ޚަބަރު

ފައިސާ ނުލިބޭތީ ފެނަކަ އޮފީސް ކައިރީ މުޒާހަރާކޮށްފި

ފެނަކައިން ސަޕްލަޔަރުންނަށް ދޭން ޖެހޭ އެތައް މިލިއަން ރުފިޔާއަށް ނުދޭ ކަމަށް ބުނެ ސަޕްލަޔަރުން ފެނަކަ އޮފީސް ކުރިމަތީގައި މުޒާހަރާކޮށްފިއެވެ.

މިއަދު މެންދުރު 2:30 އިން ފެށިގެން 3:30 ހާ ހަމައަށް ސަޕްލަޔަރުން ވަނީ މާލޭ، ފެނަކަ އޮފީސް ދޮރުމަތީގައި މުޒާހަރާކޮށްފައެވެ. އެ މުޒާހަރާގެ ބައިވެރިން ވަނީ ފެނަކައިގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދުގެ އިސްތިއުފާއަށްވެސް ގޮވައިފައެވެ.

ފެނަކަ އޮފީސް ސަރަހައްދުގައި ހުރި ފެނަކައިގެ ސަޕްލަޔަރަކު "ވަން" އަށް ބުނީ، ފެނަކައިން އެމީހުންގެ ކުންފުންޏަށް ދޭން ޖެހޭ 10 މިލިއަން ރުފިޔާ އެބައޮތް ކަމަށާއި ކޮވިޑުގެ ފަހުން އެއްވެސް ފައިސާއެއް ލިބިފައިނުވާ ކަމަށެވެ.

"މުވައްޒަފުން މިވަނީ މަގުމަތިވާން ކައިރިވެފައި. ކުންފުނި ހިންގާކަށް އެއްވެސް ފައިސާއެއް ނެތް" އޭނާ ބުންޏެވެ.

ފެނަކަ އޮފީސް ކުރިމަތީގައި މުޒާހަރާކުރި ސަޕްލަޔަރުން ވަނީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އިސްތިއުފާއަށްވެސް ގޮވައިފައެވެ. އަދި ފެނަކައިން ކުންފުނިތަކަށް ލިބެން ޖެހޭ ފައިސާ ލިބެންދެން އެކިއެކި ހަރަކާތްތައް ފެނަކައާ ދެކޮޅަށް ކުރިއަށްގެންދާނެ ކަމަށް ސަޕްލަޔަރުން ބުންޏެވެ.

މިދިޔަ އަހަރު ނިމުނުއިރު ފެނަކައިން އެކި ފަރާތްތަކަށް ދައްކަންޖެހޭ ދަރަނި 2.22 ބިލިއަން ރުފިޔާއަށް އަރާފައިވާ ކަމަށް ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ)އިން އާންމުކުރި ސަރުކާރު ކުންފުނިތަކުގެ މާލީ ރިޕޯޓުން ދައްކައިފިއެވެ.

ފެނަކައިން ސަޕްލަޔަރުންނަށް ދޭން ޖެހޭ 800 މިލިއަން ރުފިޔާ އެބައޮތް ކަމަށް ބުނެ ސަޕްލަޔަރުން ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވައި ކަންކަން ހާމަކުރިފަހުން ރައީސް ސޯލިހު ވަނީ ފެނަކައިން ސަޕްލަޔަރުންނަށް ދޭން ޖެހޭ ފައިސާ ދިނުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވިދާޅުވެފައެވެ.

އެނގިފައިވާ ގޮތުގައި ބައެއް ކުންފުނިތަކަށް ފެނަކައިން މިހާރު ވަނީ ފައިސާ ދޫކުރަން ފަށައިފައެވެ.