ދިވެހިރާއްޖޭގައި މިހާރު އޮތް ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ ގުޅޭގޮތުން، ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމުގެކުރިން، ޖަވާބު ބޭނުންވާ ސުވާލުތަކެއް ހުރުމުން އެ ސުވާލުތަކަށް ޖަވާބު ދިނުމަށް ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވާކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފިއެވެ.
ރައްޔިތުންގެ މަޖިލީހުން އިއްޔެ ފާސްކޮށްފައިވާ، ގަރާރުގައި ބުނެފައިވާ، ދިވެހިރާއްޖޭގައި މިހާރު އޮތް ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ ގުޅޭ ގޮތުން، ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމަށް، އެ މަޖިލީހުން އީސީއަށް ވަނީ އަންގައިފައެވެ.
އެކަމާ ގުޅިގެން އެ ކޮމިޝަނުން އަމަލު ކުރާނެ ގޮތުގެ ގާނޫނީ ލަފާ ހޯދަމުން އަންނަ ކަމަށް ކޮމިޝަންގެ ރައީސް އިސްލާއީލް ހަބީބު މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.
ނަމަވެސް މީގެ އިރުކޮޅެއް ކުރިން ހަބީބު ވިދާޅުވީ، ނިޒާމީ ވޯޓު ނެގުމަށް ފާސްކޮށް ރައްޔިތުންގެ މަޖިލީހުގެ އެ ކޮމިޝަނަށް ފޮނުވި ގަރާރާ މެދު، ކޮމިޝަނުން އަމަލު ކުރާނޭ ގޮތުގެ ގާނޫނީ ލަފާ ހޯދާފައިވާކަމަށެވެ. އެއަށްފަހު އެފަދަ ވޯޓެއް ނެގުމުގެ ކުރީން، ޖަވާބު ބޭނުންވާ ކަންކަމާ ގުޅޭގޮތުން، އީސީން މިއަދު، ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ދަންނަވާފައިވާ ކަމަށްވެސް ހަބީބު ވިދާޅުވިއެވެ.
ނަމަވެސް ޖަވާބު ބޭނުންވެގެން މަޖިލީހަށް ފޮނުއްވެވީ ކޮން ސުވާލުތަކެއްކަމެއް ހަބީބު ވިދާޅެއް ނުވިއެވެ. ވަން އޮންލައިން އަށް ހަބީބު ވިދާޅުވީ، ޖަވާބު ބޭނުންވެގެން ފޮނުވި ސުވާލުތަކާބެހޭ މައުލޫމާތު ފަހުން ހާމަ ކުރައްވާނެ ކަމަށެވެ.
ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ ގުޅޭ ގޮތުން ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓެއް ނެގުމަށް، ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓްގެ ގޮތުގައި ވާދަކުރެއްވި ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައި އިއްޔެ ފާސްކުރި ގަރާރުގައި ކަނޑައަޅާފައި ވަނީ، އަންނަ މަހުގެ 30 ވަނަ ދުވަހުގެ ކުރިން ވެރިކަމުގެ ނިޒާމް ކަނޑައެޅުުމުގެ ވޯޓު ނެގުމަށެވެ.
ރާއްޖޭގައި މިހާރު އޮތް ރިޔާސީ ނިޒާމު ބަރުލަމާނީ ނިޒާމަށް ބަދަލު ކުރުމަށް އިސްކަންދީގެން ދަ ޑިމޮކްރެޓްސް އިން އެ ގަރާރު ހުށަހެޅީ، އެ ޕާޓީން ބުނާ ގޮތުގައި މިހާރަށްވުރެ ރަނގަޅު ވެރިކަމުގެ ނިޒާމެއް ގާއިމުކުރުމަށެވެ.
ވެރިިކަމުގެ ނިޒާމުގެ ވޯޓެއް ނެގުމަށް ބޮޑު ދެ ޕާޓީކަމުގައިވާ އެމްޑީޕީ އާއި ޕީޕީއެމުން އެއްބަސްވި ނަމަވެސް މި ފަހަރުގެ ވޯޓާ ގުޅިގެން އެ ދެ ޕާޓީން ތާއީދުކުރާ ވެރިކަމުގެ ނިޒާމަކީ ކޮބައިކަން އަދި ރަސްމީކޮށް އިއުލާން ކޮށްފައެއް ނުވެއެވެ. ނަމަވެސް މީގެ ކުރިން ޕީޕީއެމުން ވަނީ ނިޒާމީ ވޯޓަކަށް ދެކޮޅު ހަދައި، ރާއްޖެއަށް ބަރުލަމާނީ ނިޒާމެއް ގެނައުމަށް ތާއީދު ނުކުރާނެ ކަމަށް ބުނެފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު