ތައިލެންޑުގެ ރަސްކަން ރިފޯމް ކުރަންޖެހޭ ކަމަށް ބުނި މީހަކު ހަތަރު އަހަރަށް ޖަލަށްލައިފިއެވެ.

ތައިލެންޑުން ޖަލަށް ލާފައިވަނީ އެގައުމުގެ ސަރުކާރާއި ރަސްކަމަށް އަބަދުވެސް ފާޑުކިޔަމުން ގެންދާ އެކްޓިވިސްޓް އެއްގެ އިތުރުން ލޯޔަރެއްގެ ގޮތުގައި ހަރަކާތްތެރިވާ މީހެކެވެ.

އިންސާނީ ހައްގުތަކަށްވެސް ވަކާލާތުކުރާ އުމުރުން 39 އަހަރުގެ އާނަން ނަމްޕާ ވަނީ 2020 ވަނަ އަހަރު އެގައުމުގައި ބޭއްވި ޕްރޯ ޑިމޮކްރަސީ މުޒާހަރާތަކުގައި އާންުމު ބައްދަލުވުމެއްގައި އެގައުމުގެ ރަސްކަން އިތުރަށް ކުރިޔަށް ގެންދިއުމަށް ރިފޯމް ކުރަން ޖެހޭކަމަށް ގޮވާލާފައި ކަމަށް އެގައުމުގެ ކޯޓުން ކުރި ހުކުމުގައިވެއެވެ. ނަމަވެސް އާނަން ވަނީ އެކަމަށް އިންކާރުކުރާ ކަމަށް ބުނެފައެވެ.

ތައިލެންޑުގެ ގާނޫނުގައި އޮންނަ ގޮތުން އެގައުމުގެ ރަސްކަމާ ދެކޮޅަށް މަސައްކަތް ކުރާ ފަރާތްތައް އެންމެ ގިނަވެގެން 15 އަހަރަށް ޖަލަށް ލެވޭނެއެވެ. މިކަމުގެ ސަބަބުން އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ފަރާތްތަކުން އެކަމުގައި އަޅާ ފިޔަވަޅު މާހަރުކަށި ކަމަށް ބުނެ ވަނީ އަޑު އުފުލައިފައެވެ.

އާނަންގެ ލޯޔަރު ވަނީ އޭނާއަށް ކުރި ހުކުމް އިސްތިއުނާފު ކުރުމަށް ނިންމާފައިވާ ކަމަށް ބުނެފައެވެ. އަދި އެމައްސަލަ ސުޕްރީމް ކޯޓަށް ގެންދާނެ ކަމަށްވެސް ލޯޔަރު ވަނީ ބުނެފައެވެ.