އަންނަ އޮކްޓޫބަރު މަހުގެ 30 ގައި، ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަށް ބަދަލުކުރުމާ ގުޅޭ ގޮތުން ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓުނަގަން ތާއީދު ކުރައްވާ ކަމަށް ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީގެ މެންބަރު، ހުޅުމާލޭ ދާއިރާގެ އަލީ ނިޔާޒު ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ ގުޅޭ ގޮތުން ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓެއް ނެގުމުގެ ގަރާރެއް މަޖިލީހަށް ހުށަހެޅުއްވީ، ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓްގެ ގޮތުގައި ވާދަކުރެއްވި ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބެވެ.
މުޅި މަޖިލީހުގެ ކޮމިޓީގައި މިއަދު ކުރިއަށްދިޔަ އެ ގަރާރުގެ ބަހުސްގައި ވާހަކަ ދައްކަވަމުން އަލީ ނިޔާޒު ވިދާޅުވީ، ނިޒާމީ ވޯޓު ބާއްވައިގެން ހާސިލްކުރަން ބޭނުން މަގުސަދަކީ ކޮބައިތޯ އާއި އެ ވޯޓު ނެގުމަށް ގަރާރުގައި ހިމަނާފައިވާ ތާރީހާ ގުޅޭގޮތުން ވިސްނަންޖެހޭ ކަމަށެވެ.
"އެކަންތައްތަކަށް ބަލާއިރު، ރާއްޖެއަށް ޑިމޮކްރަސީ ތައާރަފުވިފަހުން މި ވޭތުވެދިޔަ ވެރިކަމުގެ ތިން ދައުރުގައިވެސް، ރައްޔިތުން ބުނެފަ އޮތީ އެންމެން ބައިވެގެން ނުވަތަ އެކަކަށްވުރެ ގިނަ މީހުން ބައިވެރިވެގެން އުފައްދާ ސަރުކާރެއް ރާއްޖެގައި އޮތުމަށް ފެންނަ ކަމަށް، އެއީ ރިޔާސީ ނިޒާމެއްގެ ތެރެއިން،" ނިޔާޒު ވިދާޅުވިއެވެ.
ނަމަވެސް އެއަށްވުރެ ރަނގަޅު ގޮތެއް އޮތްނަމަ އެކަމަށް މަސައްކަތް ކުރުމަކީ ނެތްކަމެއް ނޫން ކަމަށާއި އެހެންކަމުން ނިޒާމީ ވޯޓު ނެގުމުގެ ގަރާރަށް ތާއީދު ކުރައްވާ ކަމަށްވެސް ވިދާޅުވިއެވެ.
އަލީ ނިޔާޒު ވިދާޅުވީ، ނިޒާމީ ވޯޓު ލުމުގެ ކަންތައް ކުރިއަށް ގެންދަނީ ރައްޔިތުންގެ މަޖިލީހުން ނޫން ކަމަށެވެ. އެހެންކަމުން އެ މަސައްކަތް ކުރިއަށްގެންދާ ފަރާތްތަކުން ވޯޓާބެހޭގޮތުން ދައްކާ ވާހަކަ އަޑުއަހާލުމަކީ މުހިއްމު ކަމެއް ކަމަށްވެސް ވިދާޅުވިއެވެ. އެހެންކަމުން 28 އޮކްޓޫބަރުގައި ނިޒާމީ ވޯޓުނެގުމަށް ގަރާރުގައި ހިމަނާފައިވުމަކީ ވިސްނާލަންޖެހޭ ކަމެއް ކަމަށްވެސް ވިދާޅުވިއެވެ.
ނިޒާމީ ވޯޓުނަގަން މަޖިލީހުން ފާސްކުރި ނަމަވެސް ވޯޓު ނެގުމުގެ ކަންތައް ކުރިއަށް ގެންދާނީ އިލެކްޝަންސް ކޮމިޝަނުންނެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނެފައި ވަނީ ނިޒާމީ ވޯޓު ނެގުމަށް 30 ދުވަހާއި 45 ދުވަހާ ދެމެދުގެ މުއްދަތެއް ބޭނުންވާކަމަށެވެ. އެހެންކަމުން އަންނަ އޮކްޓޫބަރު މަހުގެ 30 ގައި ނިޒާމީ ވޯޓު ނެގުމަށް ތާއީދު ކުރައްވާ ކަމަށްވެސް އަލީ ނިޔާޒު ވިދާޅުވިއެވެ.
އޭނާވަނީ އެގޮތަށް އެކަންކޮށްދިނުމަށް އޭނާ ނިސްބަތްވެ ވަޑައިގަންނަވާ އެމްޑީޕީގެ ކިބައިންވެސް އެދި ވަޑައިގެންފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު