ޚަބަރު

މުޅި މަޖިލީޙުގެ ކޮމިޓީން ނިންމި ގޮތަށް، 30 އޮކްޓުބަރުގެ ކުރިން ނިޒާމީ ވޯޓު ނަގަން މަޖިލީހުން ފާސްކޮށްފި

އިބްރާހިމް ޒަކީ

ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓްގެ ގޮތުގައި ވާދަކުރެއްވި ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު ހުށަހަޅުއްވާފައިވާ ގޮތަށް، ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ ގުޅޭ ގޮތުން ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓެއް އަންނަ އޮކްޓޫބަރު މަހުުގެ 30 ވަނަ ދުވަހުގެ ކުރިން ނެގުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ ގުޅޭ ގޮތުން ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމާބެހޭ ގަރާރު މަޖިލީހަށް ހުށަހެޅުއްްވީ، ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓްގެ ގޮތުގައި ވާދަކުރެއްވި ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބެވެ.

އެ ގަރާރަށް މަޖިލިސް ޖަލްސާގައި ބަހުސް ކުރުމަށް ފަހު މުޅި މަޖިލީހުގެ ކޮމިޓީއަށް ފޮނުވީ އިއްޔެއެވެ.

މުޅި މަޖިލީހުުގެ ކޮމިޓީގައި މިއަދު ކުރިއަށްގެންދިޔަ ބަހުސްގައި، އެ ގަރާރަށް ދެ އިސްލާހެއް ހުށަހެޅިއެވެ. އެއީ ރާއްޖޭގައި ޕާޓީ ސިސްޓަމް އޮންނަން ފެނޭތޯ ބެލުމަށްޓަގައި އާއްމުންގެ ހިޔާލު ހޯދުމުގެ ވޯޓެއް ނަގަން، ރައްޔިތުންގެ މަޖިލީހުގެ ކުޑަހުވަދޫ ދާއިރާގެ މެންބަރު އަހުމަދު އާމިރު ހުށަހެޅުއްވި އިސްލާހާއި، އެ ގާރާރު މަޖިލީހަށް ހުށަހެޅުއްވި އިލްޔާސް ލަބީބު ހުށަހެޅުއްވި އިސްލާހެވެ.

އިލްޔާސް ލަބީބު އިސްލާހު ހުށަހެޅުއްވީ، ވެރިކަމުގެ ނިޒާމުގެ ވޯޓު ނެގުމަށް އެ ގަރާތުގައި އޮތް ތާރީހު ބަދަލު ކުރުމަށެވެ. އެގޮތުން އޮކްޓޫބަރު 28ގެ ކުރިން ވޯޓު ނަގަން އޮތް ތާރީހު 30 އޮކްޓޫބަރަށް ބަދަލު ކުރަން އިލްޔާސް ލަބީބު ހުށަހެޅުއްވިއެވެ.

އާމިރުގެ ހުށަހެޅުމަށް ތާއީދު ކުރެއްވީ ނޮޅީވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އަބުދުﷲ އެވެ. އިލްޔާސް ލަބީބުގެ ހުށަހެޅުމަށް ތާއީދު ކުރެއްވީ މަޖިލީހުގެ ނާއިބު ރައީސް އަދި ގަލޮޅު އުުތުރު ދާއިރާގެ މެންބަރު އީވާ އަބުދުﷲ އެވެ.

ނަމަވެސް މެންބަރު އާމިރު ހުށަހެޅުއްވި އިސްލާހު ފެއިލްކޮށްލައި، އިލްޔާސް ލަބީބު ހުށަޅުއްވި އިސްލާހު ކޮމިޓީން ފާސްކުރިއެވެ.

އެ އިސްލާހު ފާސްކުރީ އެވަގުތު ކޮމިޓީގައި ތިއްބެވި 34 މެންބަރުންގެ ތެރެއިން 29 މެންބަރުން ވޯޓު ދެއްވައިގެންނެވެ. އެ އިސްލާހު ފާސްކުރަން ބޭނުންވަނީ 15 މެންބަރުންގެ ވޯޓެވެ.

އެ އިސްލާހު ފާސްވުމާ ގުޅިގެން އެ ގަރާރު މުޅި މަޖިލީހުގެ ކޮމިޓީން ފާސްކުރަން ވޯޓަށް އެއްސެވެ. މުޅި މަޖިލީހުުގެ ކޮމިޓީން އެ ގަޜާރު ފާސްކުރީ ކޮމިޓީގައި ތިއްބެވި 34 މެންބަރުންގެ ތެރެއިން 31 މެންބަރުން ވޯޓު ދެއްވައިގެންނެެވެ.

އެހެންކަމުން އެ ގަރާރަށް ގޮތެއް ނިންމުމަށް މަޖިލިސް ތަޅުމަށް ފޮނުވިއެވެ.