ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓްގެ ގޮތުގައި ވާދަކުރެއްވި ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު ހުށަހަޅުއްވާފައިވާ، ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ ގުޅޭގޮތުން ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓެއް ނެގުމާބެހޭ ގަރާރު މަޖިލީހަށް ބަލައިގަންނަން ފެނޭތޯ ބެލުމަށް 2:15 ގައި ވޯޓަށް އަހަން ނިންމަވައި، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ މެދުކަނޑާލައިފިއެވެ.

ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ ގުޅޭ ގޮތުން ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓެއް ނެގުމާބެހޭ ގަރާރު މަޖިލީހަށް ހުށަހެޅުއްވީ، ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓްގެ ގޮތުގައި ވާދަކުރެއްވި ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބެވެ.

މިއަދުގެ ޖަލްސާ ފައްޓަވަމުންވެސް މަޖިލިސް ރައީސް ވިދާޅުވީ، އެ ގަރާރުގެ މަސައްކަތް ނިމެންދެން މަޖިލީހުގެ މިއަދުގެ ޖަލްސާ ނިންމައި ނުލައި ކުރިއަށް ގެންދާނެ ކަމަށެވެ.

ގަރާރުގެ ބަހުސްގައި ވާހަކދައްކަން ބޭނުންވާ މެންބަރުންނަށް ފުރުސަރު ދެއްވައި ނިންމެވުމަށްފަހު، 1:30 އެހާކަންހާއިރު މަޖިލިސް ޖަލްސާ މެދުކަޑުއްވައިލެއްވިއެވެ. މަޖިލިސް ރައީސް ވިދާޅުވީ، ދެން މަޖިލިސް ޖަލްސާ ފައްޓަވާނީ 2:15 ގައި ކަމަށާއި ޖަލްސާ ފެއްޓެވުމަށްފަހު ގަރާރު މަޖިލީހަށް ބަލައިގަތުމަށް ވޯޓަށް އައްސަވާނެ ކަމަށެވެ.

ގަރާރުގެ މަސައްކަތް މަޖިލީހުގައި ކުރިއަށް ގެންދަން ނިންމާފައިވާ ގޮތް ސާފުކޮށްދެއްވަމުން މަޖިލިސް ރައީސް ވިދާޅުވީ، ގަރާރު މަޖިލީހަށް ބަލައިގަތުމުން ދިރާސާ ކުރުމަށްޓަކައި މުޅި މަޖިލީހުގެ ކޮމިޓީއަށް ފޮނުއްވާނެ ކަމަށެވެ. އަދި މުޅި މަޖިލީހުގެ ކޮމިޓީން ގަރާރުގެ މަސައްކަތް ނިންމައި، މަޖިލިސް ތަޅުމަށް ފޮނުވުމުން، ހަމަ މި ޖަލްސާގައި ގަރާރަށް އިތުރަށް ބަހުސް ކުރުމަށް ހުޅުވާލައި، މެންބަރުން ބަހުސްކޮށް ނިމުމުން ގަރާރު ފާސްކުރަން ވޯޓަށް އައްސަވާނެ ކަމަށް ވިދާޅުވިއެވެ.

މަޖިލިސް ރައީސް ވިދާޅުވީ، ގާނޫނުއަސާސީގެ 70 ވަނަ މާއްދާއިން މަޖިލީހަށް ލިބިފައިވާ ބާރުގެ ދަށުން ނިޒާމީ ވޯޓު ނަގަން މަޖިލީހުން ފާސްކުރުމުން އެކަން ކުރުމަށްޓަކައި މަޖިލީހުން ދެން ޖެހޭނީ އިލެކްޝަންސް ކޮމިޝަނަށް ފޮނުވަން ކަމަށެވެ. އަދި އިލެކްޝަންސް ކޮމިޝަނަށް ފޮނުވުމުން ނިޒާމީ ވޯޓު ނެގުމުގެ ކަންކަން ކޮމިޝަނުން ކުރަން ޖެހޭނެ ކަމަށްވެސް ވިދާޅުވިއެވެ.