ޓޫރިޒަމް ދާއިރާގައި 15 އަހަރު މަސައްކަތް ކޮށްފައިވާ މީހުންނަށް ފްލެޓް ދޭން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ނިންމަވައިފިއެވެ.

ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން "ވަން" އަށް މިރޭ ވިދާޅުވީ އެގޮތަށް ރައީސް ނިންމެވީ އިއްޔެ ކަމަށެވެ.

އެގޮތުން ސަރުކާރުގެ ގެދޮރުވެރިޔާ ސްކީމުގެ ދަށުން ދެވަނަ ބުރުގައި ދޭން ނިންމާފައިވާ 6،000 ފްލެޓްގެ ތެރެއިން 300 ފްލެޓް، ޓޫރިޒަމް ދާއިރާގައި 15 އަހަރު މަސައްކަތް ކޮށްފައިވާ މީހުންނަށް ހާއްސަކުރަން ނިންމާފައިވާ ކަމަށް ވިދާޅުވިއެވެ.

އަކްރަމް ވިދާޅުވި ގޮތުގައި އެކަމާ ގުޅޭ އުސޫލު މިރޭގެ ވަގުތެއްގައި އާންމު ކުރާނެއެވެ.

ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދެވަނަ ބުރަށް 6،000 ފްލެޓާއި 4،500 އަށްވުރެ ގިނަ ގޯތި ހުޅުވާލަން ވަނީ ނިންމައިފައެވެ. އޭގެ ތެރެއިން ގޯތި ދޭން ނިންމާފައިވާ އެއް ތަނަކީ އުތުރު ތިލަފަޅެވެ.