ގާނޫނުއަސާސީގެ 70 ވަނަ މާއްދާގެ ދަށުން، ރައްޔިތުންގެ ހިހާލު ހޯދުމުގެ ވޯޓު ނެގުމުގެ ބާރު ލިބިގެންވަނީ ރައްޔިތުންގެ މަޖިލީހަށް ކަމަށާއި، އެފަދަ ވޯޓެއް ނަގަން ރައްޔިތުންގެ މަޖިލީހުން ނިންމައި އެކަން އިލެކްޝަންސް ކޮމިޝަން (އީސީ)އަށް އަންގައިފިނަމަ، އީސީން އެ ވޯޓު ނަގަން ޖެހޭނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓްގެ ގޮތުގައި ވާދަކުރެއްވި ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު ހުށަހަޅުއްވާފައިވާ، ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ ގުޅޭ ގޮތުން ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓެއް ނެގުމާބެހޭ ގަރާރުގެ ބަހުސަށް ހުޅުވާލައްވަމުން މަޖިލިސް ރައީސް ވިދާޅުވީ، ވަކި ކަމެއް ނިންމުމުގައި ރައްޔިތުންގެ ހިޔާލު ހޯދުމަށް ރައްޔިތުންގެ މަޖިލީހުން ގަރާރެއް ފާސްކޮށްފި ނަމަ، ދެން އެކަމުގައި އަމަލު ކުރަންޖެހޭނެ ގޮތަކީ އެ ގަރާރުގައިވާ ގޮތުގެ މަތިން ވޯޓު ނެގުމުގެ ކަންތައްތައް ކުރިއަށް ގެންގޮސް ދިނުމަށް އެދި އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅުން ކަމަށެވެ.
"އެގޮތަށް ހުށަހެޅުމުން އެ ވޯޓު ނެގުމުގެ އެންމެހާ ކަންކަން އިންތިޒާމުކޮށް އެ ވޯޓު ނެގުމުގެ ކަންކަން ކުރިއަށް ގެންދިއުމަކީ، ގާނޫނުއަސާސީގައި ބަޔާންކުރާ ގޮތުގައި އިލެކްޝަންސް ކޮމިޝަނުން އެކަން ކުރުން، އެއީކީ އެއްވެސް ހާލެއްގައި ރައީސުލްޖުމްހޫރިއްޔާގެ ދައުރެއް އޮތް ކަމެއް ނޫން،" މަޖިލިސް ރައީސް ވިދާޅުވިއެވެ.
މަޖިލިސް ރައީސް ވިދާޅުވީ، ގާނޫނުއަސާސީގެ 70 ވަނަ މާއްދާގެ ދަށުން ރައްޔިތުންގެ މަޖިލީހަށް ލިބިގެންވާ ގާނޫނު ހެދުމުގެ އާންމު ބާރުގެ ތެެރެއިން ކަމެއް ނިންމުމުގައި ރައްޔިތުންގެ ހިޔާލު ހޯދުން މުހިންމު ކަމަށް މަޖިލީހަށް ފެންނަ ކަންތައްތަކުގައި އެކަމެއްގައި ރައްޔިތުން ދެކޭ ގޮތް ބެލުމަށް ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމުގެ ބާރު މަޖިލީހަށް ލިބިގެންވާ ކަމަށް ގާނޫނުއަސާސީގެ 70 ވަނަ މާއްދާގެ (ށ) ގެ ހަވަނަ ނަމްބަރުގައި ވަރަށް ސާފުކޮށް ބަޔާންކޮށްފައިވާ ކަމަށެވެ.
ނަމަވެސް ގައުމީ މުހިންމު މައްސަލަތަކުގައި ރައްޔިތުންނަށް ފެންނަ ގޮތް ބެލުމަށް ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމުގެ ބާރު ގާނޫނުއަސަސީގެ 115 ވަނަ މާއްދާގެ ދަށުން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ ކަމަށްވެސް ވިދާޅުވިއެވެ.
ގާނޫނު ހެދުމުގެ އެންމެހާ ބާރުތައް ލިބިގެންވަނީ ރައްޔިތުންގެ މަޖިލީހަށް ކަމަށް ކަނޑައަޅައި، އެ މަޖިލީހުގެ ބާރުތައް ބަޔާންކޮށްފައިވާ ގާނޫނުއަސާސީގެ 70 ވަނަ މާއްދާގެ (ށ)ގެ ހަ ވަނަ ނަމްބަރުގައި ބުނަނީ، ރައްޔިތުންނާ ގުޅޭ މުހިންމު ކަންތައްތަކުގައި ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު މަޖިލީހަށް ނެގޭނެ ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާގެ ބާރުތަކާއި މަސްއޫލިއްޔަތުތައް ކަނޑައަޅާފައިވާ ގާނޫނުއަސާސީގެ 115 މާއްދާގެ (ޏ) ގައި ބުނަނީ ގައުމީ މުހިންމު މައްސަލަތަކުގައި ރައްޔިތުންނަށް ފެންނަ ގޮތް ބެލުމަށް ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓެއް ނެގުންވެސް އޭގެ ތެރޭގައި ހިމެނޭ ކަމަށެވެ.
މި މަހު 30 ގައި ބާއްވާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކުރިން ނިޒާމީ ވޯޓު ބާއްވަން އެއްބަސްވާ ބަޔަކާއެކު ކޯލިޝަން ހަދަން ޑިމޮކްރެޓްސް އިން ވަނީ ނިންމައިފައެވެ. އެ މައްސަލައިގައި އެ ޕާޓީން އެމްޑީޕީ އާއެކު އެއްބަސްވުމަކަށް އާދެވިފައި ނުވަނީ، ނިޒާމީ ވޯޓެއް ނެގުމަށް އެމްޑީޕީން އެއްބަސްވި ނަމަވެސް ދަ ޑިމޮކްރެޓްސްގެ ހުށަހެޅުމާ އެއްގޮތަށް އެ ވޯޓު ނަގަން އެ ޕާޓީން އެއްބަސްނުވާތީއެވެ. އެމްޑީޕީން ހުށަހަޅަނީ، ރިޔާސީ އިންތިހާބަށްފަހު ނިޒާމީ ވޯޓު ނެގުމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު