ތަރައްގީގެ މަޝްރޫއުތައް ކުރިއަށްނުދަނީ ދޯހަޅި ސަރުކަރެއް އޮތުމުން ކަމަށް ވިދާޅުވެ، ޕިއެންސީގެ ރިޔާސީ ކެންޑިޑޭޓް، މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު މި ސަރުކާރަށް ފާޑުވިދާޅުވެއްޖެއެވެ.
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކެމްޕޭނަށް ނ. ފޮއްދުއަށް މިއަދު ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަދައްކަވަމުން މުއިއްޒު ވިދާޅުވީ އެންމެ ބޮޑު މައްސަލައަކީ ތަރައްގީގެ މަޝްރޫއުތައް ކުރިއަށްގެންދަން ނޭނގޭ ސަރުކާރެއް ގައުމު ހިންގަމުންގެންދާތީ ކަމަށެވެ.
ތަރައްގީގެ އެތައް މަޝްރޫއެއް ހުއްޓިފައި އޮތުމުގެ އަސްލަކީވެސް އެއީކަން ފާހަގަކުރައްވައި މުއިއްޒު ވިދާޅުވީ މިހާ ހިސާބަށް އައި އިރުވެސް ރަށްތަކުގައި އަސާސީ ހިދުމަތްތައް ނުލިބި ހުރީ ސަރުކާރު ހިންގަން ތިބި ބޭފުޅުންގެ ދޯހަޅީ ކަމުން ކަމަށާއި ތައުލީމީ ދާއިރާ އާއި ސިއްހީ ދާއިރާއަށް އަދި އިޖުތިމާއީ ގޮތުންނާއި އިގުތިސާދީ ގޮތުންވެސް ކުރިއެރުން ނުލިބި ހުރީ ސަރުކާރު ހިންގަން ތިއްބެވި ބޭފުޅުންގެ ސަބަބުން ކަމަށެވެ.
"ބައެއް ފަހަރު އެޑްވާންސަށް ފައިސާ ނަގައި، ފަރުވާ ކުޑަވުމުން އަނެއްކާ އެހެން ފަރާތަކާ މަޝްރުއޫތައް ހަވާލުކުރެވޭ. އަނެއްކާވެސް ކޮންޓްރެކްޓަރު ގެއްލި، މިކަހަލަ އެތައް ކަމެއް ވެފައި އެބަހުރި. އެހެންވެ ރަށްތަކުގެ މަޝްރޫއުތައް ވަކި ހިސާބަކުން ހުއްޓެނީ،" އޭނާ ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވީ މަޝްރޫއުތައް ހުއްޓުމަކަށް އަންނަނީ ދައުލަތަށް ފައިސާ ނުލިބިގެން ނޫން ކަމަށާއި ސަރުކާރު ހިންގުންތެރިކަމުގެ ފެންވަރު ދަށްކަމުން ހުއްޓާލަން ޖެހެނީ ކަމަށެވެ.
މުއިއްޒު ވަނީ ވާދޫގެ ރައްޔިތުންނަށް ވެސް ވައުދުތަކެއް ވެވަޑައިގެންފައެވެ. އެގޮތުން އެ ރަށުގެ ބަނދަރު ރަނގަޅު ފެންވަރަކަށް ހެދުމަށާއި، ޖެޓީގެ މަސައްކަތާއި، އެހެނިހެން ރަށްތައް ފަދައިން އާބާދީއާއި އެކަށޭނަ މިންވަރުން ކުޑަކުދިންގެ ޕާކެއް ހެދުމަށާއި ކަސްރަތުކުރާ އައުޓްޑޯ ޖިމެއްވެސް ހަދައިދެއްވުމަށް ވައުދުވެވަޑައިގެންނެވިއެވެ. އަދި ފޮއްދިއްޕަރު ފަޅުގެ ކަންކަން ރައްޔިތުންނަށް މަންފާވާ ގޮތަށް ތަރައްގީ ކުރުމަށް ވިސްނަވާ ކަމަށް ވެސް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު