ރައްޔިތުންގެ މަޖިލީހުން އަންގާފައިވާ ގޮތަށް، ރާއްޖޭގައި މިހާރު އޮތް ވެރިކަމުގެ ނިޒާމާ ގުޅޭ ގޮތުން ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނަގަން ނިންމާފައިވާ ކަމަށް އިލެކްޝަންސް (އީސީ) އިން ބުނެފިއެވެ.
ރިޔާސީ އިންތިހާބާ ގުޅޭ މައި މަރުކަޒު، ދަރުބާރުގޭގައި މިއަދު ބޭއްވި ނޫސް ކޮންފަރެންސްގައި އީސީގެ ރައީސް ފުއާދު ތައުފީގު ވިދާޅުވީ، އަންނަ މަހުގެ 29 ގައި ވޯޓު ނަގަން ނިންމާފައިވާ ކަމަށާއި ބަޖެޓް ލިބުނުހާ އަވަހަކަށް، އެކަމާ ގުޅޭ ގޮތުން ރައްޔިތުން ހޭލުންތެރި ކުރުވުމަށް ކުރަންޖެހޭ މަސައްކަތްތައް ފައްޓަވާނެ ކަމަށެވެ.
އިތުރު ތަފުސީލު ދެއްވަމުން އީސީގެ ނައިބު ރައީސް އިސްމާއީލް ހަބީބު ވިދާޅުވީ، ގާނޫނުއަސާސީން ރައްޔިތުންގެ މަޖިލީހަށް ލިބިގެންވާ ބާރުގެ ދަށުން ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓެއް ނެގުމަށް، މަޖިލީހުން ފާސްކުރި ގަރާރާއެކު އެ ވޯޓު ނެގުމަށް އެދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ސިޓީފުޅެއް އެ ކޮމިޝަނަށް ލިބިފައިވާ ކަމަށެވެ. ނަމަވެސް އެކަމާ ގުޅޭ ގޮތުން އީސީން ލަފާ ހޯދުމަށްފަހު، ކޮމިޝަނަށް ފާހަގަކުރެވޭ ކަންތައްތަކެއްގެ މައުލޫމާތު ހޯދުމަށް މަޖިލީހަށް ފޮނުވާފައިވާ ކަމަށާއި ވޯޓު ނެގޭނީ އެ މައުލޫމާތު ލިބިގެން ކަމަށްވެސް ވިދާޅުވިއެވެ.
"މި ކަހަލަ އާންމު ވޯޓެއް ނަގާއިރު ވޯޓު ނަގާ މައުޟޫއަކީ ކޮބައިކަން އެނގެންޖެހޭ، ރައްޔިތުންގެ ކައިރީގައި އަހަންޖެހޭ ސުވާލަކީ ކޮބައިކަން އެނގެންޖެހޭ، އެ ސުވާލެއް ނެތް އަޅުގަނޑުމެނަށް ލިބިފައެއް، އެހެންވީމަ އަޅުގަނޑުމެން މިހާރު ރައްޔިތުންގެ މަޖިލީހުގައި ދަންނަވާފައިވާނެ ރައްޔިތުންގެ ގާތުގައި އިލެކްޝަންސް ކޮމިޝުން އަހަންވީ ކޮން ސުވާލެއްތޯ، އެ ސުވާލަކީ ކޮބައިތޯ؟ އަޅުގަނޑުމެންނަށް އެ ސުވާލު ފޮނުއްވައި ދެއްވުމަށް، ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވާފައި،" ހަބީބު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، އެ ސުވާލާއެކު އިތުރު މައުލޫމާތުވެސް ބޭނުންވާ ކަމަށާއި އެގޮތުން ސުވާލާ ގުޅިގެން ރައްޔިތުން ހޭލުންތެރިކުރުވާއިރު، ހުއްޖަތްތަކީ ކޮބައިތޯއާއި ގެއްލުންތަކާ ފައިދާތަކަކީ ކޮބައިތޯ އެނގެންޖެހޭ ކަމަށެވެ. އަދި ވޯޓުލާން މީހަކު ދާއިރު ވޯޓުލާން މި ޖެހެނީ ކީއްވެގެންތޯ އެނގެންޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.
ނިޒާމީ ވޯޓު ނެގޭނީ އެކަމަށް ބޭނުންވާ ބަޖެޓުވެސް ލިބިގެންކަން ފާހަގަކުރައްވައި ހަބީބު ވިދާޅުވީ، ހިޔާލު ހޯދުމުގެ ވޯޓު ނެގުމުގެ ބާރު ރައްޔިތުންގެ މަޖިލީހަށާއި ރައީސުލްޖުމްހޫރިއްޔާއަށް ދީފައިވާއިރު، ވޭތުވެދިޔަ 15 އަހަރުގައިވެސް އެ ކަމާބެހޭ އުސޫލެއް މަޖިލީހުން ފާސްކޮށްފައިނުވާ ކަމަށެވެ. އެހެންވެ އެ ވޯޓާ ގުޅޭ ގަވާއިދެއް އިލެކްޝަންސް ކޮމިޝަނުން އެކުލަވާލުުގެ މަސައްކަތް ކުރަމުުން އަންނަ ކަމަށާއި ދެ ދުވަހެއްގެ ތެރޭގައި އެ އުސޫލު ގެޒެޓަށް ފޮނުވާނެ ކަމަށް ވިދާޅުވިއެވެ.
ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ ގުޅޭ ގޮތުން ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓެއް އަންނަ އޮކްޓޫބަރު މަހުުގެ 30 ވަނަ ދުވަހުގެ ކުރިން ނެގުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރީ މިދިޔަ ބުދަ ދުވަހުއެވެ. ގަރާރެއްގެ ގޮތުގައި އެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ، ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓްގެ ގޮތުގައި ވާދަކުރެއްވި ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު