މޯލްޑިވްސް އިންޓަގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް (އެމްއައިޓީޑީސީ)ގެ ޗެއާމަންގެ މަގާމުގައި ހުންނެވި މއ. ބޮޑުދަހަރާގެ/ ޑރ. މުހައްމަދު ކިނާނަތު، އެ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.

ޕްރައިވަޓައިޒޭޝަން އެންޑް ކޯ ޕްރަޓައިޒޭޝަން ބޯޑް (ޕީސީބީ) އިން މިއަދު ކުރި ޓުވީޓެއްގައި ބުނީ، ކިނާނަތު، މިއަދުން ފެށިގެން އިސްތިއުފާ ދެއްވުމަށް ހުށަހަޅުއްވާފައިވާތީ، އެ މަގާމުން މިއަދުން ފެށިގެން އޭނާ ވަކިކޮށްފައިވާ ކަމަށެވެ.

އޭނާ މަގާމުން ވަކިކުރީ ދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވަޓައިޒް ކުރުމާއި ކޯޕަރަޓައިޒް ކުރުމާއި އަދި މޮނިޓަރކޮށް އިވެލުއޭޓް ކުރުމުގެ ގާނޫނުގައިވާ ގޮތުގެމަތިންނެވެ.

ރައީސް އޮފީހުގެ އިސް މަގާމުތަކުގައި 10 އަހަރަށްވުރެ ގިނަ ދުވަސް ހޭދަ ކުރައްވާފައިވާ ކިނާނަތު މީގެ ކުރިން ވަނީ، ހައްޖު ކޯޕަރޭޝަންގެ ޗެއާމަންކަމާއި އެހެން ބައެއް ކުންފުނިތަކުގެ އިސް މަގާމުތައް އަދާކުރައްވައިފައެވެ. އިންފޮމޭޝަން ސިސްޓަމްގެ ދާއިރާއިން ޕީއެޗްޑީ ހާސިލުކުރައްވާފައިވާ ކިނާނަތު ވަނީ ގައުމީ ޔުނިވާސިޓީގެ އިތުރުން ވިލާ ކޮލެޖުގައިވެސް އިސް މަގާމުތަކެއް ފުރުއްވައިފައެވެ.