އަށާރަ ގަޑިއިރުގެ ދިގު ދަތުރަކަށް ފަހު ހީތްރޯ އެއާޕޯޓަށް ބޯޓު ޖައްސަން ތައްޔަރުވަމުން ދާކަމުގެ އިއުލާން އިވިގެން ދިޔައެވެ. އިރުއޮއްސެމުން ދިޔަ ވަގުތުކަމުން ލަންޑަންގެ މަލަމަތި ފެންނަމުން ދިޔައީ ހިތްގައިމުކަމާއެކުގައެވެ. މަޑު ރަތްކުލައިން އުދަރެހާއި ވިލާތައް އޮތީ ގިރިޓީ ވެފައެވެ. ބޯ ވިލާތަކުގެ ތެރޭން ބޯޓު ތިރިކުރަމުން ދިޔަ ވަރަކަށް މަންޒަރުތައް ފުރިހަމަވަމުން ދިޔައެވެ. އޭރު ޔަޝްފީ އިނީ ކުޑަދޮރުން ބޭރު ބަލަހައްޓައިގެންނެވެ. އޭނަގެ ތުންފަތުގައި ލުއި ހިނިތުންވުމެއްގެ އަސަރު ވެއެވެ. މޫނުމަތިން ވެސް ރަމްޒުކޮށްދެނީ އުފާވެރިކަމެވެ. އެއީ ފެންނަމުން ދިޔަ ޤުދުރަތީ ރީތި މަންޒަރުތަކުން އައިސްފައިވި ބަދަލެއް ނޫނެވެ. އޭނަގެ ހިތްހަމަޖެހިމާއި ގުޅިފައިވަނީ ހަމަ އެންމެ ފަރާތަކާއެވެ. ރުހައިމްއާއެކު ވަގުތުކޮޅެއް ހޭދަކޮށްލުމުގެ ފުރުސަތު ފަހިވެފައި ވުމުންނާއި، އޭނަގެ ހިތުގެ މަންޒިލާ ހަމައަށް ވާސިލުކޮށްދޭނެ ދަތުރަކަށް ވާނެކަމުގެ ޔަޤީން ލިބުމުން އައިސްފައިވި ބަދަލެކެވެ.
ރަންވޭއަށް ބޯޓު ތިރިކުރަން ތައްޔާރުވުމާއެކު ބޯޓު ތަޅުވަން ފެށުމުން ގެނައި އަވަސް ހަރަކާތާއެކު ޔަޝްފީއަށް ހިފާލެވުނީ ޖެހިގެން ހުރި ސީޓުގައި އިން ރުހައިމްގެ އަތުގައެވެ. ޔަޝްފީގެ އެއަމަލުން ރުހައިމްއަށް ހައިރާންކަން ލިބުނެވެ. އޭނަ ޔަޝްފީގެ މޫނަށް އަވަސް ނަޒަރެއް ދިނެވެ. ހިތްހަމަނުޖެހުމުގެ އަސަރު ކޮންމެ ވެސް ވަރަކަށް ރުހައިމްގެ މޫނުމަތިން ފެންނަމުން ދިޔައެވެ. އެދެމެދުގައި ވަކި އިމެއް ކަނޑައެޅިފައިވާކަން ޔަޝްފީއަށް ހަނދުމަކޮށްދޭން ބޭނުން ވިއެވެ. ނަމަވެސް ނުތަނަވަސްކަމާއި ހާސްކަން ވެރިވެފައިވި ޔަޝްފީގެ މޫނަށް އޭނަގެ ސަމާލުކަން ހުއްޓުމާއެކު، ރުހައިމްގެ މޫނުމަތިން ފެންނަމުން ދިޔަ ނުރުހުންތެރިކަން ކަންބޮޑުވުމަށް ބަދަލު ވިއެވެ.
''އާރ ޔޫ އޯކޭ؟...'' ރުހައިމްއަށް އަހައިލެވުނެވެ. ޔަޝްފީއަށް އައިސްފައިވި ބަދަލުތަކުން އޭނައަށް ނުތަނަވަސްކަން ލިބުނެވެ.
ފުންނޭވާތަކެއް ދޫކުރަމުން ޔަޝްފީ ރުހައިމްއަށް ބަލައިލިއެވެ. ހަމަޖެހިލަން ބޭނުންވެފައި އިން ކަހަލައެވެ.
''ހޫމްމް، ބޯޓު ތަޅުވަން ފެށީމަ ބިރުގަތީ...'' ޔަޝްފީ ދޮގު ހެދިއެވެ. އޭނަގެ ހިތުގައި ކުޑަމީސް ބިރުވެރިކަމެއް ނުވެއެވެ. ވައިގެ މަގުން ދަތުރުކުރުމަކީ އޭނަ ނިކަން ގަޔާވާ ކަމެކެވެ. ހިތްދެވިފައިވާ ކަމެކެވެ. ކިތަންމެ ގަދަ ވިއްސާރަޔާއި، ގޯސް މޫސުމުގައި ދަތުރުކުރަން ޖެހުނަސް އޭނަ ހިތަކަށް އެއްވެސް އެއްޗެއް ނާރައެވެ. ބިރުވެރިކަމެއް ވެސް ނުއުފެދެއެވެ. ނަމަވެސް މިފަހަރުގެ ދަތުރު ތަފާތެވެ. އޭނަގެ ގާތުގައި އެއިނީ އޭނަގެ ހިތުގެ ވެރިޔާއެވެ. އެހެންވުމުން އޭނަގެ އިހުސާސްތައް އިހުތިޔާރުގެ ދަށަށް ގެންނަން އުނދަގޫ ވިއެވެ. ރުހައިމްގެ އަތުގައި ހިފަން އޭނަ ބަހަނާއެއް ހޯދީ އެހެންވެއެވެ. އަދިވެސް އިތުރަށް ރުހައިމްއާއި ގާތްވާން އޭނަ ބޭނުން ވިއެވެ. ހިތް އެކަމަށް އެދި ގޮވާތީއެވެ.
ރުހައިމްގެ ސަމާލުކަން އޭނައަށް ހުއްޓިފައިވާތަން ފެނި ޔަޝްފީގެ ހިތަށް ރާހަތެއް ލިބުނެވެ. އެތެރެއިން ހިނިތުންވެވުނެވެ. އޭނަގެ ހުނަރުތަކާ މެދު ފަހުރުވެރި ވެވުނެވެ.
''ސޮރީ!...'' ރުހައިމްގެ އަތުން ލަސްލަހުން ދޫކޮށްލަމުން ޔަޝްފީ މަޢާފަށް އެދުނެވެ. ކުރެވުނު ކަންތަކާ މެދު ދެރަވެފައިވާ ކަން އަޑުން އަންގައިދެމުންނެވެ. އުނގުތެރޭގައި ދެއަތްތިލަ ޖޯޑުކޮށްލަމުން އޭނަ ރުހައިމްއަށް ބަލައިލިއެވެ.
''އިޓްސް އޯކޭ...'' ރުހައިމް ބުނެލިއެވެ. ޔަޝްފީގެ މަކަރުވެރިކަން އޭނައަށް ފާހަގައެއް ނުކުރެވުނެވެ. އޭނަ ހަޤީޤަތުގައި ވެސް ހީކުރީ ޔަޝްފީ އިނީ ބިރުގެންފައި ކަމަށެވެ. އެކްޓްކުރަން ޔަޝްފީއަކީ މާހިރެއް ވިއްޔާއެވެ.
އަތުގައި އޮތް މެގެޒިން ކުރިމަތީ ހުރި ސީޓުގެ ޖީބަށް ލުމަށްފަހު އަތުކުރީ އޮތް ގަޑިއަށް ރުހައިމް ބަލައިލިއެވެ. އަދި ޖިންސްގެ ޖީބުގައި އޮތް ފޯނު ނެގިއެވެ. ބޯޓު ޖެއްސުމާއެކު ނާލާއަށް ގުޅަން އޭނަ ހިތުލިއެވެ. ނާލާގެ އަޑު އަހާލަން ހިތް ބޭޤަރާރުވެފައި ވީތީއެވެ.
*****
ކަސްޓަމްސް އަދި ވިސާގެ ކަންތައް ފުރިހަމަކުރުމަށްފަހު ޔަޝްފީއާއި ރުހައިމްއަށް ބޭރަށް ނިކުމެވޭވަރު ވީ ގަޑިއެއްހާ އިރު ފަހުންނެވެ. ރުހައިމްގެ ފަހަތުން ފޮށި ދަމަމުން ނިކުތް ޔަޝްފީގެ މޫނު ބަނަވެފައި ވަނީ ރުހައިމް ނާލާއަށް ގުޅައިގެން ހުރުމުންނެވެ. އެދެމެދުގައި އޮތް ލޯބި ހަޖަމުކުރަން އޭނައަށް ދަތިކަމަށް ވިއެވެ. އެކަމާ ހުރެ ކަޅު ފޮއި އަނދިރި ރެޔަކަށް ވުރެން އޭނަގެ މޫނު ބަނަވެއްޖެއެވެ.
ނާލާއާއި ވާހަކަދައްކަމުން ދިޔަ އިރު ރުހައިމްގެ މޫނުމަތިން ރަމްޒުކޮށްދެމުން ދިޔަ އުފާވެރިކަން ޔަޝްފީއަށް ހިތި ޒަހަރަކަށް ވިއެވެ. ފެންނަމުން އެދާ މަންޒަރުތަކުން އޭނަ ގާތަށް އައީ އަމަށަކު ރުޅިއެއް ނޫނެވެ. އޭނަގެ އުފާވެރިކަން ޚަރާބުކުރަން ނާލާ މަސައްކަތްކުރަނީއޭ އޭނަގެ ހިތަށް އެރިއެވެ. ރުހައިމްއާ ވަކިން ވާހަކަދައްކާލަން ފަހިކުރަމުން ދިޔަ ފުރުސަތުތައް ވެސް ކާމިޔާބު ނުވުމުން އެކަމާ ވެސް އޭނަ ހިތްހަމަނުޖެހުނެވެ. އޭނަގެ ނަޒަރުގައި ކުށްވެރިވީ ނާލާއެވެ. އެތައް ހާސް މޭލެއްގެ ދުރުގައި ހުރެގެން ވެސް ރުހައިމްގެ މައްޗަށް އަތްގަދަކުރަން މަސައްކަތްކުރާތީއެވެ. އޭނަގެ ހިތުގެ މަންޒިލާ ހަމައަށް ވިސުލުވާން އޮތް މަގުގެ އަޑިގުޑަނަކަށް ނާލާ ވެއްޖެއެވެ. ވީ ފޫއްސެއްގެ ބޮޑުކަމުން އޭނައަށް ތުންއަނބުރާލެވުނެވެ. ލޮލަށް ވެސް ގޮތަށް ހަދާލެވުނެވެ. އޭނަގެ މޫޑު މުޅިންހެން ޚަރާބު ވެއްޖެއެވެ.
''ބޮޑު އުނދަގުލެއް ކަހަލަ އަންހެނެކޭ... އޭނަގެ ބަލާވެރިކަމުން އަވަހަށް ސަލާމަތްވާނެ ނަމައޭ ހިތަށް އަރާ، ކޮންމެހެން ވިޔަސް އަހަރެންގެ މަޤުސަދު ހާސިލުކުރާނަން، އަހަންނަކީ އެހާ ފަސޭހައިން ބަލި ޤަބޫލުކުރާ މީހެއް ނޫން، ވަޓްއެވާރ އިޓް ޓޭކްސް އައިލް ޑޫ އިޓް، ރުހައިމް އަކީ ހަމައެކަނި އަހަރެންގެ މީހެއް... ހަމައެކަނި އަހަރެންގެ...'' ހަށިފުރާ ދޫކޮށްލި ނޭވާއަށް ފަހު ނަފުސު ހަމައަކަށް އަޅުވަން ޔަޝްފީ މަސައްކަތްކުރިއެވެ. ފަހި މުސްތަޤުބަލާ މެދު އޭނަ ވިސްނާލިއެވެ.
''ދެން ބާއްވަނީ އިނގޭ، މިހާރު ޑިއުޓީގަ މިހިރީ، ނައިޓް ޑިއުޓީ ވިޔަސް މިރޭ ތަންކޮޅެއް ބިޒީކޮށް މިއުޅެނީ.......... ގަޑިން ގަޑިއަށް ކައިގެން އުޅެއްޗޭ، އަހަންނަށް އިނގޭ ސެމިނާރ ބަހަނާއަކަށް ދައްކާފައި ރުހައިމް ނުކައި ހުރެދާނެކަން، ބިޒީވިޔަސް ކުޑަ ގޮތެއް ހަދާލެވޭތޯ ބަލަހައްޓޭ...'' ފޯނުކޯލު ކުރުކޮށްލަން ނާލާ ބޭނުމެއް ނުވިއެވެ. އެހެނަސް ވަގުތުނުތަންވަޅުވެފައި ވާތީ ކޯލު ދިގު ކުރެވޭކަށް ވެސް ނެތެވެ. ރުހައިމްގެ އަޑު އޭނަގެ ކަންފަތުގައި ޖެހުމުން ނާލާގެ ހިތަށް ހަމަޖެހުމެއް ލިބުނެވެ. ސަލާމަތުން މަންޒިލާ ހަމައަށް ދެވިއްޖެކަން ޔަޤީންކުރެވުނީތީއެވެ. މިހާރުއްސުރެ ވަގުތު ގުނަން ފެށީ އޭނަގެ ގާތަށް ރުހައިމް އަންނާނެ ވަގުތަކަށެވެ.
''ނާލާ ބުނީތީ ވެސް ކެއުމަށް ސަމާލުކަން ދޭނަން... އެކަމަކު ހިޔެއް ނުވޭ ގަޔަވާ ކަހަލަ އެއްޗެއް ލިބޭނެ ހެނެއް، އަހަންނަށް އެންމެ ކަމުދަނީ ނާލާ ކައްކާ އެއްޗެހި ވިއްޔާ...... ހެހެހެ، އައި މިސް ޔޫ...'' ހިނިތުންވުމަކާއެކު ރުހައިމް ވާހަކަ ދެއްކިއެވެ. ނާލާގެ އަޑު އޭނަގެ ކަންފަތާ ހަމައަށް ފޯރުމުން ރުހައިމްގެ މޫނު ވެސް އުޖާލާ ވެއްޖެއެވެ. އެދެމެދުގައި އޮތް ފުރިހަމަ ލޯބި ހާމަކޮށްދެމުން ދިޔައީ ބަދަލުކުރެމުން ދިޔަ ކުދި އަދި މާނަފުން ބަސްމޮށުންތެރިކަމުންނެވެ. ''ވީހާ ވެސް އަވަހަކަށް ނާލާގެ ގާތަށް ދާން ބޭނުމީ...''
''އަހަރެން ހުންނާނަން ރުހައިމްގެ އިންތިޒާރުގައި، ދެން ބާއްވަނީ އިނގޭ، އެބަޖެހޭ ވޯޑަށް ދާން ވެސް...... ލަވް ޔޫ'' ލޯބިވާކަން ހާމަކުރަމުން ނާލާ ފޯނު ބޭއްވިއެވެ. އޭގެ ކުރިން ރުހައިމްގެ އެދުމުގެ މަތިން ''ކިސް''އެއް ވެސް ފޮނުވާލިއެވެ. އެހިނދު ދެމަފިރިންގެ ލުއި ހުނުމުގެ އަޑު އިވުނެވެ.
*****
ރުހައިމްއާއި ޔަޝްފީ ބަލާ ސެމިނާ ބާއްވާ މައި ޓްރެވެލް ކުންފުނީގެ ފަރާތުން ޒުވާން އުމުރުފުރައިގެ ފިރިހެނަކު އެއާޕޯޓަށް އައިސްފައި ހުއްޓެވެ. ފަސޭހައިން ފާހަގަ ކުރަން އެނގުނީ ދެމީހުންގެ ވެސް ނަން ލިޔެފައި އޮތް ބޯޑެއް އެޒުވާނާ ހިފަހައްޓައިގެން ހުރުމުންނެވެ. ރުހައިމް ގޮސް އެޒުވާނާގެ ގާތަށް ހުއްޓިލަމުން ސަލާމަތް އަތް ދިއްކޮށްލިއެވެ. ޔަޝްފީ ވެސް ރުހައިމްގެ ފަހަތުން އައިސް ހުއްޓިލަމުން އޭނަގެ ތަޢާރަފެއް ދިނެވެ.
''ޑޭވިޑް...'' އޭނަގެ ކުރު ތަޢާރަފެއް ދެމުން ޑޭވިޑް ހިނގައިގަތީ އޭނަގެ ކާރާއި ދިމާއަށެވެ. އެދިޔަ މަގުމަތީގައި ރުހައިމް އަދި ޔަޝްފީގެ ޝެޑިއުލް ހަމަޖެހިފައި އޮތް ގޮތުގެ މަޢުލޫމާތު އަތުގައި އޮތް އައިޕެޑުން އޭނަ ހިއްސާކުރިއެވެ. ރުހައިމް ވެސް ދެން ދައްކަން ފެށީ ސެމިނާގެ ވާހަކައެވެ. ޔަޝްފީ ހުރީ އެކަމާ ބޮލަށް ތުރާ ވެފައެވެ. އެދަތުރުގެ ފެށުން ނުބައި ވެއްޖެޔޭ އޭނަގެ ހިތަށް އެރިއެވެ. އުއްމީދު ކުރި ފަދަ ފުރުސަތެއްގައި ރުހައިމްއާ ގާތްވެ ވާހަކަ ދައްކާލުމުގެ މަގު ފަހި ނުވުމުން އޭނަ ހުރީ ފޫހި ވެފައެވެ. ނަމަވެސް ބަލި ޤަބޫލުކުރުމުގެ ވިސްނުމެއް އޭނަގެ ނެތެވެ. ލަނޑުދަނޑިއާ ހަމައަށް ވާސިލުވާން ބޭނުންވާތީއެވެ.
*****
ތިރީސް މިނެޓްގެ ދަތުރަކަށް ފަހު ކާރު ގޮސް މަޑުކޮށްލީ ލަންޑަން ސިޓީގެ ހަލަބޮލިކަމުގެ ތެރޭގައި ފަރުމާކުރެވިފައި ހުރި ހިތްގައިމު ހޮޓެލެއްގެ ކުރިމައްޗަށެވެ. އިރުއޮއްސި ދުނިޔެ މައްޗަށް ފެތުރިފައި އޮތް ފަނޑު އަނދިރިކަމުގެ ތެރެއަށް މަގުތަކުގައި ދިއްލާފައި ހުރި ބޮކީގެ އިތުރުން އިމާރާތްތަކުން ފަޅުވަމުން އައި ތަފާތު ކުލަކުލައިގެ އަލިތައް އެކުވެ ނަށަމުން ދިޔައެވެ. ކާރުގެ ދޮރު ހުޅުވާލަމުން ބޭރަށް އެޅި ފިޔަވަޅާއެކު ހަލަބޮލި މާހައުލަށް ޔަޝްފީ އަވަސް ނަޒަރެއް ދިނެވެ. ކޮނޑުގައި އޮތް އަތްދަބަސް ރަނގަޅުކޮށްލަމުން ވަށައިގެން އޭނަ ބަލައިލިއެވެ.
ކާރުގެ ޑިކީން އޭނަގެ ފޮށި ނަގައި ދުވާރު މަތީގައި ޑޭވިޑް ބެހެއްޓުމުން، ފޮށީގެ އަތްގަނޑުގައި ޔަޝްފީ ހިފަހައްޓާލިއެވެ. އޭނައާއި ޑޭވިޑްގެ ނަޒަރު ބައްދަލުވުމުން، ޑޭވިޑް އޭނައަށް ހިނިތުންވެލުމުން ފޫހިކަން ޔަޝްފީގެ ހިތަށް ވެރިވިއެވެ. އަވަސްއަވަހަށް އޭނަގެ ނަޒަރު އެހެންދިމާއަކަށް އަނބުރާލިއެވެ. ރުހައިމް ނޫން އިތުރު ފިރިހެނަކަށް ބަލާކަށް ވެސް އޭނަ ބޭނުމެއް ނުވެއެވެ. ރުހައިމް ފަދަ ރީތި ފިރިހެނަކު ނުފެންނާނެތީއެވެ.
ހޮޓެލްގެ ޗެކިން ކަންތައް ނިމުމުން އޭނައަށް ގުޅޭނެ ނަންބަރުގެ އިތުރުން ކެއުންބުއިމުގެ މަޢުލޫމާތުތައް ސާފުކޮށްދެމުން، ހޮޓެލްގެ މުވައްޒަފުންގެ އަތްމައްޗަށް ރުހައިމްއާއި ޔަޝްފީ ދޫކޮށްފައި މާދަން ބައްދަލުވާނެ ކަމަށް ބުނެފައި ޑޭވިޑް ދިޔައީއެވެ. ހަމަޖެހުމުގެ ނޭވާއެއް ޔަޝްފީއަށް ދޫކޮށްލެވުނީ ދެނެވެ. އޭނައާއި ރުހައިމް އެކަނިވެލަން ފުރުސަތު ލިބުނީތީއެވެ.
''ޑިނާރ ނަގަން ރެސްޓޯރެންޓަށްތަ ދަނީ؟...'' ލިފްޓްގައި ރުހައިމްއާއެކު އެކަނިވުމުން ޔަޝްފީ ސުވާލުކޮށްލިއެވެ.
''ވަރަށް ވަރުބަލިވެފަ މިހުރީ އެހެންވީމަ ރެސްޓޯރެންޓަކަށް ނުދެވޭނެ، އިން-ރޫމް ސާރވިސްއަށް ގުޅާނީ، ނިދަން ވެސް ބޭނުން، އަނެއްކާ މާދަން ހެނދުނުހެނދުނާ އެކޮޅަށް ދާން ވެސް ޖެހޭނެ......'' ރުހައިމްގެ ޖުމްލައިން ޔަޝްފީއަށް ލިބުނީ މާޔޫސްކަމެވެ. އޭނައަށް އުދާސްކަމުގެ ނޭވާއެއް ދޫކޮށްލެވުނެވެ.
ވިހި ވަނަ ފަންގިފިލާއާ ހަމައަށް ގޮސް ލިފްޓް ހުޅުވެންދެން ލިފްޓްގެ ތެރެއަށް ވެރިވެފައި އޮތީ މަރުގެ ހަމަހިމޭންކަމެވެ. ރުހައިމްއާ ވާހަކަދައްކަން ޔަޝްފީ މަސައްކަތްކުރިޔަސް ރުހައިމްގެ ފަރާތުން އެކަށީގެންވާ އެއްބާރުލުމެއް ނުލިބުނެވެ. ސެމީނާގެ ވާހަކަތައް ފިޔަވައި އިތުރު ވާހަކައެއް ދައްކަން ރުހައިމް ބޭނުން ނުވާ ކަހަލައެވެ. އެކަން ޔަޝްފީއަށް ފާހަގަ ވިއެވެ. ހިތަށް ތަދުވީ އެކަމުގެ ފަހަތުގައި އޮތް ސަބަބުން ނަގައިގަނެވުމުންނެވެ.
''އެއަންހެނާގެ ސަބަބުން މިކަމެއް މިވަނީ!، ވައި ޑަސް ހީ ހޭވް ޓު ބީ ސޯ ފެއިތްފުލް؟، އޭނަ ނޫން އަންހެންކުއްޖަކާ ވާހަކަދައްކަން ބޭނުމެއް ވެސް ނުވޭ، މިޒަމާނުގަ އެކަހަލަ ފިރިހެނުން އުޅޭތަ؟... އާރގްގްގް، ހާދަ ރުޅިއެއް އެބައާދެޔޭ، ކީއްވެތަ އެހެނިހެން ފިރިހެނުން ގޮތަށް ރުހައިމް ނުވީ، އޭރުން ހާދަ ފަސޭހައެއް ވާނެޔޭ، ދެން އިތުރު ގޮތެއް ނެތް، އިފް އައި ކާންޓް ސެޑިއުސް ހިމް އައިލް ގޯ ވިތް މައި އިނީޝިއަލް ޕްލޭން، އެސްޓާ... އަވަހަށް އޭނައަށް ގުޅަންވީ... މިރޭ ދާނީ އޭނައާ ބައްދަލުކުރަން...'' ރުހައިމްއަށް ބަލަމުން ޔަޝްފީ އޭނަގެ ޒަމީރާއި ވާހަކަދެއްކިއެވެ.
ރުހައިމްގެ ރީތި މޫނަށް ބަލަމުން ހުވަފެނީ އާލަމަކަށް ފީނަން ޔަޝްފީ ބޭނުން ވިއެވެ. ހިތަށް ހަމަޖެހުމެއް ލިބޭތޯއެވެ. ނަމަވެސް ލިފްޓް ވިހި ވަނަ ފަންގިފިލާއާ ހަމައަށް ގޮސް ހުޅުވުމުން އެވަގުތުކޮޅަށް ވެސް ނިމުން އައީ އެވެ. ޔަޝްފީ އެންމެ ރުޅިގަދަވީ ދެމީހުންނަށް ވެސް ތަފާތު ފަންގިފިލާތަކުން ކޮޓަރިއަށް ލިބުމުންނެވެ. އެއް ފަންގިފިލާއަކުން ލިބޭތޯ އޭނަ ރިސެޕްޝަނުގައި ހުރި ކުއްޖާއާއި ވެސް އެތައް ވާހަކައެއް ދެއްކިއެވެ. ނަސީބުދެރަކަމުން ލިބޭ ގޮތެއް ނުވިއެވެ.
*****
ކޮޓަރިއަށް ވަދެވުމާއެކު އެނދު މައްޗަށް އަތްދަބަސް ހޫރާލަމުން އެނދަށް އުއްޑުން ވެއްޓިގަތެވެ. އަދި އަތުގައި އޮތް ފޯނުން އަވަސްއަވަހަށް އެސްޓާއަށް ގުޅާލިއެވެ. އެންމެ ސިކުންތެއް ވެސް ބޭކާރު ކުރުމެއް ނެތި އޭނަގެ މަޤުސަދާ ހަމައަށް ވާސިލުވާން ބޭނުން ވީތީއެވެ. ރުހައިމްއާ ދުރުގައި ހުންނަން ދެން އޭނައަށް ކެތެއް ނުކުރެވޭނެއެވެ. ވަރަށް ގިނަ ދުވަސް ވަންދެން އޭނަ އިންތިޒާރު ކޮށްފިއެވެ. އިތުރަށް އެންމެ ސިކުންތަކަށް ވެސް ނާލާގެ ހައްޤެއްގެ ގޮތުގައި ރުހައިމް ވާ ތަން ދެކެން އޭނައަށް ކެތެއް ނުކުރެވޭނެއެވެ. އޭނަގެ ހިތާއި ޖިސްމު އެމަންޒަރު ދެކެން ބޭނުމެއް ނުވެއެވެ.
އެސްޓާއަށް ގުޅާލަމުން ފޯނު ކަންފަތުގައި ޖައްސާލިއެވެ. ކެތްތެރިކަން ކުޑަވެފައިވާކަން އޭނަގެ ބުމައާއި ތުންފަތަށް ގެންނަމުން ދިޔަ އަވަސް ހަރަކާތްތަކުން ހާމަކޮށްދެއެވެ.
''ހަލޯ...'' ތިންވަނަ ރިންގާއެކު އެސްޓާ ފޯނު ނެގުމުން ޔަޝްފީ ބުންޏެވެ. ފޯނުގެ އަނެއްކޮޅުން އިވެމުން ދިޔަ ޖޯޝާއި ފޯރީގެ ބާރު ހަޅޭކުގެ އަޑާއި މިޔުޒިކްގެ ބާރު އަޑުފަށްގަނޑުގެ ސަބަބުން އެސްޓާ ބުނާ އެއްޗެއް ޔަޝްފީއަށް ސާފުވާ ގޮތެއް ނުވިއެވެ. އެންމެފަހުން ޖެހުނީ ފޯނު ކަނޑާލާށެވެ.
ދެވަނަ ފަހަރަށް ގުޅަން އުޅެނިކޮށް އައީ މެސެޖެކެވެ. ނައިޓްކްލަބެއްގެ ނަން ލިޔެފައެވެ. އެތަނަށް އާދެވޭނެ މަޢުލޫމާތު ވެސް ހިމަނާފައި އޮތެވެ. މެސެޖް ކިޔާލަމުން ޔަޝްފީ އެނދުން ތެދުވުނެވެ. އެއަށްފަހު އޭނަގެ ފޮށި ހުޅުވާލަމުން ބޭރަށްދާން ހެދުމެއް ނެގިއެވެ. ކިރިޔާ ފައިގެ ފަލަމަސްގަނޑާ ހަމައަށް އަންނަ ރަތްކުލައިގެ މިޑީ އެކެވެ. މިޑީގެ ބުރަކަށި ހާމައަށް އޮތްއިރު މޭމަތި ވެސް އެހާމެ ފާޅުކަން ބޮޑެވެ. ބޭނުންވާ ތަކެތި ހަމަކުރުމަށްފަހު ފެންވަރައި ތާޒާ ވެލައިގެން ނައިޓްކަލަބަށް ދާން އޭނަ އަވަސްވެގަތެވެ. ސިކުނޑިއަށް ލިބިފައިވި ހާސްކަމާއި ދުރުވެލަން ޕާޓީކޮށްލަން ވެސް އޭނަ ހުރީ ބޭނުންވެފައެވެ.
*****
ނައިޓްކްލަބަށްދާން ޓެކްސީއެއްގައި ދަތުރު ފަށަމުން އޭނަ އަންނަ ވާހަކަ މެސެޖަކުން އެސްޓާއަށް ޔަޝްފީ އަންގާލިއެވެ. އަދި އޭނަގެ އަތުގައި އޮތް ކްލަޗް ހުޅުވާލުމަށްފަހު ނެގި ކުޑަ މޭކަޕް ސެޓުން މޫނު ބަލަމުން ތުންފަތުގައި ޖައްސާފައި ހުރި ރަތްކުލަ ލިޕްސްޓިކްގެ އެހީގައި އިތުރަށް ގަދަކޮށްލިއެވެ. ހިތްހަމަޖެހޭވަރަށް ބުރުސޫރަ ފުރިހަމަކުރަމުން މޭކަޕް ސެޓް ކްލަޗް ތެރެއަށް ލިއެވެ. އަދި ހަށިފުރާ ނޭވާއެއް ދޫކޮށްލަމުން ފަސްވަމުން ދިޔަ އިމާރާތްތަކަށް ބަލަން އޭނަ އިނެވެ.
ނައިޓްކްލަބް ކުރިމައްޗަށް ކާރު މަޑުކުރުމާއެކު ދަތުރަށްވާ ފައިސާ ދެއްކުމަށްފަހު ޔަޝްފީ ކާރުން ފޭބިއެވެ. އޭރު ޔަޝްފީގެ އިންތިޒާރުގައި އެސްޓާ ހުއްޓެވެ. ޔަޝްފީ ފެންނައިރަށް އަތުން ހަނާ އަޅާލިއެވެ. ޔަޝްފީގެ ނަޒަރު ގޮސް އެސްޓާއަށް ހުއްޓުމާއެކު އޭނަ އަވަސްވެގަތީ އެސްޓާގެ ގާތަށް ދިއުމަށެވެ.
އެސްޓާއަކީ ދިގު އިސްކޮޅެއް ލިބިފައިވާ އަންހެންކުއްޖެކެވެ. ހަމުގެ ކުލަ އަލިވެފައި ބޮޑަށް ވައްތަރީ ޔޫރަޕް ކުއްޖަކާއެވެ. އެސްޓާގެ ބައްޕައަކީ ބޭރު މީހަކަށްވުމުން އެސިފަތައް އެސްޓާއަށް ލިބިފައި ވެއެވެ. ބޮލުގެ އިސްތަށިގަނޑުގައި ވެސް ވަނީ ރަންކުލައެވެ. ލޮލުގެ ކަޅީގައި ވެސް އެކުލެވިގެންވަނީ ދިވެހިންނާއި ނުބައްދަލު ފެހި ކުލައެވެ. އުމުރުގެ ބޮޑުބައި އެސްޓާ ހޭދަ ކުރީ ރާއްޖޭގައެވެ. ބައްޕަގެ ވަޒީފާގެ ސަބަބުންނެވެ. ރިސޯޓެއްގެ ޖެނެރަލް މެނޭޖަރަކަށް ވީތީއެވެ. ނަމަވެސް އަހަރުތަކެއް ކުރިން އެވަޒީފާއިން ރިޓަޔާރ ވުމަށްފަހު އެސްޓާގެ ބައްޕަ ވަނީ އޭނަގެ އާއިލާ ގޮވައިގެން އޭނަގެ އަމިއްލަ ވަޒަން ކަމުގައިވާ ލަންޑަނަށް ދިރިއުޅުން ބަދަލުކޮށްފައެވެ.
އިސްލާމީ ރީތި ސިފައެއް އެސްޓާއަށް ލިބިފައެއް ނުވެއެވެ. މަންމައަކީ ވެސް ހުޅަނގުގެ ވައްޓަފާޅި ދެކެ އިންތިހާއަށް ލޯބިވާ މީހަކަށް ވުމުން އެސްޓާއަށް ލިބިފައިވަނީ ފަރަންޖީންގެ ތަރުބިއްޔަތެވެ. ދީނުގެ އެއްވެސް ކަމެއް ރަނގަޅަކަށް ނޭނގެއެވެ. ސްކޫލްގައި އުޅުނުއިރުގައި ވެސް އޭނަ އެންމެ ފޫހިވީ އިސްލާމް މާއްދާދެކެއެވެ. އަބަދު އިންނަނީ ނިދިޖެހިފައެވެ. އެހެންވުމުން ދީނުގެ އެއްވެސް ކަމެއް އުނގެނޭކަށް ވެސް އެނަ ބޭނުމެއް ނުވެއެވެ.
''ހޭއި ބެސްޓީ!...'' ޔަޝްފީގެ ގައިގައި އޮޅިލައިގަންނަމުން އެސްޓާ ބުންޏެވެ. ''އައި ލައިކް ޔޯރ ޑްރެސް...''
''ސޭމް...'' އެސްޓާގެ ހެދުމަށް ވެސް ޔަޝްފީ ތައުރީފުކޮށްލިއެވެ.
އެސްޓާ ލައިގެން ހުރީ ކިރިޔާ ބުޑު ނިވާވާވަރުގެ ކުރު ހެދުމެކެވެ. ހެދުމުގެ އަތެއް ނެތް އިރު މޭމަތީގެ ބޮޑު ބައެއް އޮތީ ހާމައަށެވެ. ކޮށްފައި ހުރީ ވެސް ގޮތް ބޮޑު މޭކަޕެކެވެ.
''ކީއްކުރަންތަ ޑްރަގްސް ހޯދަން އުޅުނީ؟...'' ޔަޝްފީއާއެކު ނައިޓްކްލަބަށް ވަންނަން ދަމުން ހިތުގައި އޮތް ސުވާލުގެ ޖަވާބު ބޭނުންވެފައި ޔަޝްފީއަށް އެސްޓާ ބަލައިލިއެވެ.
(ނުނިމޭ)