ޚަބަރު

ބީއެމްއެލްގެ އެހީގައި ހޯނޑެއްދޫ އޮޅަމައްތާ އީކޯ ޕާކު ތަރައްގީކޮށްފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ކޮމިއުނިޓީ ފަންޑުގެ އެހީގައި ގދ. ހޯނޑެއްދޫ އޮޅަމައްތާ އިކޯ ޕާކުގެ ދެ ވަނަ ފިޔަވަހި ތަރައްގީކޮށް، އާންމުންނަށް ހުޅުވާލައިފައެވެ.

ހޯނޑެއްދޫގެ ޖަމްއިއްޔާއެއް ކަމަށްވާ ހޯޑެއްދޫ ސްޕޯޓްސް އިން ކުރިއަށް ގެންދިޔަ އެ މަސައްކަތުގެ ދަށުން ކޮންމެ އަހަރަކު އުދަ އެރުމުގެ ސަބަބުން ކުރިމަތިވާ މައްސަލަތަކަށް ހައްލު ގެނެސްފައިވެއެވެ.

ޕާކުގެ ދެ ވަނަ ފިޔަވަހީގެ ދަށުން އަތިރިމަތީ ގަސް އިންދާފައިވެއެވެ. އަދި ޕާކުގެ ވޯކްވޭ ސާފުކޮށް، ފަސް ބެންޗު ބަހައްޓާފައިވާއިރު، ސޯލާ ބައްތި ހަރުކޮށްފައިވެއެވެ. އޭގެ އިތުރުން ހަޓަކާއި ކުޅީގައި ހެދޭ ގަސްގަހާގެއްސަށް ނާސަރީއެއް ހަދާފައިވެއެވެ.

މި ޕްރޮޖެކްޓާ ގުޅޭ ގޮތުން ވާހަކަދައްކަވަމުން ހޯޑެއްދޫ ސްޕޯޓްގެ ފަރާތުން މަހްދޫން އާދަމް ވިދާޅުވީ އެ ޕްރޮޖެކްޓްގެ ބޭނުމަކީ އާއިލީ ގުޅުން ބަދަހިކުރުމަށް ހާއްސަ ސަރަހައްދެއް ގާއިމުކުރުން ކަމަށެވެ.

އޭގެ އިތުރުން ނޭޗާ ފޮޓޯގުރަފީއާއި އީކޯ ޓުއަރިޒަމްގެ ފުރުސަތުތައް އިތުރުކޮށް، އާންމުންގެ މެދުގައި ތިމާވެއްޓާ ގުޅުންހުރި ކަންކަމުގައި ހޭލުންތެރިކަން އިރުކުރުމަކީ އެ މަސައްކަތުގެ މަގުސަދެއް ކަމަށް ވިދާޅުވިއެވެ.

ބީއެމްއެލްގެ ކޮމިއުނިޓީ ފަންޑަކީ ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ރަށްރަށުގައި ހިންގަން ބޭނުންވާ މަޝްރޫއުތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ހުޅުވާލާފައިވާ ފަންޑެކެވެ. އެ ފަންޑުގެ ދަށުން 90 މަޝްރޫއު ހިންގުމަށް ފައިސާގެ އެހީ ވަނީ ފޯރުކޮށްދީފައެވެ.