ރާއްޖޭގައި މިހާރު އޮތް ވެރިކަމުގެ ނިޒާމާ ގުޅޭ ގޮތުން ރައްޔިތުންގެ ހިޔާލު ހޯދުމަށް އަންނަ މަހުގެ 29 ވަނަ ދުވަހު ނަގަން ނިންމާފައިވާ ވޯޓުގައި އެމްޑީޕީން އަމަލުކުރާނެ ގޮތެއް ނިންމާނީ މި މަހުގެ 30ގައި ބާއްވާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް ފަހުގައި ކަމަށް އެ ޕާޓީގެ އިސް ލީޑަރު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ދެވަނަ ބުރުގެ ކެމްޕެއިނަށް މާލޭގައި މިއަދު ކުރިއަށް ގެންދިޔަ ދޮރުން ދޮރަށް ހަރަކާތަށްފަހު ނޫސްވެރިންނާ ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ، ނިޒާމީ ވޯޓުގައި ނިންމާނެ ގޮތަކާމެދު އެމްޑީޕީން މަޝްވަރާ ކުރާނެ ކަމަށާއި ގޮތެއް ގޮތެއް ނިންމާނީ އެއަށް ފަހުގައި ކަމަށެވެ.
"ނިންމާފައިވާ ނިންމުމާއެކީގައި ކުރިއަށްދާނަން. އެއީ މަޖިލީހުން މިހާރު ނިންމާފައިވާ ގޮތް އެ ވަނީ އިލެކްޝަން ކޮމިޝަނަށްވެސް ފޮނުވާފައި އަދި އަޅުގަނޑަށްވެސް އެބަ އޮތް އެ މަޖިލީހުން ފޮނުވާފައި. އަޅުގަނޑުމެންގެ ނެތް އެއަށް އިތުރު އިޝޫއެއް. އެކަމަކު ޕާޓީގެ ފަރާތުން އެކަމަށް ގޮތެއް ނިންމާނީ މި އިންތިހާބަށް ފަހު" ރައީސް ވިދާޅުވިއެވެ.
އެ މަނިކުފާނު ވިދާޅުވީ، ދެވަނަ ބުރުން މޮޅުވާ މަންޒަރު މިހާރު ފެނިވަޑައިގަންނަވާ ކަމަށާއި ނަމަވެސް މޮޅުވާނެ ސީދާ ޕަސަންޓޭޖެއް ދަންނަވަން އަދި ދަތި ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުން އަންގާފައިވާ ގޮތަށް، ރާއްޖޭގައި މިހާރު އޮތް ވެރިކަމުގެ ނިޒާމާ ގުޅޭ ގޮތުން ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނަގަން ނިންމާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ވަނީ ބުނެފައެވެ.
ރިޔާސީ އިންތިހާބާ ގުޅޭ މައި މަރުކަޒު، ދަރުބާރުގޭގައި މިއަދު ބޭއްވި ނޫސް ކޮންފަރެންސްގައި އީސީގެ ރައީސް ފުއާދު ތައުފީގު ވިދާޅުވީ، އަންނަ މަހުގެ 29 ގައި ވޯޓު ނަގަން ނިންމާފައިވާ ކަމަށާއި ބަޖެޓް ލިބުނުހާ އަވަހަކަށް، އެކަމާ ގުޅޭ ގޮތުން ރައްޔިތުން ހޭލުންތެރި ކުރުވުމަށް ކުރަންޖެހޭ މަސައްކަތްތައް ފައްޓަވާނެ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު