ރާއްޖޭން އީރާނާ ގުޅުން ކަނޑާލިތާ ހަތް އަހަރު ފަހުން އަލުން ހާރިޖީ ގުޅުން ގާއިމުކޮށްފިއެވެ.
އިއްޔެ ވަނީ އދ. ގެ 78 ވަނަ ޖެނެރަލް އެސެމްބުލީގެ ބައްދަލުވުމުގެ ހަވާސާގައި ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަބްދުﷲ ހަލީލާއި އީރާނުގެ ފޮރިން މިނިސްޓަރު ޑރ. އާމިރު އަބްދުﷲހީޔަން ބައްދަލުކުރައްވައިފައެވެ.
އެ ބައްދަލުކުރެއްވުމަށްފަހު، ދެ ގައުމު ގުޅިގެން ވަނީ އެކަން އިއުލާނުކޮށްފައެވެ. އެކަމާ ގުޅޭ ގޮތުން ފޮރިން މިނިސްޓްރީން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ، އީރާނާ އެކު އަލުން ގުޅުން ގާއިމުކުރަން ނިންމީ ދެ ގައުމުގެ ރައްޔިތުންގެ އުއްމީދާއި ޝައުގުވެރިކަމުގެ ސަބަބުން ކަމަށެވެ.
މިނިސްޓްރީން ބުނީ ދެގައުމުގެ ދެމެދުގެ ދެމެދުގައި އެކުވެރިކަން ބަދަހި ކުރުމާއި ހަމަހަމަކަން ގާއިމު ކުރުމާއި ދެގައުމުގެ އެއްބައިވަންތަކަން ދެމެހެއްޓުމާ ގުޅޭ ގޮތުން މަޝްވަރާ ކުރެވުނު ކަމަށެވެ.
މީގެ އިތުރުން އިންވެސްޓުމަންޓާއި ވިޔަފާރިގެ ގުޅުމާއި ދަތުރުފަތުރާއި ޓެކްނޮލޮޖީގެ ރޮނގުން ގުޅުން ހަރުދަނާ ކުރުމަށް އެއްބަސްވެވިފައިވާ ކަމަށް ވެސް ބަޔާނުގައި ބުންޏެވެ.
ރާއްޖޭން އިރާނާ އެކު ގާއިމުކޮށްފައި އޮތް ގުޅުމަށް 40 އަހަރު ވެފައިވަނިކޮށް، ކުއްލި ގޮތަކަށް އެ ގުޅުން ކަނޑައިލީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި 2016 ވަނަ އަހަރުގެ މެއި މަހުގެ ތެރޭގައެވެ.
އެގޮތަށް ނިންމީ ގަލްފު ސަރަހައްދުގެ ސުލްހައަށް އިރާނުން ހުރަސްއަޅަމުންދާތީ ކަމަށް ބުނެއެވެ. މެދުއިރުމަތީގައި ރާއްޖޭގެ ހާރިޖީ ސިޔާސަތު ކަނޑައެޅުމުގައި ވަރަށް ބޮޑަށް ބަރޯސާވާ، ސައުދީ އަރަބިއްޔާ އިން ވެސް އޭރު އޮތީ އިރާނާ އެކު ގުޅުން ކަނޑާލައިފައެވެ.
ޔާމީންގެ ވެރިކަމުގައި ގަތަރާ އެކު އޮތް ގުޅުން ވެސް ރާއްޖޭން ކަނޑަލައިލީ ސައޫދީގެ ނިންމުމަކާ އެކުގައި ނަމަވެސް 2021 ވަނަ އަހަރު ރާއްޖޭން ވަނީ އެ ގުޅުން އަލުން އިޔާދަކޮށްފައެވެ.
އީރާނާ އެކު ރާއްޖޭން ވެސް އަލުން ގުޅުން ގާއިމުކޮށްފައިވަނީ، ޗައިނާ މެދުވެރިވެގެން އެހެން ގައުމުތަކާއި އިރާނާ އޮންނަ ގުޅުން ރަނގަޅު ކުރުމަށް މަސައްކަތް ފަށާފައިވާ ދަނޑިވަޅެއްގައެވެ. މި އަހަރުގެ މާޗު މަހު ސައުދީން ވެސް ވަނީ އީރާނާ އަލުން ހާރިޖީ ގުޅުން ގާއިމުކޮށް، ދެ ގައުމުގެ އެމްބަސީތައް ވެސް އަލުން ހުޅުވައިފައެވެ.