ޗަންދްރަޔާން-3 މިޝަންގައި ހަނދުގައި ހަރަކާތްތެރިވާ އުޅަނދު "ނުހޭލި" ކަމަށް އިންޑިއަން ސްޕޭސް އެޖެންސީ (އިސްރޯ) އިން ބުނެފިއެވެ.

އިންޑިއާގެ މައި ޖައްވީ އިދާރާ، އިސްރޯ އިން ވަނީ ހަނދުގައި ހަރަކާތްތެރިވާ އުޅަނދު ''ޕްރަގްޔާން''ގެ ސިގްނަލް ނުލިބޭ ކަމަށާއި އެއުޅަނދު އަދިވެސް ނުހޭލާ ކަމަށް ބުނެފައެވެ.

އިންޑިއާގެ ސައިންސުވެރިންނާ ހަވާލާދީ ބީބީސީން ބުނީ ހަނދުގެ ދެކުނު ތަނޑީގައި ނިންދަވާފައިވާ އެ އުޅަނދު ހޭލެއްވުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށާއި އަދިވެސް އަލިމަގެއް ނުފެންނަ ކަމަށެވެ.

ސައިންސުވެރިން ވަނީ އެއުޅަނދު ހޭލައްވަން ކުރަމުންދާ މަސައްކަތް މިމަހުގެ ހަނދު ފިލައިދަންދެން ކުރާނެ ކަމަށް ބުނެފައެވެ.

ހަނދަށް ދުވާލުވާނީ 14 ދުވަހުންނެވެ. އަދި އެއަށްފަހު 14 ދުވަސް ފަހުން އަލުން އިރުގެ އަލި ހަނދަށް ލިބޭނެއެވެ.

އިސްރޯ އިން ވަނީ ހަނދުގައި ދުއްވާ އުޅަނދާއި ހަނދަށް ތިރި ކޮށްފައިވާ އުޅަނދުން ވެސް ސިގްނަލް ނުލިބޭ ކަމަށް ބުނެފައެވެ.

ހަނދުގެ ދެކުނު ތަނޑިއަށް މި އުޅަނދު ތިރި ކުރުމާއެކު އިންޑިއާ ވެގެން ދިޔައީ ހަނދުގެ އެ ސަރަހައްދަށް އުޅަނދެއް ތިރިކުރި ފުރަތަމަ ގައުމަށެވެ.