ދުނިޔޭގެ އެންމެ ދުވަސްވީ އަންހެން ނިންޖާގެ މަގާމު 71 އަހަރުގެ މީހަކަށް ލިބިެއްޖެއެވެ.

އެމެރިކާގެ ވާޖީނިއާއަށް އުފަން ލިއޮނާ މެކޯލް ވަނީ ދުނިޔޭގެ އެންމެ ދުވަސްވީ ނިންޖާގެ މަގާމު ހޯދައި ދުނިޔޭގެ ރެކޯޑު ފޮތުން ޖާގަ ހޯދައިފައެވެ.

މެކޯލް ވަނީ އުމުރަކީ ހަމަ އެކަނި ނަމްބަރެއް ކަމަށް ބުނެ އޭނާގެ ހުނަރު ދައްކާލައި ވީޑިއޯއެއްވެސް އާންމު ކޮށްފައެވެ.

އުމުރުން 66 އަހަރުން ފެށިގެން މެކޯލް ވަނީ ނިންޖާ މުބާރާތްތަކުގައި ބައިވެރިވާން ފަށާފައެވެ. އޭނާ ވަނީ އެކަމަށް ޝައުގުވެރިކަން އިތުރުވީ އޭނާގެ ދަރިފުޅު ދައްކަމުން އަންނަ ހުނަރުގެ ސަބަބުން ކަމަށް ބުނެފައެވެ.

މެކޯލް ވަނީ ވާޖީނިއާގައި ބާއްވާ އެތުލެޓިކް މުބާރާތްތަކާއި ބަރު އުފުލުމުގެ މުބާރާތްތަކުގައި ބައިވެރިވެ އެތައް ބަޔަކު އާޝޯހުކޮށްލައިފައެވެ.

މެކޯލް ވަނީ އަބަދުވެސް ފިޓުކޮށް ހުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަން ފާހަގަކޮށްފައެވެ. އެ ގޮތުން އޭނާ ކޮންމެ ހަފުތާއަކު ތިން ދުވަހު ފަތާ ކަމަށާއި ގިނަވަގުތު ޕްރެކްޓިސް ކުރުމުގައި ހޭދަކުރާކަމަށް ބުނެފައެވެ.