ދުނިޔެ

އަދުގެ ދުނިޔެ: މޮރޮކޯގެ މުހައްމަދު ރަސްގެފާނަށް ދުނިޔޭގެ ކަޅި އަމާޒުވެފައި

އިމާދު ލަތީފު

މޮރޮކޯއަށް މިމަހު އައި ވަރުގަދަ ބިންހެލުމާ ގުޅިގެން އެތާގެ ރަސްގެފާނު މުހައްމަދު ހަވަނައިގެ ވަށައިގެން ދެމިފައި އޮންނަ ފަރުދާ ވަނީ ކަޝްފުވެފައެވެ. އުމުރުފުޅުން 60 އަހަރުވީ ރަސްގެފާނުގެ އުޅުއްވުމާއި އާދަތައް ބައިނަލްއަގުވާމީ މީޑިއާގެ ސަމާލުކަމަށް ވަނީ އައިސްފައެވެ. މޮރޮކޯގެ މުހައްމަދު ރަސްގެފާނަކީ އާއްމުންގެ ލޯތަކަށް މާގިނައިން ފެންނަ ބޭފުޅެއް ނޫނެވެ. ރަސްގެފާނާއި ގުޅުންހުރި ކަންކަމާއި އެރަސްގެފާނުގެ ގަނޑުވަރުތެރޭގެ ގިނަ ކަންކަން އޮންނަނީ އަބަދުވެސް ސިއްރު ކުރެވިފައެވެ. މިފަހަރުގެ ބިންހެލުމާއި ގުޅިގެން މޮރޮކޯއަށް ދުނިޔޭގެ ކަޅި ހުއްޓުނުއިރު ރަސްގެފާނު މުހައްމަދުގެ ދިރިއުޅުއްވުންވެސް މައިކްރޮސްކޯޕްގެ ދަށަށް ވަނީ އައިސްފައެވެ. މުހައްމަދު ރަސްގެފާނަކީ ކާކުބާވައެވެ. ދިރިއުޅުއްވުމުގެ އާދަތައްހުރީ ކޮންގޮތަކަށް ބާވައެވެ. ބަލައިލަމާ ބަހީއެވެ.

މޮރޮކޯގެ ގާނޫނުއަސާސީގައި ބަޔާންވެގެންވާ ގޮތުން އެތާގެ ރަސްގެފާނަކީ އަމީރުލް މޫނިނީންއެވެ. ހުރިހާ މޫމިނުންގެ އަމީރެވެ. އެންމެހައި އިސްލާމުންގެ ވެރިޔާއެވެ. ޚަލީފާއެވެ. އެކަމަކު މިރަސްގެފާނުގެ ބާރު މޮރޮކޯގެ ބޯޑަރުން ބޭރަކަށް ނުފޯރައެވެ. މޮރޮކޯގައި އެއީ ދީނީ ކަންކަމާއި ވެރިކަމުގެ އެންމެހައި ބާރުތަކުގެ ވެރިޔާއެވެ. އަސްކަރިއްޔާގެ ވެރިޔާއެވެ. ވެރިކަމާއި ގުޅުންހުރި ކަމެއްވެސް އަދި ދީނާއި ގުޅުންހުރި ކަމެއްވެސް ނިންމޭނީ ރަސްގެފާނުގެ ރުހުން އޮވެގެންނެވެ. މޮރޮކޯއަށް މިމަހުގެ 8 ވަނަ ދުވަހުގެރޭ ދަންވަރު ރިކްޓަރ މިންގަނޑުން 6.8 ގެ ބާރުމިނުގައި ބިންހެލުމެއް އައިސް ގައުމުގެ ބޮޑުބައެެއް ފުނޑުފުނޑުވެ އެތައްހާސް ބަޔަކު މަރުވެގެންދިޔައިރު އަމީރުލް މޫމިނީން ހުންނެވީ ކޮންތާކުބާވައެވެ. އޭނާ ހުންނެވީ މޮރޮކޯއަކު ނޫނެވެ. މާދުރުގައި އޮތް ފްރާންސްގެ ވެރިރަށް ޕެރިހުގައެވެ.

މުހައްމަދު ރަސްގެފާނު ގިނައިން ހުންނަވަނީ ޕެރިހުގައެވެ. މަޝްހޫރު އެއިފެލް ޓަވަރު ފެންނަ ހިސާބުގައިވާ ގަނޑުވަރެއްގައެވެ. މޮރޮކޯގެ ވެރިރަށް ރަބާތުގައި ހުންނަވާ ދުވަސްތަކަށްވުރެ ގިނައީ ޕެރިހުގައި ހުންނަވާ ދުވަސްތަކެވެ. ދީނާއި ދުނިޔޭގެ އެންމެހައި ކަންކަމުގެ ވެރިޔާ ކަމަށްވިޔަސް މުހައްމަދު ރަސްގެފާނާމެދު ބުނެވެނީ ދީނަށް ތަބާވުން ކުޑަބޭފުޅެއް ކަމުގައެވެ. މިރަސްގެފާނަކީ ކީރިތި ރަސޫލާގެ އަހުލުބައިތުންގެ ތެރެއިން ދެމިގެން އަންނަ ޚާންދާނަކަށް ނިސްބަތްވެވަޑައިގަންނަވާ ރަސްކަލެއް ކަމަށް ގަބޫލުކުރާ ބަޔަކުވެސް އުޅެއެވެ. ޖޯޑަންގެ އަބްދު ﷲ ރަސްގެފާނުވެސް ފަދައިންނެވެ. މުހައްމަދު ރަސްގެފާނަށް ތަޚުތު ލިބިވަޑައިގަތީ ބައްޕާފުޅު ހަސަން ރަސްގެފާނު 1999 ވަނަ އަހަރު އަވަހާރަވުމުންނެވެ. ރަސްކަމަށް އިސްވެވަޑައިގެންނެވިއިރު އުމުރުފުޅަކީ ތިރީސް ހައަހަރެވެ.

އުމުރުފުޅުން ސާޅީހާ ގާތްވެފައިވަނިކޮށް ރަސްކަން ލިބިވަޑައިގެންނެވިއިރު ކައިވެނިފުޅެއް ނުކުރައްވައެވެ. ރަސްމީކޮށް އަނބިކަނބަލަކު އިޚުތިޔާރު ކުރެއްވީ އޭގެ މާފަހުންނެވެ. މޮރޮކޯގެ ރަސްކަމުގެ އާދަތައް ނިޔާކުރާ ގޮތުން ރަސްކަމަށް އިސްވެވަޑައިގަންނަވާ ބޭފުޅަކު ހުންނަވާން ޖެހިވަޑައިގަންނަވަނީ ކައިވެނިފުޅެއްގެ މަތީގައެވެ. ބުނެވޭ ގޮތުން އަވަހާރަވި ހަސަން ރަސްގެފާނު ފަސްދާނުލެވުނީ ގަނޑުވަރު ތެރޭގައި މުހައްމަދު ކައިވެނިފުޅެއް ކުރެއްވުމަށްފަހުގައެވެ. އާދަކާދައަށް ތަބާވެވަޑައިގެންނެވުމުގެ ގޮތުންނެވެ. އެކަމަކު ގަނޑުވަރުން މިކަން ދޮގުކުރެއެވެ. ރަސްމީ ގޮތުން މުހައްމަދު ރަސްގެފާނު ކައިވެނިފުޅެއް ކުރެއްވީ ރަސްކަމަށް ތިން އަހަރު ފަހުން 2002 ވަނަ އަހަރުއެވެ. އަނބިކަނބަލަކީ ކޮމްޕިއުޓަރ އިންޖިނޭރެއް ކަމަށްވާ ސަލްމާ ބިނާނީއެވެ.

ސަލްމާގެ ބަނޑުފުޅުން މުހައްމަދު ރަސްގެފާނަށް ދެބޭފުޅަކު ލިބިވަޑައިގެންފައިވެއެވެ. އޭގެތެރެއިން އެއްބޭފުޅަކީ ޒުވާން ވަލީއަހުދު ޕްރިންސް ހަސަނެވެ. ބުނެވޭގޮތުން މުހައްމަދު ރަސްގެފާނު ވަނީ 2018 ވަނަ އަހަރު އަނބިކަނބަލުން ސަލްމާ ވަރިކުރައްވައިފައެވެ. އެކަމަކު މިއީ ގަނޑުވަރުން ކަށަވަރުކޮށްދޭ ކަމެއް ނޫނެވެ. ޔަގީންވާ އެއްޗަކީ ފަރުދާގެ ކުރިމަތިން ސަލްމާ މުޅިން ގެއްލިފައިވާ ކަމެވެ. މުހައްމަދުގެ ރަސްކަމަށް ފަންސަވީސް އަހަރު ފުރެން ގާތްވެފައިވާއިރު މި ރަސްކަމުގެ ފުރަތަމަ ދުވަސްކޮޅާއި މިދުވަސްވަރު ވަރަށް ތަފާތުކަމަށް ބުނަންޖެހެއެވެ. ރަސްކަމުގެ ފުރަތަމަ ދިހަވަރަކަށް އަހަރު މޮރޮކޯއަށް ނުހަނު ގިނަ އިސްލާހީ ބަދަލުތައް އޭނާ ގެންނެވިއެވެ. ނަތީޖާއެއްގެ ގޮތުން ޒުވާނުން ވަރަށް ރުހޭ ވަރަށް މަގްބޫލު ރަސްކަލަކަށް ވެވަޑައިގަތެވެ.

އެހެންނަމަވެސް އެއީ މާޒީއެވެ. މިހާރު އެއީ ލޮލަށްވެސް ނުފެންނަ ރަސްކަލެކެވެ. އުޅުއްވުން ހުރިނެތްގޮތާމެދު ރައްޔިތުން ސުވާލު އުފައްދާ ރަސްކަލެކެވެ. ގިނައިން އުޅުއްވަނީ ވިލާތުގައެވެ. ވެރިކަމުގެ ކަންކަން ހިންގެވުމުގެ ޒިންމާ މަތިކުރައްވައިގެން އުޅުއްވަނީ ދެ ކޮއްކޯފުޅަކާއެވެ. އެއީ ކުށްތަކަށް އަރައިގަތުމުގެ ދިގު ރިކޯޑެއް ލިބިފައިވާ ބޭފުޅުންނެވެ. މިކަން މިހެން ހުރުމުން ރަސްގެފާނުގެ މަގްބޫލުކަން ވަނީ ވަރަށް ކުޑަވެފައެވެ. މަގްބޫލުކަން ކުޑަވާ ވަރަކަށް ގައުމުން ބޭރުގައި ހުންނެވުން ވަނީ ގިނަ ކުރައްވައިފައެވެ. ހުސްވި ދެހާސް ބާވީހުގައިވެސް ގައުމުން ބޭރުގައި ހަތްމަސް ހޭދަކުރެއްވިއެވެ. ރަސްގެފާނު ވަޑައިނުގަންނަވާތީ ކިތަންމެ ހޮސްޕިޓަލަކާއި ސްކޫލެއް ނުހުޅުވައި ލަސްކުރަންޖެހެއެވެ. އެކަމަކު ބިންހެލުމާ ގުޅިގެން އެހީގެ ކަންކަން ހިންގެވުމަށް ރަސްގެފާނު ވަނީ ވަރަށް އަވަހަށް އެނބުރި ގައުމަށް ވަޑައިގެންފައެވެ.