއައީ ބޭސް ވެސް ހިފައިގެން...'' ޔަޝްފީ ބުންޏެވެ. އަދި އޭނަގެ އަތުގައި އޮތް ބޭސް ކާޑު ރުހައިމް އަށް ދައްކާލި އެވެ.
''އުފަމޯލް...'' ބޭސްކާޑަށް ރުހައިމް ބަލަން ފެށުމުން މަޢުލޫމާތު ސާފުކޮށްދޭން ޔަޝްފީ ބުނެލި އެވެ. ''ބޮލުގަ ރިއްސަންޏާ ވަރަށް ރަނގަޅު މެޑިސިންއެއް މިއީ...''
ޔަޝްފީގެ އަތުން ބޭސްކާޑު އަތުލަން ރުހައިމް އުޅުނެވެ. ނަމަވެސް އޭގެ ކުރިން އޭނަގެ ބޮލަށް އަރައިގެން އައި ތޫނު ތަދާއެކު ރުހައިމްގެ ދުލުން އާހެއްގެ އަޑު ބޭރުވި އެވެ. އޭނައަށް ދޮރު ކަނީގައި ހިފަހައްޓާލެވުނީ މީހާ އަރިއަޅާލި ކަމުގެ އިހުސާސާއެކުގަ އެވެ. ލޮލަށް ފެންނަމުން ދިޔަ މަންޒަރުތައް ވެސް ފުސްވެ ކަންފަތަށް އިވެމުން ދިޔަ އަޑުތައް ވެސް ކުއްލިއަކަށް ބައްވެއްޖެ އެވެ. ހިތުގެ ތެޅުން ވެސް އަވަސްވެ ނޭވާތައް ވެސް ފުންވާން ފެށި އެވެ. އަތުން ވާގި ދޫވެ އަތުގައި އޮތް ކޮތަޅުން ވެސް ދޫކޮށްލެވިއްޖެ އެވެ.
''އާ ޔޫ އޯކޭ؟...'' ރުހައިމް އަށް ބަލަން ހުރެފައި ކަންބޮޑުވުމާއެކު ޔަޝްފީ ބުނެލި އެވެ. ފުރުސަތުގެ ބޭނުންހިފައި ރުހައިމްއާ އޭނަ ކައިރިވެލި އެވެ. އަދި ދެވަނަ ފަހަރަށް ރުހައިމް އަރިއަޅާލަން އުޅުމުން މުލައްދަނޑީގައި ހިފަހައްޓާލި އެވެ. ލިބެމުން ދިޔަ ފުރުސަތުގެ ބޭނުން ހިފައި ވީހާ ވެސް ބޮޑަށް ރުހައިމް އާއި އޭނައާ ދެމެދު އޮތް ދާއިރާ ހަނިކުރަން ޔަޝްފީ މަސައްކަތްކުރި އެވެ. އޭނާގެ އަމަލުތަކަށް އިންކާރުކޮށް ދެކޮޅު ހެދުމުގެ ހަމަހޭވެރިކަމެއް ރުހައިމްގެ ނުހުންނާނެކަން ޔަޤީންވާތީ އެވެ. އޭނާ ދިން ޑްރަގްސްގެ ބާރު ރުހައިމްގެ މައްޗަށް ގަދަވެގަނެއްޖެކަން ދޭހަކުރެވުނީތީ އެވެ. މިހުރިހާ އިރު ވަންދެން ފެންނަމުން ދިޔަ އަލާމާތްތަކަށް ބިނާކޮށް އޭނާގެ ހިތުގެ މުރާދު ހާސިލުވެއްޖެކަން ނަގައިގަނެވުނެވެ.
''ސޯފާ...'' ޔަޝްފީ އަވަސް އަވަހަށް އިޝާރާތްކޮށްލީ ސޯފާ އަށެވެ. އެންމެފަހުން ރުހައިމްގެ މަދަދުވެރިޔެއްކަމުގެ ތަމްސީލު ކުޅެމުން ކޮޓަރީގެ ތެރެއަށް ވެސް ދެމިގެންފި އެވެ. ސޯފާގައި އިށީންނަން ރުހައިމް އަށް އެހީވުމަށްފަހު ހިންދެމިލި ޔަޝްފީގެ ތުންފަތަށް ވެރިވީ މަކަރުވެރި ހިނިތުންވުމެކެވެ. އެންމެފަހުން ރުހައިމްއާއެކު އެކަހެރި މާހައުލެއްގައި ބައްދަލުކުރުމުގެ ފުރުސަތު ވެސް އޭނައަށް އެއޮތީ ފަހިވެފަ އެވެ. އަވަސް އަވަހަށް ގޮސް ކޮޓަރީގެ ދޮރު ކައިރިއަށް ހުއްޓެމުން ބިންމަތީ އޮތް ކޮތަޅު ނެގި އެވެ. އެއަށްފަހު ކޮޓަރީގެ ދޮރު ލައްޕާ ތަޅުލަމުން، ދެއަތުން ބޮލުގައި ހިފަހައްޓައިގެން އިން ރުހައިމް އަށް ބަލައިލި އެވެ.
''ފެންތައްޓެއް ގެނެސްދެންތަ؟...'' ސޯފާ ކައިރިއަށް ހުއްޓިލަމުން ޔަޝްފީ ބުނެލި އެވެ. މޫނުގައި ފިރުމާލަމުން ޔަޝްފީ އަށް ރުހައިމް ބަލައިލި އެވެ. އަދި ބޯޖަހާލި އެވެ. ވަށައިގެންވާ ހުރިހާ ކަމެއް ރަނގަޅަށް ރުހައިމްއަށް ފަހުމެއް ނުވެ އެވެ. ފަހަވުމާނަމަ އެންމެ ސިކުންތަކަށް ވެސް ޔަޝްފީ އަށް އެކޮޓަރީގައި ހުރުމުގެ ފުރުސަތެއް އޭނާ ނުދިނީހެވެ. އޭނައަށް ވެފައިވަނީ ކިހިނެއްކަން ވިސްނައިގަންނަން ޚުދު ރުހައިމްގެ ޒަމީރު ވެސް ވަނީ ނުކުޅެދިފަ އެވެ. ފެންނަ އެއްވެސް ކަމެއް ރަނގަޅަށް ސިކުނޑިއަށް ނަގައިނުގަނެވެ އެވެ. ސިކުނޑިއަށް މުޅިން އެހެން ބާރެއް އަތްގަދަކޮށްފައިވާ ފަދައެވެ.
އެނދުގެ އަރިމަތީ ކަނބަޑު މަތީ ހުރި ފެންޖަގުން ތައްޓަކަށް ފެންއަޅައިގެން އައިސް ރުހައިމްގެ ނުހަނު ގާތުގައި ޔަޝްފީ އިށީނެވެ. ކުރިން ފަހަރުތަކުގައި ނުރުހުންތެރިކަން ފާޅުކުރާ ރުހައިމް އަށް މިފަހަރު އެކަން މައްސަލައަކަށް ނުވި އެވެ. ޔަޝްފީގެ ތުންފަތުގައި ކުޅެލަމުން ދިޔަ ހިނިތުންވުން ފުން ވާން ފެށި އެވެ. ޔަޝްފީގެ އަތުން ފެންތަށި އަތުލަމުން އެއް ނޭވާއިން ރުހައިމް ފެންތަށި ހުސްކޮށްލި އެވެ. އޭރު އާދަޔާ ޚިލާފަށް ކަރުހިއްކަން ފަށައިފި އެވެ. ފެންތަށި ހުސްކޮށްލުމުން ވެސް އަރުތެރެއަށް ފެނުގެ އަސަރެއް ނުކުރި އެވެ. ކަރު ހިއްކުމެއް ނުފިލި އެވެ. ތަލިން ވެސް ކުޅި ހިކިފައިވާ ކަހަލަ އެވެ. ރުހައިމް އަށް އޭނާގެ ކަރުގައި ފިރުމާލެވުނެވެ. އަދި ހިކި ގޮތަކަށް ކެއްސާލި އެވެ.
''ރުހައިމް...'' ޔަޝްފީ ގޮވާލި އެވެ. ރުހައިމް އަތުގައި އޮތް ތަށި ހޯދަން އޭނަ ތަށީގައި ހިފީ ރުހައިމްގެ އަތާ އެކުގަ އެވެ. ރުހައިމްއާ ކުރިއަށް ވުރެން އޭނަ ގާތް ވެލި އެވެ. ބޭނުމަކަށް ވީ ރުހައިމްގެ ސަމާލުކަން އޭނައަށް ހުއްޓުމެވެ. ހަށިގަނޑުގެ ވަނާތައް ފާޅުކަން ބޮޑުގޮތެއްގައި ފެންނާނެ ފަދަ ހެދުމެއްގައި އައީ ވެސް އެހެންވެ އެވެ. އިޝާރާތްތަކެއް ދީގެން ރުހައިމްގެ ސިކުނޑިއަށް ވެރިވެގަތުމަށެވެ. އެއަށްފަހު އޭނާގެ ފަހުގެ ހަމަލާ އަމާޒުކުރަން ފަސޭހަ ވާނެ އެވެ. އޭރުން އޭނަގެ ޝިކާރަ ކާމިޔާބު ކަމާއެކު ނިންމާލެވޭނެ އެވެ.
ރުހައިމް އަށް ފުންނޭވާތަކެއް ދޫކޮށްލެވުނެވެ. އޭނަ ބަލަން އިނީ ޔަޝްފީގެ މޫނަށެވެ. އެދެމެދުގައި އޮތް ދާއިރާ ހަނިވެފައި ވުމުން ޖިސްމަށް ބަދަލުތަކެއް އަންނަން ފެށިކަން އިހުސާސްކުރެވުނެވެ. އޭނާގެ އިހުތިޔާރެއް އެކަމުގައި ނުވެ އެވެ. ޔަޝްފީގެ ހަށިގަނޑުގެ ހޫނުކަމާއި ބީހުމުގެ އަސަރު އޭނަގެ ހިއްސުތަކާ ހަމައަށް ފޯރި އެވެ. އޭނާއަށް ޔަޝްފީ ހިފަހައްޓައިގެން ހުރި އޭނާގެ އަތްތިލައަށް ވެސް ބަލައިލެވުނެވެ. ވަމުން ދަނީ ކިހިނެއް ކަމެއް ރުހައިމް އަކަށް ނޭނގެ އެވެ. މުޅި ނަފުސު އަޅުންބޮޅުން ގަނޑެއްގެ ތެރެއަށް ގެއްލިފައިވާ ކަހަލަ އެވެ. އަނދިރިގަނޑެއްގެ ތެރޭގައި ގައިދުވެފައިވާ ކަހަލަ އެވެ. ފެންނަ މަންޒަރުތައް އޭނާގެ ސިކުނޑިއަށް ރަނގަޅަށް ނުވެސް ނަގައިގަނެވެ އެވެ.
''އަހަރެން ދަނީ... ގެޓް ސަމް ރެސްޓް...'' ރުހައިމްގެ އަތުގައި އޮތް ތަށި އަތުލަމުން ޔަޝްފީ ސޯފާއިން ތެދުވުނެވެ. އެއަށްފަހު ބުޑު އަނބުރަމުން އަނބުރަމުން ގޮސް އެނދުގެ އަރިމަތީ މޭޒު މަތީ ތަށި ބެހެއްޓި އެވެ. ކޮޓަރިން ނިކުމެގެން ދިއުމުގެ ވިސްނުމެއް އޭނަގެ ނެތެވެ. އޭނާ އެފަދައިން ބުނީ ރުހައިމްގެ ފަރާތުން އޭނާ އުއްމީދު ކުރަމުން އައި އިޝާރާތް ލިބޭނެ ކަމުގެ އުއްމީދުގަ އެވެ. އޭނަގެ މުށު ތެރޭގައި ރުހައިމް ހައްޔަރުވެފައިވާކަމުގެ ޔަޤީންކަން ޔަޝްފީ އަށް ލިބުނެވެ.
''ރުހައިމް!...'' ފަހަތުން ފިޔަވަޅުތަކެއްގެ އަޑު އިވުމުން ފަސް އެނބުރި ޔަޝްފީ ބަލައިލި އެވެ. އޭރު އޭނާއާ ކައިވަތެއްހާ ދުރުމިނުގައި ރުހައިމް ހުއްޓެވެ. އެދެލޮލަށް ބަލާލުމުން ޔަޝްފީ އަށް ވިސްނައިގަނެވުނެވެ. އެތޫނުފިލި ދެލޮލަށް އައިސްފިވި ބަދަލުތައް ނަގައިގަނެވުނެވެ.
''ރުހައިމް...'' އެދެމެދުގައި އޮތް ދާއިރާ ރުހައިމް ހަނިކުރަން ފެށުމުން ޔަޝްފީ ބުނެލި އެވެ. އޭނާ އުޅުނީ ރުހައިމްއާ ދުރަށް ދާށެވެ. އެކަމުން ނިކުންނާނެ ނަތީޖާ ކުރިން ވެސް އަންދާޒާކޮށްލެވިފައިވާތީ އެވެ. އޭނަގެ މަޅިފަތި އަތުރަމުން އެދަނީ އޭނާގެ ދަލުގައި ހައްޔަރުވުމަށް ފަހު ފަސޭހަ ރަހުމަތެއްގައި ރުހައިމް އަށް ސަލާމަތް ނުވެވޭނެ ފަދައަކުންނެވެ.
''ރުހައިމް!، އަތުން ދޫކޮށްބަލަ...'' ރުހައިމްއާ ދުރަށް ދާން ޔަޝްފީ އުޅުމުން، ރުހައިމް ހިފެހެއްޓީ ޔަޝްފީގެ އަތުގަ އެވެ. އަދި އޭނާގެ ގާތަށް ދަމައިލި އެވެ. ޔަޝްފީ ގޮސް ލައްވީ ރުހައިމްގެ މޭގަ އެވެ. އެޖިސްމުގެ ހޫނުކަން އޭނާއަށް އިހުސާސް ކުރެވުނެވެ.
''ދޫކޮށްބަލަ، ޔޫ އާ ހާޓިންގް މީ...'' ބިރުވެރިކަން އަޑަށް ގެންނަމުން ޔަޝްފީ ބުންޏެވެ. އޭނަ މަސައްކަތްކުރީ ރުހައިމްއާ ދުރަށްދާށެވެ. ރުޅިވެރިކަން ރުހައިމްގެ ނަފުސުގެ މައްޗަށް އަތްގަދަކުރާނެކަން އެނގޭ ހާލުގަ އެވެ. އެއީ އޭނާ ބޭނުންވާ ގޮތް ވެސްމެ އެވެ.
(ނުނިމޭ)