ޝޮޕިންގް މޯލްއަށް ދެވުމާއެކު ޔަޝްފީ ފޫހި ކަމާއެކުގައި ވެސް އޭނައާއެކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ދޭން ހަދިޔާ ގަންނަން އުޅުނެވެ. އޭނަ އެންމެ ފޫހިވީ އަމިއްލަ ޖީބުން ޚަރަދުކުރަން ޖެހުނީތީއެވެ. ކުންފުނިން އެފަދަ ޚަރަދުތައް ނުކުރާތީއެވެ. ރުހައިމް އެހީތެރިކަމުގެ އަތެއް ދިއްކޮށްލުމުން އަވަސްއަވަހަށް މަނާ ވެގަތީ ހިތްހެޔޮކަމުގެ ތަތްގަނޑު ޖަހަން ޖެހޭތީއެވެ. ތުންފަތުގައި ޕްލާސްޓިކް ހިނިތުންވުމެއް ކުރަހާލައިގެން ޔަޝްފީ އުޅުނެވެ. އެންމެންދެކެ ލޯބިވާ މީހެއްކަން އަންގައިދޭން ޖެހޭތީއެވެ. އެހިތުގެ ސާފުކަން ވެސް ބަޔާންކުރަން ޖެހޭތީއެވެ. އެހުރިހާ ކަމަކީ ވެސް އޭނަގެ ޝަހުސިއްޔަތު އެންމެންގެ ނަޒަރުގައި ވަރުގަދަ ކުރަން ރޭވުންތެރިކަމާއެކު ޔަޝްފީ އަތުރާލާ މަޅިއެކެވެ. އެހިތުގެ ކިލަނބުކަމާއި އަނދިރިކަން ހާމަވެއްޖެނަމަ ރުހުމުމުގެ ލޮލުން އޭނައަށް ބަލާނެ މީހަކު ނުވާނެތީއެވެ.
ނާލާއަށް ދޭން ހަދިޔާއެއް ގަންނަން ޝޮޕިންގް މޯލްގައި ހުރި ގަހަނާ ވިއްކާ ފިހާރައަށް ރުހައިމް ވަނުމުން ޔަޝްފީ ހުރީ ތުންފިއްތައިގެންނެވެ. ހިސާބަކަށް ރުޅި ވެސް ގަދަ ވިއެވެ. ނަމަވެސް ފުންނޭވާތަކެއް ދޫކުރަމުން ނަސުފު ހަމައަކަށް އެޅުވޭތޯ ބެލިއެވެ. ކިތަންމެ ވަރަކަށް އެހިތުގައި ނާލާއަށްޓަކައި ނަފުރަތު ވިޔަސް ބަހާއި އަމަލުން އެކަންތައް ސިއްރުކުރަން އޭނަ މަސައްކަތްކުރިއެވެ.
ރުހައިމްގެ ހަރަކާތްތަކަށް ބަލަން ބޭރުގައި ޔަޝްފީ ހުއްޓެވެ. ރުހައިމްގެ ހިޔައިގެން ގާތުގައި އުޅެން ވެއްޖެއްޔާ ރުހައިމްގެ ހިތުގައި ޝައްކު އުފެދިދާނެތީ ވަކި ދުރުމިނެއް ބަހައްޓަން ޖެހޭނެކަން އޭނަގެ ޒަމީރު ހަނދާންކޮށްދިނީތީއެވެ. އޭރު އޭނަ ހުރީ ބާޒާރުކޮށް ނިމިގެންނެވެ. އަމާބުނީތީ ފަރަށްދާ އުސޫލުން ހުރިހާ މުވައްޒަފުންނަށް ދޭން ހަދިޔާ ގަނެގެންނެވެ. އަތުގައި ހުރި ކޮތަޅުތަކާއެކު، މޯލްގެ ތަނަވަސް ސަރައްކާލީގައި ހުރި ބެންޗެއްގައި ޔަޝްފީ އިށީނެވެ. އަދި އަތުގައި ހުރި ކޮތަޅުތައް ބެންޗްގެ މައްޗަށް ދޫކޮށްލިއެވެ. އެތާނގައި އިން އިރު ނިކަން ގަޔާވެ ގަހަނާތައް ބަލަމުން ދިޔަ ރުހައިމް ޔަޝްފީއަށް ފެންނަމުން ދިޔަ އެވެ. ރުހައިމްގެ މޫނުމަތިން ފާޅުވަމުން ދިޔަ އުޖާލާކަމާއި އުފާވެރިކަން ވެސް ފާހަގަ ކުރެވުނެވެ. އެއާއެކު ޔަޝްފީއަށް ދެލޯހަނިކޮށްލެވުނެވެ. މޫނަށް ވެސް ގޮތެއް ހަދާލެވުނެވެ. ފެންނަމުން އެދަނީ އެއްގޮތަކަށް ވެސް އޭނަ ދެކެން ބޭނުންވާ މަންޒަރެއް ނޫނެވެ. ނާލާ ހުރި މަގާމުގައި ހުންނަން އެންމެ އެކަށީގެން ވަނީ އޭނަ އެވެ.
''އާރްގް...'' ރުޅިވެރިކަމުގެ އަޑެއް ޔަޝްފީއަށް ބޭރުކޮށްލެވުނެވެ. އޭނަގެ ސަމާލުކަން އަތްދަބަހުގައި އޮތް ފޯނަށް ހުއްޓުނީ، ފޯނު ރިންގްވާން ފެށުމުންނެވެ. އަވަސްއަވަހަށް އަތްދަބަސް ހުޅުވާލަމުން ފޯނު ނެގިއެވެ. ގުޅަނީ އެސްޓާއެވެ. މޯލްއަށް އައުމުގެ ކުރިން އޭނަ ފޮނުވި މެސެޖަށް ޖަވާބުދޭންކަން ވަގުތުން ނަގައިގަނެވުނެވެ.
''ހެލޯ...'' ފޯނު ނަގަމުން ޔަޝްފީ ވާހަކަދެއްކިއެވެ. ''ހުރިހާ ކަމެއް ރެޑީތަ؟، އެސްޓާގެ ޚަބަރެއް ނުވެ ގިނަ އިރުވާން ފެށީމަ ގުޅަން އުޅެނިކޮށް ތިގުޅީ ވެސް...''
''ސޮރީ އިނގޭ، ކުޑަކަމެއްގަ ލައްވާލީމަ ވަގުތު ނެގީ، އަހަރެން އޭނައަށް ގުޅާއިފިން، ޔަޝްގެ ފޮޓޯއެއް ވެސް ފޮނުވައިފިން، ޔަޝް ދިޔައީމަ އޭނައަށް އެނގޭނެ، އަހަރެން ދިން ޕެކެޓް އޭނަ އަތަށް ދީ، އޭރަށް ހުރިހާ ކަމެއް އޭނަ ކުރާނެ... ކަންތައް ކުރަންވީ ގޮތް އަހަރެން އޭނައަށް ވަރަށް ރަނގަޅަށް ކިޔައިދީފަ އޮތްނާނީ، ސޯ ޑޯންޓް ވޮރީ ޓޫ މަޗް، އަހަރެން މިފޮނުވަނީ އޭނަގެ ފޮޓޯއެއް... އޭނަ އަތަށް ޕެކެޓް ދިނީމަ އޭނަ ރުހައިމްގެ ޑްރިންކައަށް ޑްރަގްސް އަޅާނެ... އެހެންވީމަ ދެމީހުން އެކައްޗަކަށް އޯޑަރު ނުދެއްޗޭ، ހެހެހެ...'' އެސްޓާ ބުންޏެވެ.
''ހެހެހެ، އެކައްޗަކަށް އޯޑަރު ނުދޭނަމޭ... ނޭނގޭ އެސްޓާއަށް ޝުކުރު އަދާކުރާނެ ގޮތެއްވެސް، އަސްލު އެސްޓާ ދިން ޚިޔާލު މާ ބޮޑަސް ވެސް ރަނގަޅު، އަހަރެން އަމިއްލައަށް އެ ދޭން އުޅެފިނަމަ ޝައްކު އުފެދިދާނެ، އެކަމަކު މިހާރު މިދާ ގޮތުން އެހެނެއް ނުވާނެ... ތޭންކްސް ޑާރލިންގް......'' ޔަޝްފީގެ ތުންފަތަށް ފުން ހިނިތުންވުމެއް ވެރިވިއެވެ. ދެފަރާތަށް ތުންފަތް ދެމިގެން ދިޔަ ހިނދު ދަތްތަށް ވެސް ފެންނަހާ ވިއެވެ. ކާމިޔާބީގެ ފޮނިކަން މިހާރުއްސުރެން އޭނައަށް އިހުސާސްކުރެވެމުން ދިޔައެވެ. ރުހައިމްއާ އޭރު ވެސް އޭނަގެ ނަޒަރު ވަކިނުވެއެވެ. ނަމަވެސް ކުރިން ފެނުނު ނުރުހުންތެރިކަމުގެ އަސަރުތަކުގެ ބަދަލުގައި އެދެލޮލުން މިހާރު ފާޅުވަނީ ނުރައްކާތެރިކަމުގެ ވިދުވަރެކެވެ.
''ޝުކުރު އަދާކުރާނެކަމެއް ނެތް އިނގޭ، ޔަޝް ތީ އަހަރެންގެ އެކުވެރިޔެއް، އައި ހޭވް ޓު ހެލްޕް ޔޫ އިން އެނީވޭއި ޕޮސިބްލް...'' އެސްޓާ ބުނެލިއެވެ. އިތުރަށް ސައްލާކުރުމަށް ފަހު ޔަޝްފީ އަވަސްއަވަހަށް ފޯނު ކަނޑާލީ ރުހައިމް ފިހާރައިން ނިކުތްތަން ފެނިފައެވެ. ރުހައިމްގެ އަތުގައި އޮތް ކުޑަ ކޮތަޅަށް ޔަޝްފީ ބަލައިލީ ފާޑަކަށެވެ. އޭގެ ހައްޤުވެރިފަރާތާ މެދު ހަސަދަވެރިވެފައިވާ ހާލުގައެވެ.
''ނިމުނީތަ؟...'' ބެންޗްގައި ހުރި ޔަޝްފީ ފެނުމުން ރުހައިމް ހިނގައިގަތީ ޔަޝްފީ ގާތަށެވެ. ރުހައިމްގެ ސުވާލަށް ޖަވާބު ދިނުމުގެ ގޮތުން ޔަޝްފީ ބޯޖަހާލިއެވެ.
''އާނ ނިމުނީ، އައި ބޯޓް އެ ގިފްޓް ފޯރ އެވްރީވަން...'' ކޮތަޅުތަކަށް އިޝާރާތްކުރަމުން ޔަޝްފީ ބުނެލިއެވެ. އަދި ބެންޗުން ތެދުވުނެވެ.
''ޔޫ ލުކް ހެޕީ، ހީވަނީ ނާލާއަށް ވަރަށް ކަމުދާނެ އެއްޗެއް ފެނުނީހެން...'' ގަދަކަމުން ތުންފަތުގައި ހިނިތުންވުމެއް ކުރަހާލަމުން ޔަޝްފީ ވާހަކަދެއްކިއެވެ.
އަތުގައި އޮތް ކުޑަ ކޮތަޅަށް ބަލައިލަމުން ރުހައިމް ހިނިތުންވެލިއެވެ. ރުހައިމްއަށް ބަލަން ހުރި ޔަޝްފީއަށް ތިރީ ތުންފަތުގައި ދަތް އަޅާލެވުނެވެ. އަދި ފުންނޭވާއެއް ދޫކޮށްލެވުނެވެ. ރުހައިމްގެ އުފާވެރިކަމާއި ގުޅިފައިވާ ސަބަބާ މެދު އޭނަ އައީ އަމަށަކު ރުޅިއެއް ނޫނެވެ. ހަސަދަވެރިކަމުގެ ހޫނުކަން ނަފުސު ހަލަބޮލިކޮށްލިއެވެ.
''މީ ނާލާއަށް ދޭން އަހަރެން ގަތް އެއްޗެއް، ރުހައިމްގެ ގިފްޓާއެކު މީތި ވެސް ނާލާއަށް ދެއްޗޭ...'' ބެންޗު މަތިން ނެގި ކޮތަޅެއް ރުހައިމް އަތަށް ދިއްކޮށްލަމުން ޔަޝްފީ ވާހަކަދެއްކީ ލުއި ހިނިތުންވުމަކާއެކުގައެވެ. ''ހެދުމެއް މީ... ނޭނގޭ ނާލާއަށް ކަމުދާނެ ކަމެއްވެސް، އެކަމަކު އެންމެނަށް ގިފްޓެއް ގަތް އިރު ނާލާއަށް ވެސް އެއްޗެއް ދޭން ބޭނުންވީމަ ގަތީ...''
ހައިރާންކަން ރުހައިމްގެ މޫނަށް ވެރިވިޔަސް އިންކާރު ކުރުމެއް ނެތި ޔަޝްފީ ދިއްކޮށްލި ކޮތަޅުގައި އޭނަ ހިފިއެވެ. އެއަށްފަހު އަތުކުރީ އޮތް ގަޑިއަށް އޭނަ ނަޒަރެއް ދިނެވެ. ރުހައިމްއަށް ބަލަން ހުރި ޔަޝްފީ އަވަސްއަވަހަށް ވާހަކަދައްކަން ފެށިއެވެ.
''ދެން ހިނގާ ދަމާ ދޯ، ހޮޓެލް ކައިރީގައި ހުންނާނެ ވަރަށް ރަނގަޅު ރެސްޓޯރެންޓެއް، ކުރީ ދުވަހު އެތަނުން ނެގި ޑިނާރ ވަރަށް މީރު...'' ޔަޝްފީ ބުންޏެވެ. އޭނަގެ މުށު ތެރޭން ރުހައިމް ދޫވުމުގެ ފުރުސަތު ހަމަހިލާ ދޭކަށް ބޭނުމެއް ނުވިއެވެ. މަކަރާއި ހީލަތުގެ ދަންތުރައިގައި ގައިދުކުރަން އޭނަ ހުރީ އަތުކުރި އޮޅާލައިގެންނެވެ.
*****
ރެސްޓޯރެންޓަށް ރުހައިމް ވަން ވަގުތު އޭނަގެ ފޯނަށް ކޯލެއް އަންނަން ފެށިއެވެ. ޔަޝްފީ ވަންނަން ރެސްޓޯރެންޓްގެ ދޮރު ހުޅުވާލަދެމުން ޖީބުގައި އޮތް ފޯނު ރުހައިމް ނެގިއެވެ. އަދި ސްކްރީނަށް އަވަސް ނަޒަރެއް ދިނެވެ. އޭނަގެ ތުންފަތަށް ލުއި ހިނިތުންވުމެއް ވެރިވީ ނާލާގެ ނަން އަރާފައި އޮތުމުންނެވެ.
''ޔަޝްފީ އެތެރެއަށް ދޭ، އަހަރެން އަންނާނަން ފޯނަށް ޖަވާބު ދީފައި...'' ރުހައިމް ބުންޏެވެ. ގުޅަނީ ކާކުކަން ހާމަނުކުރި ކަމުގައި ވިޔަސް ރުހައިމްގެ ތުންފަތުގައިވި ހިނިތުންވުމުން ޔަޝްފީއަށް ޖަވާބު ލިބުނެވެ. މުށްބާރުކޮށްލެވުނީ ސިކުނޑިއަށް ވެރިވި ރުޅިވެރިކަމުންނެވެ. ދެވަނަ ސިކުންތުގައި ދޫކޮށްލި ފުން ނޭވާއާއެކު އޭނަ ބޯޖަހާލިއެވެ.
''ކޯލް ނިންމާފަ އާދޭ، އޭރަށް އޯޑަރު ދޭނީ...'' ޔަޝްފީ ހިނިތުންވެލިއެވެ. އޭނަ ރެސްޓޯރެންޓަށް ވަންނަމުން ދޮރުން ބޭރަށް ދެމިގަތް ރުހައިމްއަށް ބަލައިލިއެވެ. އިރުކޮޅެއް ވަންދެން ބަލަން ހުރެފައި ތުންފިއްތާލިއެވެ. އެއަށްފަހު ރެސްޓޯރެންޓްގެ ހިތްގައިމު މާހައުލަށް އަވަސް ނަޒަރެއް ދިނެވެ.
''އެކްސްކިއުޒް މީ...'' ޔަޝްފީ ސިއްސައިގެން ދިޔައީ އޭނަގެ ކޮނޑުގައި މީހަކު ކޮއްޓާލުމުންނެވެ. ފަސްއެނބުރި ބަލައިލިއިރު ހިމަތޮޅި ހަށިގަނޑެއް ލިބިފައިވާ އަންހެންކުއްޖަކު ހުރީ އޭނައަށް ބަލަހައްޓައިގެންނެވެ. އެދެލޮލުން ކޮށްލި ސިއްރުވެރި އިޝާރާތް ޔަޝްފީއަށް ފާހަގަ ކުރެވުނެވެ. އެމޫނަށް ރަނގަޅަށް ބަލައިލުމުން އެއީ އެސްޓާ އޭނައަށް ފޮނުވި ފޮޓޯގައި ހުރި އަންހެންކުއްޖާކަން ދޭހަކުރެވުނެވެ.
''ޔޫ މަސްޓް ބީ ޔަޝްފީ؟...'' އެއަންހެންކުއްޖާ ބުންޏެވެ. ''އައިމް ރޫބީ... ކަމް ޓު ދަ ކައުންޓާރ ވިތް މީ...''
ރެސްޓޯރެންޓްގެ ހަލަބޮލި މާހައުލަށް ނަޒަރު ހިންގާލަމުން ރޫބީ ބޭނުންވީ ސިއްރު ހިފެހެއްޓޭނެ ތަނަކަށް ޔަޝްފީ ގެންދާށެވެ. ކައުންޓަރު ކައިރިއަށް އައުމަށް ދައުވަތު ދިނީ އެހެންވެއެވެ. ރޫބީގެ ފަހަތުން ޔަޝްފީ ހިނގައިގަތެވެ. އެއަށްފަހު ކައުންޓަރާއި ނިވާވެލަމުން އޭނަގެ އަތްދަބަހުން ކުޑަ ޕެކެޓެއް ނެގިއެވެ. މާހައުލަށް ސަމާލުކަމާއެކު ނަޒަރު އުކަމުން ރޫބީގެ އަތަށް އޭނަ ޕެކެޓް ލައިދިނެވެ. އޭނަގެ ނަޒަރު ރެސްޓޯރެންޓްގެ ދޮރާއި ދިމާއަށް ވެސް ދަތުރު ކުރިއެވެ. ރުހައިމްގެ ހިލަމެއް ވޭތޯއެވެ.
''ޔޫ ކޭން ހޭވް އެ ސީޓް...'' ހުސްކޮށް ހުރި މޭޒަށް އިޝާރާތްކުރަމުން ރޫބީ ބުނެލިއެވެ. ބޯޖަހާލަމުން ޔަޝްފީ ހިނގައިގަތެވެ.
*****
''ކޮން އިރަކުތަ ފުރުން އޮތީ؟......'' ނާލާގެ އަޑުން ވެސް ކެތްތެރިކަން ކުޑަވެފައިވާކަން ހާމަވެއެވެ. ރުހައިމް ފުރި ދުވަހުން ފެށިގެން އޭނަ އިންތިޒާރުކުރަމުން އައީ އޭނަގެ ގާތަށް ރުހައިމް އެނބުރި އަންނާނެ ދުވަހަކަށެވެ. އެދުވަސް ކައިރިވުމުން ހިތް އަވަސްވަމުން ދިޔައެވެ. އުފާވެރިކަން އިހުސާސްވަމުން ދިޔައެވެ. އެހިތުގެ ފިނިކަން ކަމުގައިވާ ލޯބިވާ ފިރިމީހާއާ ބައްދަލުވާނެތީއެވެ.
''މެންދުރު ޗެކިން އޮތީ...'' ރުހައިމް މަޢުލޫމާތު ސާފުކޮށްދިނެވެ. ''ހަމަ ކުރިން ވެސް އޮތް ގަޑީގަ ފުރުން އޮތްނަނީ، ބަދަލެއް ނުވޭ...''
''ދެން އަވަހަށް އަންނަން އުޅޭ، ރުހައިމް އަންނަން ވާއިރަށް އަހަރެން ދާނަން އެއާޕޯޓަށް...'' ނާލާ ބުންޏެވެ.
''ހެހެހެ، އަހަރެން ނެތީމަ ފޫހިވެގެން ދޯ ތިއުޅެނީ؟...'' ލުއި ހުނުމަކާއެކު ރުހައިމް ވާހަކަދެއްކިއެވެ.
''ހޫމްމްމް، ރުހައިމް ނެތީމަ އެއްވެސްކަމެއް ކަމެއް ކުރާހިތް ނުވެފަ މިހުންނަނީ...'' ނާލާ ވެސް ހިނިތުންވެލިއެވެ.
''އެހާ ބޮޑަށް އަހަރެން ދެކެ ލޯބިވޭތަ؟...'' ރުހައިމް ސުވާލުކޮށްލިއެވެ.
''އާނ ވަރަށް ބޮޑަށް ލޯބިވޭ... ޔޫ އާރ މައި ފޭވްރިޓް ޕާރސަން...'' ރަކި ހުނުމަކާއެކު ނާލާ ޖަވާބުދިނެވެ. ނާލާގެ ޖުމްލައިން ރުހައިމްގެ މޫނަށް އުފާވެރިކަން ވެރިވިއެވެ.
''ނާލާއަށް ކަމުދާނެކަހަލަ ހަދިޔާއެއް ވެސް ހިފައިގެން އަންނާނީ...'' ރުހައިމް ބުނެލިއެވެ.
''ކޯޗެއްތަ؟...'' ޝައުޤުވެރިކަން ނާލާ ފާޅުކުރިއެވެ.
''ސަޕްރައިޒެކޭ، ދެން މިހާރު ބުނެފިއްޔާ ކޯޗަކަށް ވާނީ، ޔޫ ނީޑް ޓު ވެއިޓް އިނގޭ...'' ރުހައިމްގެ ތުންފަތުގައިވި ހިނިތުންވުން ފުންވެގެން ދިޔައެވެ. ނާލާއާ ވާހަކަދައްކަން ފެށުމުން ވަގުތު ދާން ފެށި ގޮތެއް ވެސް އޭނައަކަށް ނޭގުނެވެ. ރަށްޓެހިވެގެން އުޅުނު ދުވަސްވަރާއި މިހާރާއި އެއްވެސް ތަފާތެއް ނެތެވެ. ނާލާގެ އަޑު ކަންފަތާ ހަމައަށް ފޯރުމުން ބުނެދޭން ނޭނގޭ ފަދަ ހަމަޖެހުމެއް އަބަދުމެ ނަފުސަށް ވެރިވެގެން ދެއެވެ. އުފާވެރިކަން އިހުސާސް ކުރެވެއެވެ. ދެމަފިރިންގެ ދެމެދުގައި އޮތް ފުރިހަމަ ލޯބި އެކަމުން ވެސް ހާމަވެއެވެ. ފަނޑުވުމެއް ނެތް ޖަޒުބާތުތައް ކުދިކުދި ހަރަކާތްތަކުން ވެސް ހާމަކޮށްދެއެވެ.
*****
''ހާދަ ގިނަ އިރެކޭ ވަނީ، ފޯނުކޯލްއަކަށް އެހާ ގިނަ އިރު ދޭތަ؟، މީ ދެލޯބިވެރިންނެއް ވެސް ނޫނޭ އެހާ ގިނަ ވަގުތު ނަގަން، ޔަޤީން އެއަންހެނާ ބޭކާރު އަނގަތަޅަނީކަން... ދެން ކޮންފަދަ ބޮޑުވެއްޖެ އުނދަގުލެއް... ހާދަހާވާ ފޫއްސެއް ވެޔޭ...'' މޭޒުގައި އުޅަނބޮށި ވިއްލާލަމުން ކޮލުގައި އަތް އަޅުވާލަމުން ޔަޝްފީ ތުންދަމާލިއެވެ. އޭނަގެ ދެބުމަ ވެސް ވަނީ ގޮށްޖެހިފައެވެ. ރެސްޓޯރެންޓްގެ ދޮރާ ދިމާއަށް ބަލަން އިނީ ކެތްތެރިކަމެއް ނެތިފައެވެ. އޭނަ އަތުރާލާފައި އޮތް މަޅިފަތީގައި ރުހައިމް ހައްޔަރުކުރަން ބޭނުން ވާތީއެވެ. ކޮންމެ މިނެޓަކީ ވެސް އޭނައަށް އަގުހުރި އެއްޗެކެވެ. އިންތިޒާރު ދިގުލައިގެން ދާން ފެށުމުން ނާލާ ދެކެ ޔަޝްފީ ރުޅިއަންނަން ފެށިއެވެ. ނާލާގެ ނޫފޫޒު ރުހައިމްގެ މައްޗަށް އޮތުމުން އެކަން ވެސް ހަޖަމުކުރަން ދަތިކަމަކަށް ވެއްޖެއެވެ. އެފަދަ ހައްޤެއް ލިބުން އެދެވެނީ ހަމައެކަނި އޭނަ އަށެވެ.
ޚިޔާލުތަކުގެ ތެރެއަށް ގެއްލިފައި އިންދާ އެތެރެއަށް ވަދެގެން އައި ރުހައިމް ޔަޝްފީގެ ލޮލުގައި އަޅައިގަތެވެ. ގޮނޑިން ބުޑު ހިއްލާލަމުން ރުހައިމްއަށް އޭނަ ގޮވާލިއެވެ. އަދި އަތުން ހަނާއަޅާލިއެވެ.
އަތުގައި އޮތް ފޯނު ޖީބަށް ލަމުން ރުހައިމް ހިނގައިގަތީ ޔަޝްފީ އިން މޭޒު ކައިރިއަށެވެ.
ޔަޝްފީގެ ކުރިމަތީ ހުރި ގޮނޑީގައި އިށީނުމުގެ ބަދަލުގައި ރުހައިމް ގޮސް އިށީނީ މޭޒުގެ އަރިމަތީގައި ހުރި ގޮނޑީގައެވެ. އަދި މޭޒު މަތީ އޮތް މެނޫ ނަގަމުން އެއަށް ބަލައިލިއެވެ. ރުހައިމްއަށް ބަލަން އިނދެފައި ޔަޝްފީގެ ނަޒަރު ދަތުރުކުރީ ކައުންޓަރާއި ދިމާއަށެވެ. ރޫބީއަށް އެކަން ފާހަގަވުމުން މޭޒު ކައިރިއަށް އޯޑަރު ނަގަން ވެއިޓަރަކު ފޮނުވިއެވެ.
*****
އޯޑަރު ކުރި ތަކެތީގެ ތެރެއިން ފުރަތަމަ ލިބުނީ ބުއިންތަކެވެ. ބުއިންތައް މޭޒުމަތީ ބެހެއްޓުމަށް ފަހު ފަސް ވަރަކަށް މިނެޓް ތެރޭގައި ކާއެއްޗެހި ލިބޭނެ ވާހަކަ ބުނުމަށްފަހު ވެއިޓަރު ދިޔައީއެވެ. އޭގެ ކުރިން ވެއިޓަރަށް ޔަޝްފީ ޝުކުރުއަދާކޮށްލިއެވެ.
ޔަޝްފީގެ ނަޒަރު ގޮސް ފުރަތަމަ ހުއްޓުނީ ރުހައިމް ގެނައި ކޯކު ތަށްޓަށެވެ. އެއަށްފަހު ރުހައިމްގެ މޫނަށެވެ. ޔަޝްފީގެ ތުންފަތުގައި ފަތަހައިގެ ހިނިތުންވުމެއް ދުވެލީ ކޯކު ތަށިން ރުހައިމް ކޯވަރެއް ބޯލުމުންނެވެ. އެވަގުތު ލިބުނު އުފާވެރިކަން ރަނގަޅަށް ޔަޝްފީގެ މޫނުމަތިން ރަމްޒުކޮށްދެމުން ދިޔައެވެ. އެދެލޮލުގައި ވެސް ވަނީ މުޅިންހެން ތަފާތު ވިދުމެކެވެ.
(ނުނިމޭ)