ދިވެހިރާއްޖޭގައި މިހާރު އޮތް ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ ގުޅޭ ގޮތުން، ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމަށް، ރައްޔިތުންގެ މަޖިލީހުން ފާސްކުރި ގަރާރު، އިލެކްޝަންސް ކޮމިޝަން (އީސީ) އަށް މިއަދު ފޮނުވާފައިވާ ކަމަށް އެ ކޮމިޝަނުން ބުނެފިއެވެ.
އީސީގެ ނައިބް ރައީސް އިސްމާއީލް ހަބީބު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، މަޖިލީހުން ފާސްކޮށްފައިވާ އެ ގަރާރު އެ ކޮމިޝަނަށް މިއަދު ލިބިފައިވާ ކަމަށެވެ. އަދި އެކަމާމެދު އެ ކޮމިޝަނުން އަމަލު ކުރާނެ ގޮތުގެ ގާނޫނީ ލަފާ ހޯދަމުން އަންނަ ކަމަށް ވިދާޅުވިއެވެ.
ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ ގުޅޭ ގޮތުން ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓެއް ނެގުމަށް، ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓްގެ ގޮތުގައި ވާދަކުރެއްވި ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައި އިއްޔެ ފާސްކުރި ގަރާރުގައި ކަނޑައަޅާފައި ވަނީ، އަންނަ މަހުުގެ 30 ވަނަ ދުވަހުގެ ކުރިން ވެރިކަމުގެ ނިޒާމް ކަނޑައެޅުުމުގެ ވޯޓު ނެގުމަށެވެ.
ރާއްޖޭގައި މިހާރު އޮތް ރިޔާސީ ނިޒާމު ބަރުލަމާނީ ނިޒާމަށް ބަދަލު ކުރުމަށް އިސްކަންދީގެން ދަ ޑިމޮކްރެޓްސް އިން އެ ގަރާތު ހުށަހެޅީ، އެ ޕާޓީން ބުނާ ގޮތުގައި މިހާރަށްވުރެ ރަނގަޅު ވެރިކަމުގެ ނިޒާމެއް ގާއިމުކުރުމަށެވެ.
ވެރިިކަމުގެ ނިޒާމުގެ ވޯޓެއް ނެގުމަށް ބޮޑު ދެ ޕާޓީކަމުގައިވާ އެމްޑީޕީ އާއި ޕީޕީއެމުން އެއްބަސްވި ނަމަވެސް މި ފަހަރުގެ ވޯޓާ ގުޅިގެން އެ ދެ ޕާޓީން ތާއީދުކުރާ ވެރިކަމުގެ ނިޒާމަކީ ކޮބައިކަން އަދި ރަސްމީކޮށް އިއުލާން ކޮށްފައެއްނުވެއެވެ. ނަމަވެސް މީގެ ކުރިން ޕީޕީއެމުން ވަނީ ނިޒާމީ ވޯޓަކަށް ދެކޮޅު ހަދައި، ރާއްޖެއަށް ބަރުލަމާނީ ނިޒާމެއް ގެނައުމަށް ތާއީދު ނުކުރާނެ ކަމަށް ބުނެފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު