ތ. ކަނޑޫދޫ އާއި އެއަތޮޅު ވަންދޫގައި ދެ މިސްކިތް އިމާރާތް ކުރުމަށް އިސްލާމިކް މިނިސްޓްރީން ދެ ކުންފުންޏަކާ ހަވާލުކޮށްފިއެވެ.
އިސްލާމިކް މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީއެވެ.
ކަނޑޫދޫ މިސްކިތުގެ މަސައްކަތް ހަވާލުކޮށްފައިވަނީ މިމްސް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑަށެވެ. އަދި ވަންދޫ މިސްކިތުގެ މަސައްކަތް ހަވާލުކޮށްފައިވަނީ އެލް.އެފް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑަށެވެ.
މިނިސްޓްރީން ބުނީ މި ދެ މިސްކިތަކީ ފިރިހެނުންނާއި އަންހެނުންނަށްވެސް ވަކިން ނަމާދުކުރެވޭ ގޮތަށް އިމާރާތްކުރާ ދެ މިސްކިތް ކަމަށެވެ.
މިނިސްޓްރީން ބުނި ގޮތުގައި ކަނޑޫދޫ މިސްކިތުގެ މަސައްކަތް މިމްސް ކޮންސްޓްރަކްޝަނާ ހަވާލުކޮށްފައިވަނީ 11,258,581 ރުފިޔާއަށެވެ. ވަންދޫ މިސްކިތުގެ މަސައްކަތް އެލްއެފް ކޮންސްޓްރަކްޝަނާ ހަވާލުކޮށްފައިވަނީ 9,778,268 ރުފިޔާ އަށެވެ.
މި މިސްކިތް އިމާރާތްކޮށް ނިންމުމަށް ހަވާލުކޮށްފައިވަނީ 365 ދުވަސް ތެރޭގައެވެ.
މި ރަސްމިއްޔާތުގައި މިނިސްޓްރީގެ އިސްވެރިންނާއި ކިނބިދޫ ދާއިރާގެ މެމްބަރު މުހައްމަދު ނާޝިޒް އާއި މިމްސް ކޮންސްޓްރަކްޝަނާއި އެލްއެފް ކޮންސްޓްރަކްޝަންގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު