Close Election
Close
ޚަބަރު

ބޮޑު ބަދަލެއް: ޓެކްސީ ރަޖިސްޓްރީކުރަން ދެން ގަރާޖު ސިޓީ ބޭނުމެއްނުވާނެ، ސެންޓަރު ލިޔުންވެސް ބޭނުމެއް ނުވާނެ!

މުހައްމަދު ސިމާއު

ޓެކްސީ ރަޖިސްޓްރީ ކުރަން ގަރާޖު ސިޓީ ހުށަހަޅަން ޖެހޭ ގޮތަށް އޮތް އޮތުން އުވާލައިފިއެވެ.

"އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދު ރަޖިސްޓްރީ ކުރުމުގެ ގަވައިދު" އަށް ޓްރާންސްޕޯޓު މިނިސްޓްރީން އިއްޔެ ގެނައި އިސްލާހުގައި ގަރާޖު ސިޓީ ހުށަހަޅަން ޖެހޭ އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދުތަކުގެ ތެރެއިން އިސްތިސްނާވާ އުޅަނދުތަކުގެ ތެރޭގައި ޓެކްސީ ވަނީ ހިިމަނައިފައެވެ.

ނަމަވެސް ޓެކްސީގެ ހިދުމަތް ދިނުމަށް އުޅަނދު ރަޖިސްޓްރީ ކުރެވޭނީ އިސްލާހުގައި ބުނެފައިވާ ގޮތުން 10،000 ރުފިޔާގެ ފީއެއް މިނިސްޓްރީއަށް ދެއްކުމުންނެވެ. އަދި ވަގުތީ ގޮތުން ޓެކްސީއެއްގެ ގޮތުގައި ރަޖިސްޓްރީ ކޮށްދޭނީ 15،000 ރުފިޔާގެ ފީއެއް ދައްކައިގެން ކަމަށް ބުނެފައިވެއެވެ.

އެ ގަވާއިދުގައި މީގެ ކުރިން އިސްތިސްނާ ކޮށްފައި އޮންނަނީ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތައް ދުއްވުމަށް ހާއްސަކޮށްފައިވާ 4-2 ފުރޮޅުލީ އުޅަނދު އެކަންޏެވެ.

މި އިސްލާހަށް އިއްޔެ އިން ފެށިގެން ވަނީ އަމަލުކުރަން ފަށައިފައެވެ. ޓްރާންސްޕޯޓް މިނިސްޓްރީން އިއްޔެ ވަނީ "ޓެކްސީ ގަވައިދު" އަށްވެސް އިސްލާހު ގެނެސްފައެވެ.

އަންނަ މަހުގެ 18 ވަނަ ދުވަހުން ފެށިގެން އަމަލުކުރަން ފަށާ އެ އިސްލާހުގައި ބުނެފައިވާ ގޮތުން، ޓެކްސީ ރަޖިސްޓްރީ ކުރަން ހުށަހަޅާއިރު، އެ އުޅަނދަކީ ޓެކްސީ ސެންޓަރެއްގައި ރަޖިސްޓްރީކޮށްފައިވާ ކާރެއްކަން އަންގައިދޭ ލިޔުން ހުށަހަޅާކަށް ނުޖެހޭނެއެވެ. އެއާއެކު ޓެކްސީ ހުއްދަ ޑިޖިޓަލް ލައިސެންސެއްގެ ގޮތުގައި ހައްދައިދިނުމުގެ އިހުތިޔާރު ޓްރާންސްޕޯޓް މިނިސްޓްރީއަށް ލިބިދީފައިވެއެވެ.