މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓްސް (އެމްޓީޑީ) ގެ ރައީސް، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު މިރޭ ރާއްޖެ ވަޑައިގެންފިއެވެ.

އެމްޓީޑީން މިރޭ ބުނީ އަދީބު ރާއްޖެ ވަޑައިގެންނެވީ ސިންގަޕޫރް އެއާލައިނުން މިރޭ 10:10 ގައި ކަމަށެވެ.

"ފަރުވާއަށް ސިންގަޕޫރުގައި ހުރުމަށް އިތުރު މުއްދަތު ދީފައި އޮއްވައި ވެސް، އެނބުރި އައީ ފަރުވާގެ ފުރަތަމަ ފިޔަވަހި ނިމިފައި ވާތީވެ އަދި ގާނޫނުތަކާއި ގަވައިދުތަކަށް ހުރުމަތްތެރިކޮށް ހިތުމަށް،" އެމްޓީޑީން ބުންޏެވެ.

އަދީބަށް ބޭނުންވާ އިތުރު ފަރުވާގެ ދެވަނަ އަދި އެންމެ ފަހު މަރުހަލާ އަންނަ މަހުގައި ކުރިއަށްގެންދާނެ ކަމަށް އެމްޓީޑީން ބުންޏެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާވިސް (އެމްސީއެސް)އިން ވަނީ މިމަހުގެ 20 ވަނަ ދުވަހު އަދީބުގެ ބޭސް ފަރުވާގެ މުއްދަތު އަންނަ މަހުގެ އެއްވަނަ ދުވަހުގެ ނިޔަލަށް އިތުރުކޮށްފައެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގައި 20 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާ އަދީބު ގޭ ބަންދުގައި ހުންނަވަނިކޮށް ސިއްހީ ހާލުކޮޅު ދެރަވެގެން، އައިޖީއެމްއެޗުގައި ފަރުވާ ހޯއްދެއްވުމަށްފަހު ބޭސްފަރުވާއަށް ސިންގަޕޫރަށް ވަޑައިގަންނަވަން ދިހަ ދުވަހުގެ ހުއްދައެއް ދިނީ ޖުލައި މަހުގެ 12 ވަނަ ދުވަހުއެވެ. އެ މުއްދަތު ހަމަވުމުން ކަރެކްޝަންސްއިން ވަނީ މިިދިޔަ އޮގަސްޓު މަހުގެ 28އާ ހަމައަށް އެ މުއްދަތު އިތުރުކޮށްދީފައެވެ. އޭގެ ފަހުން މި މަހުގެ 15އާ ހައަމަށް އެ މުއްދަތު އިތުރުކޮށްފައިވެއެވެ.

އަދީބު ރާއްޖޭން ބޭރަށް ފޮނުވީ ރާއްޖޭގައި ހެދެން ނެތް ޓެސްޓްތަކެއް ހެދުމަށް ބޭނުންވާ ކަމަށް ޑޮކްޓަރުން ލިޔުމުން ދިނުމުން، ކަރެކްޝަންގެ މެޑިކަލް ބޯޑުން އެގޮތަށް ލަފާ ދިނުމުންނެވެ. އޭނާ ފަރުވާ ހޯދަމުން ދަނީ ނާރުގެ ބައްޔަކަށް ކަމަށް އޭނާ ނިސްބަތްވާ ސިޔާސީ ޕާޓީ، އެމްޓީޑީން ބުނެފައިވެއެވެ.

މީގެ ކުރިން ޖަލު ބަންދުގައި ހުންނަވަނިކޮށް ސިއްހީ ހާލަތު ދަށްވުމުގެ ސަބަބުން އިންޑިއާއަށް ވަޑައިގެން އަދީބު ވަނީ ބޭސްފަރުވާ ހޯއްދަވައިފައެވެ. ބޭސްފަރުވާއަށްފަހު އަދީބު ޖަލު ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވަނީ ގޭގައެވެ.

އަދީބު ވަނީ ޕެރޯލްގެ ދަށުން އަދަބު ލުއިކުރަން ހުށަހަޅައިފައެވެ. އެކަމަކު އެ ހުށަހެޅުމަށް އަދި ގޮތެއް ނުނިންމައެވެ.