ރިސޯޓް ހަދަން ދޭ ކޮންސްޓްރަކްޝަން މުއްދަތު ހަމަވުމަށް ފަހު ކުލި ނުދައްކާ ތަންތަނުން ދައްކަން ޖެހިފައިވާ ޖޫރިމަނާ ކުޑަކުރަން ސަރުކާރުން ނިންމުމުން ހަތަރު ބިލިއަން ރުފިޔާ މައާފުވެއްޖެއެވެ.
ޓޫރިސްޓް ރިސޯޓާއި ޓޫރިސްޓް ހޮޓަލާއި ޓޫރިސްޓް ގެސްޓްހައުސް ހެދުމަށް ކުއްޔަށް ދޭ ރަށްރަށާއި ބިންބިމުގެ ކުލި ސަރުކާރަށް ދެއްކުމާބެހޭ ގަވާއިދަށް އިސްލާހު ގެނެސް ރިސޯޓް ކުލީގެ ޖޫރިމަނާ ކުޑަކުރީ ކޮވިޑާ ގުޅިގެން 29 ޖުލައި 2019ގައެވެ.
ކުލި ނުދައްކައިފި ނަމަ، ނުދައްކައި އޮތް ކުލި ސަރުކާރަށް ދެއްކުމާ ހަމައަށް ހިނގާ ކޮންމެ ދުވަހަކަށް، ނުދައްކާ އޮތް ކުލީގެ 0.5 ޕަސެންޓުގެ ޖޫރިމަނާއެއް ދައްކަން ޖެހުނެވެ. އެއީ އަހަރަކަށް ބަލާނަމަ 182.5 ޕަސެންޓެވެ. ނަމަވެސް ގަވާއިދަށް ގެނައި އިސްލާހާ އެކު ޖޫރިމަނާގެ ގޮތުގައި ދައްކަން މިހާރު ޖެހެނީ ކޮންމެ ދުވަހަކަށް 0.0493 ޕަސެންޓެވެ. އެއީ އަހަރަކަށް ބަލާނަމަ 18 ޕަސެންޓެވެ.
މި އިސްލާހާ އެކުވެސް ދައްކަންޖެހޭ ޖޫރިމަނާ އެއްކޮށް މާފެއް ނުވާނެއެވެ. އޭގެ ބަދަލުގައި ނުދައްކައި އޮތް ކުލި ސަރުކާރަށް ދެއްކުމާ ހަމައަށް އަރާ ޖޫރިމަނާއަށް ދެން އަރަމުންދާނީ އަހަރަކު 18 ޕަސެންޓެވެ.
ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް މިއަދު "ވަން" އަށް ވިދާޅުވީ، ކުރިން ގެންގުޅުނު ބޮޑު ރޭޓުގައި އަރާފައިވާ ޖޫރިމަނާތައް ކުޑަކުރުމުން ޖޫރިމަނާތައް ދައްކަންޖެހޭ ތާވަލު އިސްލާހުކޮށް، އަލުން އެއްބަސްވުންތައް ހަދަމުން އައިސްފައިވާ ކަމަށެވެ. އެގޮތުން މިހާރު އެއްބަސްވުން ނުހެދި ހުންނާނީ ދެތިން ރަށަކާ އެކު ކަމަށް ވިދާޅުވިއެވެ.
"މިހާތަނަށް އެ ނަންބަރު އޮތީ ހަމައެކަނި ފޮތުގައި. އެހެންވެ، ދަރަންޏަށް ލުއި ލިބިގެން އެ ފައިސާ ދައްކަން އެ މީހުންނަށްވެސް ފަސޭހަވެގެން ދާނެ،" މައުސޫމް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ގަވާއިދަށް ގެނައި އިސްލާހާ އެކު ޖޫރިމަނާގެ ލުއި ލިބިގެންދާނީ ހަމައެކަނި ހަދަމުން އަންނަ ރިސޯޓްތަކަށް ކަމަށެވެ. އެއާއެކު މިހާރު ނުހެދި ހުރި ރިސޯޓުތައް ހަދައި ހުޅުވުމަށް މަގުފަހިވެގެންދާނެ ކަމަށް ވިދާޅުވިއެވެ.
ހަދަމުން އަންނަ ރިސޯޓުކުގެ ޖޫރިމަނާ ބޮޑުތަނުން ކުޑަކުރި އިރު، މިދިޔަ އަހަރު ވަނީ ރިސޯޓުތަކުގެ ބިމުގެ ކުލި ކުޑަކުރުމަށް ޓޫރިޒަމްގެ ގާނޫނަށް އިސްލާހު ގެނައުމަށް މަޖިލީހަށް ހުށަހެޅިއެވެ. އެހެން ނަމަވެސް އޭގެ ދުވަސްކޮޅެއް ފަހުން ވަނީ އެ އިސްލާހު އަނބުރާ ގެންގޮސްފައެވެ.
މީރާގެ އެންމެ ފަހުގެ ތަފާސްހިސާބުތަކުން އެނގޭ ގޮތުން ރިސޯޓު ކުލީގެ ޖޫރިމަނާގެ ގޮތުގައި 13.4 ބިލިއަން ރުފިޔާ ނުދައްކާ އެބަހުއްޓެވެ. އަދި ރިސޯޓު ކުލީގެ ގޮތުގައި އެކަނި ވެސް 3.4 ބިލިއަން ރުފިޔާ ނުލިބި އެބަހުއްޓެވެ.