ޚަބަރު

ދައުރު ހަމަވުމުން ޕީސީބީގެ ތިން މެމްބަރަކު މަގާމުން ވަކިވެއްޖެ

މުހައްމަދު އިޝާން

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)ގެ ތިން މެމްބަރެއްގެ ދައުރު ހަމަވުމުގެ ސަބަބުން މަގާމުން ވަކިވެއްޖެއެވެ.

މަގާމުން ވަކިވެފައިވަނީ ޕީސީބީގެ ރައީސް އާސިމް މުހައްމަދު، ބޯޑު މެމްބަރު އަލީ ޝަފީއު އަދި ބޯޑު މެމްބަރު ރުޝާހާ އަހުމަދު ޝަރީފެވެ. އެ ތިން ބޭފުޅުންގެ ދައުރު ހަމަވެފައިވަނީ މިމަހުގެ 16 ވަނަ ދުވަހުއެވެ.

ޕީސީބީގެ ބޯޑަށް އާސިމް އައްޔަންކުރެއްވީ 2019 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 17 ވަނަ ދުވަހުއެވެ. ބޯޑުގެ ރައީސްގެ މަގާމަށް އޭނާ އައްޔަންކުރެއްވީ 2021 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 13 ވަނަ ދުވަހުއެވެ.

ޝަފީއު އަދި ރުޝާހާ، ޕީސީބީގެ ބޯޑުގެ މެމްބަރުގެ މަގާމަށް އައްޔަންކުރެއްވީ 2019 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 17 ވަނަ ދުވަހުއެވެ.

ޕީސީބީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، އެ ބޯޑުގެ ރައީސްގެ މަގާމަށް މީހަކު އައްޔަންކުރެއްވެންދެން ބޯޑު ހިންގުމާ ހަވާލުވެ ހުންނަވާނީ ބޯޑުގެ ނައިބު ރައީސް މުހައްމަދު ފިރާޝް ކަމަށެވެ.

ސަރުކާރުގެ ކުންފުނިތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިންގުން ހަރުދަނާކުރުމަށް އެ ބޭފުޅުންގެ ދައުރުގައި ކޮށްދެއްވި މަސައްކަތައް ޝުކުރު އަދާކުރާ ކަމަށް ޕީސީބީން ބުންޏެވެ.