ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓްގެ ގޮތުގައި ވާދަކުރެއްވި ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު ހުށަހަޅުއްވާފައިވާ، ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ ގުޅޭގޮތުން ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓެއް ނެގުމާބެހޭ ގަރާރަށް ވޯޓަށް އަހައި އެކަމަށް މަޖިލީހުން ގޮތެއް ނިންމަންދެން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ނިންމައި ނުލައި ކުރިއަށް ގެންދަވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފަށަން ބޭނުންވާ ވަރަށް މެންބަރުން ހަމަނުވެގެން، 10:00 އަށް ޖަލްސާ ފެށުން ފަސް ކުރުމަށްފަހު، 10:10ގައި ކޯރަމް ހަމަވާ އަދަދު ކަމަށްވާ 22 މެންބަރުންނާއެކު މިއަދުގެ ޖަލްސާ ފެށުމަށްފަހު، ރާއްޖޭގެ މަސްކަނޑުން ގެއްލުނު ބައި ހޯދުމުގެ މަސައްކަތް އަވަހަށް ފެށުމަށް ސަރުކާރަށް ގޮވާލައި އިދިކޮޅު ޕީއެންސީގެ ޕީޖީ ލީޑަރު މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ހުށަހަޅުއްވާފައިވާ، ގަރާރު މަޖިލީހަށް ހުށަހެޅުމުގެ ފުރުސަތު އެ މެންބަރަށް ދެއްވިއެވެ.
ނަމަވެސް ޝަރީފް އެ ގަރާރު މަޖިލީހަށް ހުށަހެޅުއްވުމުން، އެ ގަރާރުގެ ބަހުސް އެޖެންޑާގެ ފަހަތަށް ޖައްސާ ލުމަށްފަހު، ރާއްޖޭގައި މިހާރު އޮތް ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ ގުޅޭގޮތުން ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމަށް އިލްޔާސް ލަބީބު ހުށަހަޅުއްވާފައިވާ، ގަރާރު ހުށަހަޅަން ފުރުސަތު ދެއްވިއެވެ.
މެންބަރު އެ ގަރާރު ހުށަހެޅުއްވުމުން ގަރާރަށް ބަހުސް ހުޅުވައިލައްވަމުން މަޖިލިސް ރައީސް ވިދާޅުވީ، "އަޅުގަނޑު ގަސްތު ކުރަނީ މިއަދު މި މަސައްކަތް ނިންމަން، އެއީ ބަހުސް ނިންމައި މުޅި މަޖިލީހުގެ ކޮމިޓީއަކަށް އެ ގަރާރު ގެނެސް އެ ކޮމިޓީންވެސް މަސައްކަތް ނިންމައި، އަލުން އަނބުރާ އެ ގަރާރު ތަޅުމަށް ގެނެވި، ވޯޓަށް އަހައި އިލެކްޝަންސް ކޮމިޝަނަށް އިންތިހާބު ބޭއްވުމަށް އެންގުމާ ހަމައަށް އަޅުގަނޑުމެންގެ މަސައްކަތް ކުރިއަށް ގެންދަން، ދެން އަޅުގަނޑު ޖަލަސާ ނިންމާލާކަށްވެސް ގަސްތެއް ނުކުރަން،" ކަމަށެވެ.
ރައްޔިތުންގެ ހާއްސަ މަޖިލީހުން 18 ޖޫން 2006 ގައި ފާސްކުރި ނިޒާމީ ވޯޓު ނެގުމުގެ އުސޫލުވެސް މަޖިލިސް ރައީސް މިއަދު ވަނީ މެންބަރުންނާ ހިއްސާ ކުރައްވައިފައެވެ. ނަމަވެސް މަޖިލިސް ރައީސް ވިދާޅުވީ، މިފަހަރު އެފަދަ އުސޫލެއް މަޖިލީހުން ފާސްކުރަން ނުޖެހޭނެ ކަމަށެވެ. އެއީ "އިލެކްޝަންސް ކޮމިޝަން ރަނގަޅަށް ރީތިކޮށް ހިނގަމުން އެބަދޭ، މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީން ދަނީ އެ ކޮމިޝަން ބަލަހައްޓަމުން،" ކަމަށްވެސް ވިދާޅުވިއެވެ.
އިލްޔާސް ލަބީބުގެ އެ ގަރާރުގައިވަނީ، އެއީ ކޮންމެ ރިޔާސީ އިންތިހާބެއްގައި ވޯޓާ ހަމައަށް އަންނަ އިރު، ރައްޔިތުންނަށް ބޭނުންވާ ކަންތައްތަކަށް ރައްޔިތުން ވޯޓުލުމުގެ ބަދަލުގައި އެހެން މަގުސަދުތަކެއް ހާސިލުކުރުމަށް ޓަކައި ރައްޔިތުން ވޯޓުލާން ޖެހިފައިވާކަން ފާހަގަކުރެވޭތީ އާއި، ރައްޔިތުން ބޭނުންވާ ކަންތައްތައް ތަންފީޒުކުރުމަށް ޓަކައި ރައްޔިތުންގެ ހައްގުގައި އެކަމަށް އެއްވެސް ވޯޓެއް ދެވޭ ތަންވެސް ފާހަގަ ނުކުރެވޭތީ، މިހާރު އޮތް ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ ގުޅޭގޮތުން ރައްޔިތުން ދެކޭ ގޮތް ސާފުކުރުމަށްޓަކައި ރައްޔިތުންގެ ހިޔާލު ހޯދުމަށް ވޯޓެއް ނެގުމަށް ހުށަހަޅާ ގަރާރެއް ކަމަށެވެ.
ގަރާރުގައި ބުނީ މިހާރު އަމަލުކުރަމުން އަންނަ ގާނޫނުއަސާސީއަށް 15 އަހަރު ވެފައިވާ އިރު، އެ ގާނޫނުއަސާސީއަށް އަމަލުކުރަން ފެށި ފަހުން ބޭއްވި ކޮންމެ ރިޔާސީ އިންތިހާބަކަށް ބެލި ކަމުގައިވީ ނަމަވެސް، އެއިން ކޮންމެ އިންތިހާބެއްގައި ވެސް ރައްޔިތުންނަށް ބޭނުންވާ ކަންތައްތަކަށް ވޯޓުލުމުގެ ބަދަލުގައި ރައްޔިތުން ވޯޓު ދޭން ޖެހިފައިވަނީ، އެއިރެއްގައި ސަރުކާރުގައި ހުންނަ ވެރިމީހާ ކަމުނުގޮސްގެން އޭނާ ވެރިކަމުން ބާލައި، ވެރިކަން ބަދަލުކުރުމަށް ކަމަށެވެ. އަދި އެއިން ކޮންމެ އިންތިހާބަކާ ހަމައަށް އަންނަ އިރު، ކޮންމެވެސް ބަޔަކު ސިޔާސީގޮތުން ބަންދުގައި ތިބޭތީ، އެ ބައެއްގެ ސަޕޯޓަރުންނާއި އެ ބަޔަކު އަބަދުވެސް މަސައްކަތްކުރަން ޖެހިފައިވަނީ، އަދި ވޯޓުލާން ޖެހިފައިވަނީ އެ ބަޔަކު މިނިވަންކުރުމުގެ މަގުސަދުގައި ކަމަށް ގަރާރުގައި ބުނެފައިވެއެވެ.
އޭގެ އިތުރުން މިހާތަނަށް ރިޔާސީ އިންތިހާބަށް ކުރިމަތިލީ އެއްވެސް ކެންޑިޑޭޓަކަށް ކޯލިޝަން ހެދުމަކާ ނުލައި އިންތިހާބުގެ ފުރަތަމަ ބުރުން 50 އިންސައްތައަށްވުރެ ގިނަ ވޯޓު ކާމިޔާބުކުރެވިފައި ނުވާ ކަމަށާއި އެހެންކަމުން ކޮންމެ ރިޔާސީ އިންތިހާބެއްގައި ކޯލިޝަން ހެދުމާއި، އިންތިހާބުގެ ތެރެއިން އެއް ޕާޓީ އަނެއް ޕާޓީއާ އެއްބަސްވުންތައް ހެދުމާއި، ވެރިކަމުގެ ދައުރުގެ ވަކި ހިސާބަކުން ޕާޓީތަކުގެ މެދުގައި ހިލާފު އުފެދި، ރައްޔިތުންނަށް ފޯރުކޮށްދޭން ޖެހޭ ހިދުމަތްތަކާއި ގައުމަށް ގެންނަން ޖެހޭ ތަރައްގީއާއި ދިމިގުރާތީ ނިޒާމެއްގައި މަސައްކަތް ކުރަންޖެހޭ އެންމެ އެކަށީގެންވާ ގޮތެއްގައި ސަރުކާރުތަކުން މަސައްކަތްކުރަމުން އައިސްފައިނުވާ ކަމަށް އިލްޔާސްގެ ގަރާރުގައި ވަނީ ފާހަގަކޮށްފައެވެ.
އެ ގަރާރުގައި އިތުރަށް ބުނީ، ރާއްޖޭގައި މިހާރު އޮތް ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ ގުޅޭގޮތުން ރައްޔިތުން ދެކޭގޮތް ބެލުމަށްޓަކައި 30 ނޮވެމްބަރު 2023 ގެ ކުރިން ރައްޔިތުންގެ ހިޔާލު ހޯދުމަށް އާންމު ވޯޓަކަށް އެ މައްސަލަ ހުށަހަޅައި، ރައްޔިތުން ނިންމާ ގޮތެއްގެ މަތިން ކުރިއަށްދިއުމަކީ މުޅި ރާއްޖޭގެ މުސްތަގުބަލަށް އެންމެ ފަހި އަދި އެންމެ ރަނގަޅު ގޮތްކަމަށް ފެންނާތީ އެ ގަރާރު ހުށަހަޅާ ކަމަށެވެ.
ރާއްޖޭގައި ނިޒާމު ބަދަލުކުރުމަށް އެންމެ ފަހުން ރައްޔިތުންގެ ހިޔާލު ހޯދުމަށް ވޯޓެއް ނަގާފައިވަނީ 18 އޮގަސްޓް 2007 ގައި، ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމްގެ ވެރިކަމުގައެވެ. ނަމަވެސް އެ ވޯޓުން ނިންމާފައިވަނީ އޭރު އޮތް ރިޔާސީ ނިޒާމު ދެމެހެއްޓުމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު