''ހޭއި ބެސްޓީ!...'' ޔަޝްފީގެ ގައިގައި އޮޅިލައިގަންނަމުން އެސްޓާ ބުންޏެވެ. ''އައި ލައިކް ޔޯރ ޑްރެސް...''
''ސޭމް...'' އެސްޓާގެ ހެދުމަށް ވެސް ޔަޝްފީ ތައުރީފުކޮށްލިއެވެ.
އެސްޓާ ލައިގެން ހުރީ ކިރިޔާ ބުޑު ނިވާވާވަރުގެ ކުރު ހެދުމެކެވެ. ހެދުމުގެ އަތެއް ނެތް އިރު މޭމަތީގެ ބޮޑު ބައެއް އޮތީ ހާމައަށެވެ. ކޮށްފައި ހުރީ ވެސް ގޮތް ބޮޑު މޭކަޕެކެވެ.
''ކީއްކުރަންތަ ޑްރަގްސް ހޯދަން އުޅުނީ؟...'' ޔަޝްފީއާއެކު ނައިޓްކްލަބަށް ވަންނަން ދަމުން ހިތުގައި އޮތް ސުވާލުގެ ޖަވާބު ބޭނުންވެފައި ޔަޝްފީއަށް އެސްޓާ ބަލައިލިއެވެ.
''ކެތްތެރިކަމެއް ވެސް ނުހުރޭދޯ...'' އެސްޓާގެ ސުވާލަށް ޖަވާބު ދިނުމުގެ ބަދަލުގައި ޔަޝްފީ ބުނެލިއެވެ. އެއާއެކު އިހުނަށްވުރެން ބޮޑަށް އެސްޓާގެ ހިތުގައި ޝައުޤުވެރިކަން އުފެދުނެވެ. ޔަޝްފީ ދަންނަ މީހެއްގެ ހައިސިއްޔަތުން ޔަޝްފީގެ މިޒާޖު އޭނައަށް ރަނގަޅަށް ދަސްވެފައިވާތީއެވެ. ޔަޝްފީއަކީ މަސްތުވާތަކެއްޗާއި ދޯޅު މީހެއް ނޫނެވެ. އެއްފަހަރު ޕާޓީ ޑްރަގްސް ބޭނުން ކޮށްގެން ވެސް ސަކަރާތް ވިއެވެ. އޭގެ ފަހުން ހުންނަނީ މަސްތުވާތަކެއްޗަށް ސަލާން ދީފައެވެ. ނަމަވެސް ލަންޑަނަށް އަންނަ ވާހަކަ ބުނަމުން މަސްތުވާތަކެތީގެ ވާހަކަ އޭނަ ގާތު ނަން ގަންނާނީ ކޮންމެވެސް ސަބަބެއް އޮތީމައެވެ. ވިސްނާވިސްނާ ވެސް އޭނައަށް އެސުވާލުތަކުގެ ޖަވާބެއް ނުލިބުނެވެ. ބައެއްފަހަރު ޔަޝްފީއަކީ ހައްލުކުރަން އުނދަގޫ އަރަތަކަށް ވާތީއެވެ. ފަޅިސިކުންތުކޮޅެއްގެ ތެރޭގައި މިޒާޖު ބަދަލުވެދާނެއެވެ. ފެނިގެންދާނީ މުޅިންހެން ތަފާތު ކުލަތަކެވެ.
''ދެން ބުނެބަލަ، އަހަންނަށް ޔަޤީން ޔަޝް ބޭނުން ކުރާކަށް ނޫންކަން، އަދި ބާރުގަދަ އެއްޗެއް ބޭނުމެއް ނުކުރާނެކަން ވެސް ޔަޤީން...'' ނައިޓްކްލަބަށް ވަންނަމުން އެސްޓާ ބުންޏެވެ.
''މަޑުކޮށްބަލަ، ކިޔައިދޭނަމޭ...'' އެސްޓާއަށް ހިނިތުންވެލަމުން ޔަޝްފީ ބުންޏެވެ. ނައިޓްކްލަބަށް ވަނުމާއެކު ތަނުގެ ހަލަބޮލި މާހައުލު ތަސައްވަރު ކުރެވިގެން ދިޔައެވެ. ޑީޖޭގެ ބާރު އަދި ފޯރިގަދަ މިޔުޒިކްގެ އަޑުން މުޅި ތަން ގުގުމަމުން ދިޔައެވެ. މިޔުޒިކުގެ އަޑު އެހާމެ ގަދައެވެ. އިރުއިރުކޮޅާ ޑީޖޭ މައިކުން ބުނެލާ ބަސްތަކާއެކު ދެ ޖިންސުގެ ޒުވާނުންނާއިގެން މަސްހުނިވެފައި އޮތް މާހައުލު ހަލަބޮލިވެގެން ދެއެވެ. ކަރުބުޑުން ނެރޭ ބާރު ހަޅޭކުގެ އަޑުތައް ގުގުމައިގަނެއެވެ. އެއާއެކު އިތުރު ފޯރިއެއް އަރައިގެން ދެއެވެ. ދެއަތްމައްޗަށް ނަގައިގެން ހޫރިގަންނަ އިރު ހީވަނީ ދުނިޔެމަތިން ވެސް ހަނދާން ނެތިފައިވާ ހެންނެވެ. ލޯތަރަތަރަ ޖަހައިގެންދާ ފަދަ ކުލަފަތީގެ އަލިން މާހައުލު އިތުރަށް ހަލަބޮލިކުރުވައެވެ. ނަޒަރު ހިންގާލާ ކޮންމެ ދިމައަކުން ވެސް ފެންނަނީ ދުނިޔޭގެ މަސްތުކަމަށް އެންމެން ގެއްލިފައިވާ މަންޒަރެވެ. ދެ ދިންސުގެ ޒުވާނުންތައް ވެސް ގައިގޯޅިވެ ފާހިޝްކަމުގެ ލައްޒަތު ލިބިގަންނަމުން ދިޔަ މަންޒަރެވެ. ރަލުގެ ދުނިޔެއަކަށް ގެއްލިފައި ތިބިތަނެވެ.
''ހިނގާ މައްޗަށް...'' އެސްޓާ ބުންޏެވެ. މީހުންތަކުން ފުރިފައި އޮތް މާހައުލާ ދުރަށް ދާން ބޭނުންވެފައެވެ.
''ކީކޭ؟...'' މިޔުޒިކުގެ ބާރު އަޑުގެ ސަބަބުން އެސްޓާ ބުނި ޖުމްލަ ޔަޝްފީއަށް ފަހުމުކުރާކަށް ނޭނގުނެވެ.
''މައްޗަށް ހިނގާށޭ...'' ބާރ ކައުންޓަރު ކައިރީގައި ހުރި ސިޑިއަށް އިޝާރާތްކުރަމުން ޔަޝްފީގެ ކަންފަތް ދޮށުގައި އެސްޓާ ބުނެލިއެވެ. އަދި މީހުންގަނޑުގެ ތެރެއިން ފުރޭނިގަނެގެން ހިނގައިގަތީ ސިޑީއާ ދިމާއަށެވެ. ޔަޝްފީ ވެސް އެސްޓާގެ ފަހަތުން ހިނގައިގަތެވެ.
ބާރ ކައިރީގައި ހުރި ސްޓޫލްގައި އިން ޒުވާނަކު ޔަޝްފީއަށް ހިނިތުންވެލުމުން ވެސް ޔަޝްފީ އަޅައެއް ނުލިއެވެ. އޭނައަށް އެތަނުގައި ތިބި ފިރިހެނުންގެ ދަހިވެތި ނަޒަރު ހުއްޓެމުން ދިޔަޔަސް އެކަމަށް ސަމާލުކަން ދޭކަށް އޭނަ ބޭނުމެއް ނުވިއެވެ. އެއް އިރެއްގައި އެކަމަށް އޭނަ ނުހަނު ބޭނުންވިއެވެ. ގަޔާ ވިއެވެ. ނަމަވެސް މިހާރު އެހިތުގައި ވަނީ އެންމެ ފަރާތެކެވެ. ހުރިހާ ކަމެއްގެ އިން ފަހަނައަޅައި ގޮސް ހިތުގެ ވެރިޔާ ހާސިލުކުރަން ބޭނުންވަނީ އެހެންވެއެވެ.
''ވާއު!، ޔޫ ހޭވް ޗޭންޖްޑް، އެ ހޮޓީ ބެލީމަ އަޅާ ވެސް ނުލާ ތިއައީ، ކުރީގެ ޔަޝްއެއް ނޫން ތީކީއެއް...'' ޔަޝްފީއަށް ބަދަލެއް އައިސްފިކަން ރޭކާލުމުން އެސްޓާ ބުންޏެވެ. ސިޑިން މައްޗަށް އަރައިގެން ގޮސް އެސްޓާ ވަނީ މަތީގައި ހުރި ކުޑަ ކޮޓަރިއެއް ކަހަލަ ތަނަކަށެވެ. ބީއްލޫރިން ފަރުމާކުރެވިފައިވާއިރު އެތެރެ ނުފެންނާނެހެން ކާޓެއިންތައް ދަމާލެވިފައި ހުއްޓެވެ.
އެތެރެއަށް ވަންނަމުން އެސްޓާ ދޮރު ތަޅުލިއެވެ. އޭރު އެތަނުގައި ދެ އަންހެނުންނާއި ފިރިހެނަކު ތިއްބެވެ. ސޯފާގެ މައްޗަށް ދެމިފައެވެ. ސޯފާ ކުރިމަތީ ހުރި ކުޑަ މެޒު މައްޗަށް އަޅާފައި ހުރި ހުދުކުލައިގެ ކުނޑިއެއްގެ ވަސް ބަލަމުން މަސްތީ ދުނިޔެއަކަށް ކޮންމެ މީހަކު ފީނަމުން ދިޔައެވެ. އެކަކު އޮތީ ސޯފާ މައްޗަށް ޚަބަރުހުސްވެފައެވެ. ދެން ތިބި ދެމީހުން ވެސް ހޭ ހުރީ ކިރިޔާއެވެ. އެވަރުން ވެސް ނޭފަތުން ދަމަމުން އެދާ އެއްޗަކަށް ލުޔެއް ދޭކަށް ނޫޅުނެވެ. އެސްޓާ ގޮސް އިށީނީ އެމީހުންނާއި ކުރިމައްޗަށް ވާހެން ހުރި ސޯފާގައެވެ.
''ޕިސްޕިސް، މިހާ އަވަހަށް މި މީހުން ދުވަސް ގޮސްފި...'' ޗޮކެއް ކަނޑާލަމުން އެސްޓާ ބުންޏެވެ. ''އިށީނދެބަލަ...'' ވަކިން ހުރި ސޯފާ ގޮނޑިއަށް އެސްޓާ އިޝާރާތްކުރުމުން ޔަޝްފީ ގޮސް އިށީނެވެ. އަދި ސޯފާގައި ދެމިފައި ތިބި މީހުންނަށް ބަލައިލިއެވެ.
''މީ އަހަރެންގެ ރައްޓެހިން......'' ޔަޝްފީގެ ލޮލުގައިވި ސުވާލުމާކުތައް ފާހަގަވުމުން އެސްޓާ ޖަވާބު ދިނެވެ. ''ކޮންމެ ރެޔަކު އަހަރުމެން އަންނަ ތަނެކޭ މިއީ، ދިސް ޕްލޭސް އިސް ޓޯޓަލީ ސޭފް، ނޯ ކޮޕްސް ވިލް ކަމް ހިއާރ... މިތަނުން ބޭނުންވާ ކޮންމެ ކަހަލަ ޑްރަގްއެއް ވެސް ލިބޭނެ، ދެން ބުނެބަލަ... ކީއްކުރަން ޑްރަގްސް ހޯދަން އުޅުނީ؟...''
''އެސްޓާ ވެސް އަހާ ސުވާލު ތިއީ، ބޭނުންކުރާކަށެއްނު ހޯދަނީ...'' ޔަޝްފީ ބުނެލިއެވެ. އެއާއެކު އެސްޓާ ގާތަށް ހިނިއައެވެ. އޭރު ވެސް އޭނައަށް ލިބިފައިވި ހައިރާންކަން ނުފުލިއެވެ.
''އައިމް ޝުއާރ އިޓްސް ނޮޓް ފޯރ ޔޫ... މީހަކު ބުނެގެންތަ؟... ޔަޝް ބުނީ ބިޒްނަސް މީޓިންގް އަކަށޭ އަންނަނީ... ޔަޝްއާއެކު އައި މީހަކު ބޭނުން ކުރަންތަ އެހާވަރުން އެދުނީ؟...'' އެސްޓާ އެހިއެވެ.
''އޭނަ ބޭނުމެއް ނުވޭ، އެކަމަކު އޭނައަށް ދޭން އަހަރެން ބޭނުމީ...'' ޔަޝްފީގެ ރާގު ބަދަލުވެއްޖެއެވެ. ސީރިޔަސްކަން އޭނަގެ އަޑަށް ވެރިވިއެވެ. ''އަހަރެން ބޭނުމީ ސައިޑް އިފެކްޓް މަދު އެކަމަކު ބާރުގަދަ އެއްޗެއް.......''
''މިހާރު ތިކަހަލަ އެއްޗިސް ވަރަށް އާންމުވާނެ... އަނެއްކާ ކާކަށް ދޭންތަ ތިއުޅެނީ؟...'' އެސްޓާ ދެލޯ ބޮޑުކޮށްލިއެވެ.
''އަހަރެންގެ ބޮސްއަށް...'' ޔަޝްފީ އޭނަގެ ރޭވުން އެސްޓާއަށް ހާމަކުރިއެވެ. އިރުކޮޅެއް ވަންދެން އެއްޗެއް ނުބުނެ ހިމޭނުން އިނދެފައި އޭނަ ވާހަކަދައްކަން ފެށިއެވެ.
''ގާރލް... ޔޫ އާރ ވައިލްޑް...'' ހިނިތުންވުމަކާއެކު އެސްޓާ ބުންޏެވެ. ''ތިކަހަލަ އައިޑިޔާސް ހޯދަނީ ކޮންތާކުންތަ؟... އަހަންނަށް ތިހެން ނުވެސް ވިސްނޭނެ، ބަޓް ޔޫ އާރ މައިލްސް އަ ހެޑް...''
''ހެހެހެ، ބޭނުންވާ ގޮތެއް ހާސިލުކުރަން ޖެހޭނެ ބައެއްފަހަރު ޑާރޓީ ޓްރިކްސް ބޭނުން ކުރަން ވެސް، މީ ވެސް އެކަހަލަ ކަމެއް...'' ޔަޝްފީވެސް ހިނިތުންވެލިއެވެ. އެސްޓާގެ ފަރާތުން އޭނައަށް އޮހުނު ތައުރީފާ މެދު އޭނަ ފަހުރުވެރިވިއެވެ.
''ޔަޤީންތަ ތި ރޭވުން ކާމިޔަބުވާނެކަން؟...'' އެސްޓާ ބުމަ އަރުވާލިއެވެ.
''ކީއްވެ ނުވާންވީ؟، އައިލް ޕްލޭއި ދި ވިކްޓްމް ކާރޑް!...'' ހީގަންނަމުން ޔަޝްފީ ބުނެލިއެވެ. ''އެސްޓާއަށް އެނގޭތަ ބައެއް މީހުންނަކީ އެމީހުންގެ ލޮލަށް ފެންނަ މަންޒަރުތައް ވަރަށް އަވަހަށް ޤަބޫލުކުރާ ބައެއްކަން، އަދި ހިތުގައި ޝައްކު އުފެދިއްޖެނަމަ އިތުބާރުކުރަން އުނދަގޫވާނެކަން... މީގަ ބޭނުމީ ރުހައިމްއަށް ކޮންވިންސްކުރުމެއް ނޫން، އެއަންހެނާގެ ސިކުނޑިއަށް އެރިގަތުން... އޭނައަކީ ތާކު ހުރި ބޮޑު ގަމާރެއް، ލޮލަށް ފެންނަ މަންޒަރުތައް އޭނަ ޤަބޫލުކުރާނެ... މިއީ އަދި ފެށުމެއް، އަހަރެންގެ ރޭވުން ކާމިޔާބުކުރަން އަދި އިތުރު ފުރުސަތުތައް ވެސް ލިބޭނެ، ވަރަށް ދުވަހު އިންތިޒާރުކޮށްފިން މިދުވަހަށް...''
''އަހަންނަށް އެނގޭ ޔަޝް ބޭނުންވެއްޖެކަމެއް ފުރިހަމަކޮށްފައި ނޫނީ ދޫކޮށްނުލާނެކަން، ތި ރުހައިމް ޔަޝްއަށް ވަރަށް ބޮޑަށް ކަމު ގޮސްފިކަން ޔަޤީން، އޭނަ އެހާ ވެސް ރީތިތަ، ދެންމެ ބާރގަ ހުރި ހޮޓީ ބެލީމަ ވެސް އަޅާ ނުލީ ޔަޤީން ރުހައިމް ރީތިވީމަކަން...'' އެސްޓާ ބުންޏެވެ. ޔަޝްފީއަށް އައިސްފައިވި ބަދަލުތަކުގެ މާނަ އޭނައަށް ވިސްނުނެވެ. އެދެލޮލުގައިވި ވިދުން ވެސް މެއެވެ. "ރަނގަޅަށް ވެސް ލޯބީގަ ހައްޔަރުވެފަ ތިހިރީ...''
''ހެހެހެ، އެހާ ރީތި ފިރިހެނަކު ނުފެންނާނެ... އަހަރެން ބޭނުމީ ހަމައެކަނި އަހަރެންގެ މީހަކަށް ރުހައިމް ވާން... ކޮންމެ ގޮތަކަށް އަހަންނަށް ލިބުނަސް ހެޔޮ، އެއަންހެނާގެ ނުފޫޒުގެ ދަށުން ރުހައިމް މިނިވަންވުމާއެކު އަހަންނަށް ރުހައިމް ލިބޭނެ، އަދި އަހަންނަށް ޔަޤީން މިކަންތައް ނިމޭ އިރު ހުދު އޭނަ ރުހައިމްގެ ގާތުން ވަރިވާން އެދޭނެކަން...'' ހަށިފުރާ ފުން ނޭވާއެއް ދޫކޮށްލަމުން އެސްޓާއަށް ޔަޝްފީ ބަލައިލިއެވެ. އެބެލުމުގައިވި މާނަ ދޭހަވުމާއެކު އޭނަގެ އަތްދަބަސް ހުޅުވާލަމުން ކުޑަ ޕެކެޓެއް އެސްޓާ ނެގިއެވެ.
''ނިއު ޕްރޮޑަކްޓެއް މިއީ، އެކަމަކު ވިއްކި މީހާ ބުނީ ސޭފް އެއްޗެކޭ، ޔަޝް ބުނިހެން ސައިޑް އިފެކްޓް ވެސް މަދުވާނެ، ލަސްލަހުން މީގެ އަސަރު ކުރާނީ ވެސް...'' އެސްޓާ މައުލޫމާތު ސާފުކޮށްދިނެވެ. ''ދެގުޅަ އެއްކޮށް ދިނީމާ ޔަޝް ބޭނުންވާ ނަތީޖާ ނިކުންނާނެ...''
''ތޭންކްސް...'' އެސްޓާ ދިއްކުރި ޕެކެޓް އަތުލަމުން ޔަޝްފީ ބުންޏެވެ. ރަބަރު ޕެކެޓް ހުޅުވާލަމުން އޭގެ ތެރޭގައި އޮތް ދެ ބޭސްގުޅަ އަތަށް އަޅާލިއެވެ. އިރުކޮޅެއް ވަންދެން އެއަށް ބަލަހައްޓައިގެން ހުރުމަށްފަހު އަނބުރާ ޕެކެޓްގެ ތެރެއަށް ބޭސްގުޅަތައް ލިއެވެ. އެއަށްފަހު ކްލަޗްގެ ތެރެއަށް ޕެކެޓްލަމުން އެސްޓާއަށް ދޭން ޑޮލަރު ނެގިއެވެ.
''އުހޫނ، ފައިސާ ބޭނުމެއް ނޫން، ތީ އަހަރެންގެ ފަރާތުން ޔަޝްއަށް ދިން ހަދިޔާއެއް ކަމުގައި ބަލާ... ޔަޝްގެ ޑްރީމް ލައިފް ލިބޭނެ ދުވަހަކަށް އަހަރެން ވެސް އިންތިޒާރުކުރާނަން، ގުޑް ލަކް، އަހަންނަށް ޔަޤީން ރުހައިމް ލިބޭނީ ޔަޝްއަކަށް ކަން... އެއަންހެނާއަކަށް ކާމިޔާބެއް ނުލިބޭނެ...'' ފައިސާގައި ހިފަން އެސްޓާ ދެކޮޅުހެދިއެވެ. އެއީ އެކުވެރިޔާގެ އުފަލަށްޓަކައި އޭނަ ކޮށްދިންކަމެއްކަމުގައި ދެކޭތީއެވެ.
''އަދި އެއް ސުވާލު... ކިހިނެއްތަ ތި ދޭނީ؟...'' ޔަޝްފީގެ މޫނާއި ނަޒަރު ވަކިކުރުމެއް ނެތި އެސްޓާ ސުވާލުކޮށްލިއެވެ. ''ފަހުން ވިޔަސް އޭނައަށް ނޭނގޭނެ ގޮތަށް ތި ދޭން ޖެހޭނީ، އަހަރެން ޚިޔާލެއް ދެންތަ؟...''
''ބުނެބަލަ...'' އޭނަ ވިސްނާފައި އޮތްގޮތަށްވުރެން ރަނގަޅު ޚިޔާލެއް ލިބިދާނެ ކަމުގެ އުއްމީދުގައި އެސްޓާއަށް ޔަޝްފީ ބަލައިލިއެވެ.
''ޔަޝްގެ ވާހަކަތަކުން ޕަބްއެއް ކަހަލަ ތަނަކަށް އޭނަ ނާންނާނެކަން އެނގޭ، ސޯ ޑިނާއެއް ކަހަލަ އެއްޗަކަށް އޭނަ ގެންގޮސް ސިއްރުން ޑްރިންއަށް އަޅާފަ ދީފިއްޔާ ޝައްކެއް ނުވާނެ... ޔަޝް ފުރުސަތެއް ހޯދާ، އަހަރެން އެކަން ވެސް ކޮށްދީފާނަން، އަހަރެންގެ ރައްޓެއްސެއް ހިންގާނެ ރެސްޓޯރެންޓެއް...'' އެސްޓާ ޚިޔާލެއް ދިނެވެ. އަދި އޭނަގެ އެކުވެރިޔާގެ ރެސްޓޯރެންޓްގެ މަޢުލޫމާތުތައް ހިއްސާކުރިއެވެ.
''އަހަރެން އުޅުނީ ޓޭކްއަވޭ ކޮފީއެއް ކަހަލަ އެއްޗަކަށް އަޅާފަ ދޭން، އެކަމަކު އެސްޓާގެ ޚިޔާލު މާ ރަނގަޅު، އަހަރެން ޚަބަރެއް ވާނަން އިނގޭ، އެހާ އިރަށް ތައްޔާރުވެގެން ތިބެން ޖެހޭނީ، ރުހައިމް ގެންދާނެ ގޮތަކާ މެދު ވިސްނާފަ އަހަރެން ގުޅާނަން...'' އެސްޓާއަށް ޔަޝްފީ ހިނިތުންވެލިއެވެ. އަދި ސޯފާއިން ތެދުވުނެވެ.
''ދާންތަ ތިއުޅެނީ؟... އަހަންނާއެކު ކުޑަކޮށް މަޖާކޮށްލާފަ ދާންވީނު؟...'' އެސްޓާ އެހިއެވެ.
''ގިނަ އިރަކު މަޑެއް ނުކުރެވޭނެ، އަހަރެން ޖެހޭނެ ހެނދުނުހެނދުނާ ތެދުވަން ވެސް، މާދަމާ ސެމިނާގެ ފުރަތަމަ ދުވަސް...'' ޔަޝްފީ ބުނެލިއެވެ.
''އޯކޭ، އޯކޭ، ދެން ރުހައިމްގެ ފޮޓޯއެއް އަހަންނަށް ދައްކަބަލަ، ޔަޤީން ސްޓޯލްކް ކުރާކަން ވެސް...'' ހިނިގަނޑަކާއެކު އެސްޓާ ބުންޏެވެ. އަދި ޔަޝްފީއާއެކު ބޭރަށް ނިކުންނަން ހިނގައިގަތެވެ. އެދިޔަ މަގުމަތީގައި އޭނަގެ ފޯނުން ރުހައިމްއަށް ސިއްރުން ނަގާފައި ހުރި ފޮޓޯތައް ޔަޝްފީ ދެއްކިއެވެ. އެސްޓާއަށް ވެސް ރުހައިމްގެ ފިރިހެންވަންތަކަން ފާހަގަވެ އެވާހަކަ ދެއްކިއެވެ. ދެން ދެ އެކުވެރިންގެ ދެމެދުގައި މުޅިންހެން ދެކެވުނީ ރުހައިމްގެ ވާހަކައެވެ.
*****
ދެދުވަސް ފާއިތުވެގެން ދިޔައީ ވެސް ސެމިނާގެ ކަންތަކުގައި ހޭބޯނާރައެވެ. އެހެންވުމުން އޭނަ ބޭނުންވި ކަހަލަ ފުރުސަތެއް ޔަޝްފީއަށް ލިބޭ ގޮތެއް ނުވިއެވެ. އޭރު އޭނަގެ ހިތުގައި ނުތަނަވަސްކަން އުފެދިއްޖެއެވެ. ފުރަން އެއްދުވަހަށް ވެފައި އޮތް އިރުގައި އޭނަގެ ރޭވުން ކާމިޔާބު ނުކުރެވިދަނެތީ އެކަމުގެ ނުތަނަވަސްކަމުން މީހާގެ ހަމަޖެހުން ނަގާލިއެވެ. އޭނަ މިހާރު ހުންނަނީ ރުހައިމްގެ ބޯކޮޅު ބަލައެވެ. ފަހި މަގެއް ފެނޭތޯއެވެ. ރުހައިމްއަށް ފަހުން ވިޔަސް ޝައްކުވާން ބޭނުންނުވާތީ އެންމެ ރަނގަޅު ވަގުތަކަށް އޭނަ ދިޔައީ އިންތިޒާރުކުރަމުންނެވެ. އެފުރުސަތު އޭނައަށް ފަހިކުރެވުނީ ސެމިނާ ނިމުނު ދުވަހުއެވެ. ސެމިނާގެ ކަންތައް ނިމި ހަމަހެޖިލެވުނު އިރު އިރުއޮއްސި ދުނިޔެމައްޗަށް އަނދިރިކަން ވެރިވާން ފަށައިފިއެވެ. ސެމިނާރ އޮތް ބެންކުއެޓް ހޯލުން ނިކުންނަމުން ޔަޝްފީ ބަލައިލީ ރުހައިމް އަށެވެ. އޭރު ރުހައިމް ހުރީ ސެމިނާއިން ބައްދަލުވި ވިޔަފާރިވެރިޔަކާއި ވާހަކަދައްކާށެވެ. އެކަމުން ރުހައިމް ނިމެންދެން ރުހައިމްގެ ހިޔަނިހެން ގާތުގައި ޔަޝްފީ ހުއްޓެވެ.
ދިހަ މިނެޓަށް ޔަޝްފީއަށް އިންތިޒާރުކުރަން ޖެހުނެވެ. އޭރު ރުހައިމް ވާހަކަދައްކަން ހުރި މީހާ ދެކެ ޔަޝްފީ ހުރީ ރުޅިއައިސްފައެވެ. އަވަހަށް ދާން ނޫޅޭތީއެވެ. އިރުއިރުކޮޅާ ތުންފަތަށް ހަދާލާ ގޮތުން ވެސް ހިތްހަމަނުޖެހިފައި ހުރިކަން އަންގައިދެނެއެވެ. ނަމަވެސް އެމީހާއާއި އޭނަގެ ނަޒަރު ބައްދަލުވާ ކޮންމެ ފަހަރަރު އަވަސްއަވަހަށް ހިނިތުންވެލައެވެ. ދަތްތައް ފެންނަވަރަށެވެ.
''އަޅޭ، އަހަރެން ހުރީ ތަންތަން ބަލާލަން ދާން ބޭނުންވެފަ، އެކަމަކު ދެން ނުވާނެތާ، މާދަމާ ފުރުން އޮތީ ވެސް މެންދުރަށް... މިރޭ ޖެހޭނެ ޝޮޕިންގްއަށް ގޮސްލަން... އޮފީސް އެންމެނަށް ދޭން އެއްޗެއް ގަނެލަން ވާނެތާ، އޭރަށް އެންމެން އުފާވާނީ ވެސް، ބޭރު ޤައުމަކަށް ގޮސްފަ ދާއިރު އެއްޗެއް ގެންދަންވާނެ ކޮންމެހެން ވެސް، ރުހައިމް އަހަންނާއެކު ދާންވީއެއްނު؟، އޭރަށް ނާލާއަށް ދޭން ވެސް އެއްޗެއް ގަނެވިދާނެ އަދި ފެމިލީއަށް ދޭން ވެސް ގަނެވިދާނެ.. މިތާ ކައިރީ ހުންނާނެ ޝޮޕިންގް މޯލްއެއް، ކުރީ ދުވަހު ފެނުނު...'' ރުހައިމްއާއެކު އެކަނިވުމާއެކު ޔަޝްފީ ބުނެލިއެވެ. އޭނަގެ ހިތްހެޔޮކަމާއި މީހުންނާމެދު ބަހައްޓާ ސަމާލުކަން ރުހައިމްއަށް އަންގައިދޭން ޔަޝްފީ މަސައްކަތްކުރިއެވެ.
''މިރޭ ދެން ހޮޓެލަށް ގޮސްފިއްޔާ ދެން އެކަމާ މާދަމާ ނުވެސް އުޅެވޭނެ...'' ރުހައިމް އިންކާރުކޮށްފާނެތީ ތަފާތު އުކުޅުތައް ބޭނުންކޮށްގެން ރުހައިމް އެއްބަސް ކުރުވޭތޯ ޔަޝްފީ ބެލިއެވެ.
ޔަޝްފީގެ ވާހަކައާ މެދު އިރުކޮޅެއް ވަންދެން ވިސްނަން ހުރުމަށްފަހު ރުހައިމް ފުންނޭވާއެއް ދޫކޮށްލިއެވެ. ނާލާގެ އިތުރުން އާއިލާގެ ހުރިހާ މެންބަރުންނަށް ދޭން ހަދިޔާއެއް ގަންނަން އޭނަ ވެސް ހުރީ ހިތުލައިގެންނެވެ. ނަމަވެސް ސެމިނާގެ ކަންތަކުގައި ބުރަކޮށް އުޅެމުން އެފުރުސަތު ލިބޭ ގޮތެއް ނުވިއެވެ. އެއާއެކު އޭނައަށް ވިސްނާލެވުނެވެ. ޔަޝްފީގެ ޚިޔާލު އޭނައަށް ކަމުދިޔައެވެ.
''ޝޮޕިންގްއަށް ފަހު ޑިނާރވެސް ނަގައިގެން ހޮޓެލަށް ދާނީ، އޭރަށް ދާގޮތަށް ގޮސް އަރާމުކޮށްލެވޭނީ...'' ޔަޝްފީ އިތުރުކޮށްލިއެވެ. އޭނަ ބޭނުންވި ގޮތަށް ކަންތައް ކުރިއަށްދާނެ ކަމުގެ ކޮޅުމަތި ފެނުމުން ޔަޝްފީއަށް ހިނިތުންވެވުނެވެ. އޭނަގެ ނިޔަތާ މެދު ރުހައިމްގެ ހިތުގައި ސުވާލު ނުއުފެދުމުން ވެސް ހަމަޖެހުމެއް ލިބުނެވެ.
(ނުނިމޭ)