ދުނިޔެ

އަދުގެ ދުނިޔެ: މޮރޮކޯއާއި ލީބިޔާއިން ފެންނަނީ މުޅިން ތަފާތު ދެ މަންޒަރެކެވެ.

އިމާދު ލަތީފު

ފާއިތުވީ ހަފުތާގެ ތެރޭގައި އިސްލާމީ ދުނިޔޭގެ ދެ ގައުމަކަށް ވަރަށް ބޮޑު ދެކާރިސާއެއް ވަނީ ކުރިމަތިވެފައެވެ. މި ދެކާރިސާއާ ގުޅިގެން ދުނިޔެއިން އަމަލުކުރިގޮތާއި ފޯރުކޮށްދިން އެހީތެރިކަމުގެ ތަފާތުކަން ބޮޑުކަމުން މި ދެގައުމުގެ ހާލަތުގެ ފަރަގު ވަރަށް ބޮޑަށް ވަނީ ހާމަވެގެންގޮސްފައެވެ. އެއް ކާރިސާއަކީ މޮރޮކޯއަށް އައި ވަރުގަދަ ބިންހެލުމެވެ. އަނެއް ކާރިސާއަކީ ލީބިޔާގެ އިރުމަތީ އައްސޭރިއަށް އެރި ވަރުގަދަ ތޫފާނަކާ ގުޅިގެން ދަރްނާގެ ކައިރީގައިވާ ދެ ޑޭމެއް ހަލާކުވެ ރަށުތެރެއަށް ފެންގަނޑުވަދެ އެތައް ހާސްބަޔަކު ޣަރަގުވުމުގެ ކާރިސާއެވެ. ރިކްޓަރ މިންގަނޑުން 6.8 ގެ ބާރުމިނުގައި އައި ބިންހެލުމާ ވިދިގެން މޮރޮކޯއިން މަރުވިކަމަށް ޔަގީންކުރެވިފައިވަނީ ތިންހާސް މީހުންނެވެ. ލީބިޔާގެ ފެންބޮޑުވުމުގައި މަރުވިކަމަށް ޔަގީންކުރެވޭ އަދަދު ވިހިހާހަށްވުރެ މައްޗެވެ.

ލީބިޔާއަށް ގެއްލުމާއި ހަލާކު ކުރިމަތިވި ކާރިސާ ނިއުޅިގެންދިޔައީ މޮރޮކޯގެ ބިންހެލުމަށް ތިން ދުވަސް ފަހުންނެވެ. ލީބިޔާގެ ކާރިސާގައި ފުނޑުފުނޑުވި ދަރްނާއަކީ އެއްލައްކަ މީހުން ދިރިއުޅެމުންއައި ސިޓީއެކެވެ. އެ ސިޓީގެ ކޮންޓްރޯލް އޮތީ ވެރިރަށް ޓްރިޕޮލީގައި އޮންނަ މަރުކަޒީ ސަރުކާރަކަށް ނޫނެވެ. އެ ސަރުކާރާ ދެކޮޅަށް ހަނގުރާމަކުރާ ހަނގުރާމަވެރިއަކަށެވެ. ދާޚިލީ ހަނގުރާމަޔާއި ކޮރަޕްޝަނާއި ގަބީލާތަކުގެ ކޯޅުންތަކާއި ބައިބައިވުންތަކުގެ ސަބަބުން ލީބިޔާއަކީ ފޭލްވެފައިވާ ދައުލަތެކެވެ. އެއްކަމެއްވެސް އިންތިޒާމްކުރެވިގެން ހިނގާ ގައުމެއް ނޫނެވެ. އެއާ ޚިލާފަށް މޮރޮކޯއަކީ ޒަމާނީ ދައުލަތެކެވެ. އެކުވެރިކަމާއި ގައުމިއްޔަތުގެ ކުލުނުހުރި އާބާދީއެއް އޮތް ގައުމެކެވެ. އެހެންވީމާ އެހީތެރިކަން ފޯރުކޮށްދިނުމުގެ ކަންކަން މޮރޮކޯގައި އިންތިޒާމު ކުރެވުނުލެއް އަވަހެވެ. ފުރިހަމައެވެ.

ލީބިޔާ އާއި މޮރޮކޯއަކީ އެފްރިކާގެ އުތުރުބިތަށް ނިސްބަތްވާ މަޣުރިބުގެ ދެގައުމެވެ. ދެ އަވަށްޓެރިންނެވެ. ދެގައުމުގެ ދޭތެރޭގައި އޮތީ އަލްޖީރިއާއެވެ. ކާރިސާގެ މި ދަނޑިވަޅުގައި މި ދެގައުމުން ފެނިގެންދިޔައީ ފޭލްވެފައިވާ ގައުމެއްގެ މިސާލާއި ފޭލްނުވާ ޒަމާނީ ދައުލަތެއްގެ މިސާލެވެ. މި ދެ މިސާލުގެ ފަރަގު އުޑާބިމާހާ ތަފާތޭ ބުނަންޖެހެއެވެ. ލީބިޔާގައި ދާޚިލީ ހަނގުރާމައެއް ދެމިގެން އަންނަތާ ބާރައަހަރު ވެއްޖެއެވެ. ގައުމުގެ ގުދުރަތީ މުއްސަނދިކަން ކިތަންމެ ބޮޑަސް އެ މުއްސަނދިކަމުގެ ފައިދާއެއް ނެތެވެ. ގައުމުއޮތީ ހުރިހާ ގޮތަކުންވެސް ބޮއްސުންލައިފައެވެ. ގައުމުގެ އޮނިގަނޑު ހަރުދަނާކުރުމަށް ކުރެވޭ ޚަރަދެއް ނެތެވެ. މުޅި ގައުމަށް ބާރު ހިންގޭ ސަރުކާރެއް ނެތެވެ. ސަރުކާރަކުން ކުރާ އަމުރަކަށް ނުވަތަ ނިންމާ ނިންމުމަކަށް ތަބާވާ ރައްޔިތުންނެއް ނެތެވެ.

މޮރޮކޯގެ ބިންހެލުމާ ގުޅިގެން އެހީތެރިވުމުގެ ހަރަކާތްތައް ހަލުވި ދުވެއްޔެއްގައި ކުރިއަށްދާއިރު އެގައުމުގެ ރަސްގެފާނު މުހައްމަދު ހުންނެވި ތަނަކާއި ކުރައްވާ ކަމެއް އާއްމުންނަށް ނުފެންނާތީ ހިސާބެއްގެ ފާޑުކިޔުންތައް އަމާޒުވެފައިވެއެވެ. އެއީ ހަގީގަތެކެވެ. އެކަމަކު މޮރޮކޯގެ ހުރިހާ ހިސާބަކުން އަވަސްކަމާއެކު ވޮލަންޓިއަރުންގެ ސަފުތައް ރުކުރުވާލައި އެހީފޯރުކޮށްދިނުމުގެ މަސައްކަތް އިންތިޒާމުކުރެވިގެން ހިންގަމުންދާގޮތާމެދު މާބޮޑު ޝަކުވާތަކެއް ނެތެވެ. ހާލުގައި ޖެހިފައިވާ ސަރަހައްދުތަކަށް ޒިޔާރަތްކުރެވޭނެ ހުރިހައި ވަސީލަތްތަކެއް ބައިނަލްއަގުވާމީ ފަރާތްތަކަށްވެސް ވަނީ ގާއިމްކޮށްދީފައެވެ. އިންތިޒާމުތައް ދޯދިޔާވެގެން ވާހަކަ ދައްކަން އެއްވެސް ބަޔަކަށް ފުރުސަތެއް ނެތެވެ. ސަރުކާރު ފޭލްވެއްޖެއޭ ބުނަން އަމްދުން ޖާގައެއް ނެތެވެ.

މޮރޮކޯއިން ފެންނަ މަންޒަރުތަކާ ޚިލާފަށް ލީބިޔާގައި ފެންނަމުންދަނީ ހުރަސްތަކެވެ. ހުރަހަކަށްފަހު ހުރަހެކެވެ. ލީބިޔާއަށްދާން ވިސާހޯދުންވެސް ދައްޗެވެ. ވިސާލިބޭ މީހަކަށްވެސް ދަތުރުކުރެވެނީ ސަރުކާރުގެ ބާރު ހިނގާ ސަރަހައްދުތަކަށެވެ. ލީބިޔާގައި ހާލުގައި ޖެހިފައިވާ ދަރުނާ އޮތީ ހަނގުރާމަވެރިޔާ ޖެނެރަލް ޚަލީފާ ހަފްތާރުގެ ކޮންޓްރޯލްގެ ދަށުގައެވެ. ލީބިޔާގެ އިރުމަތީ ބިތުގެ ބޮޑު ސަރަހައްދެއް ހިމެނޭ ގޮތުންނެވެ. ޖެނެރަލް ހަފްތާރަށް ވާގިވެރިވަނީ އަވަށްޓެރި މިސްރުންނެވެ. ދެން ރަޝިޔާގެ ކުލީ ސިފައިންގެ ޖަމާއަތެއް ކަމަށްވާ ވެގްނާރ ގްރޫޕުންނެވެ. ކާރިސާއަކަށްވިޔަސް އެނޫން އެއްޗަކަށްވިޔަސް ރައްޔިތުންނަށް އެހީތެރިވުމަކީ އެމީހުން ކުރާ ކަމެއް ނޫނެވެ. ތެޔޮވަޅުތަކުން ވައްކަން ކުރެވެނިކޮށް ފުދުނީއެވެ.

މޮރޮކޯއަށް ކުރިމަތިވި ގެއްލުމަކީ ބައެއްގެ އިހުމާލެއް ނޫނެވެ. އެކަމަކު ލީބިޔާއަށް ކުރިމަތިވި ގެއްލުންތަކުގައި ބޮޑަށް އޮތީ އިހުމާލެވެ. ރަނގަޅަށް މަސައްކަތްކުރާ މޫސުމީ އިދާރާއެއް ނެތެވެ. ތޫފާނެއްގެ އިންޒާރު ދެވޭނެ އިންތިޒާމެއް ނެތެވެ. ޑޭމްތައް މަރާމާތެއް ނުކުރެއެވެ. މަރާމާތަށް ބޭނުންވާކަން އެނގިތިބެއެވެ. ފައިސާވެސް ހުރެގެންނެވެ. މިކަންކަން ބަރާބަރަށް ހިނގިނަމަ ދުރާލާ ފިޔަވަޅުތަކެއް އެޅުނީހެވެ. ގިނަބަޔަކު މަރުން ސަލާމަތްކުރެވުނީހެވެ. ކާނަލް ގައްޒާފީގެ ދައުރުގައި މިކަންކަން އޮތީ މިހެނަކުން ނޫނެވެ. ޑިމޮކްރަސީއެއް ނެތަސް ވެރިކަން ހިންގުމުގެ ނިޒާމެއް އޮތެވެ. ފައިސާ ހުއްޓެވެ. ގައުމުގެ އޮނިގަނޑު ވަރުގަދަކުރަން ޚަރަދުވެސް ކުރެއެވެ. ލީބިޔާއަކީ އޭރު ވަރުގަދަ ދައުލަތެކެވެ. އެ ވަރުގަދަކަން ނިކަމެތިކަމަކަށް ބަދަލުކުރީ ހުޅަނގުގެ ގައުމުތަކުންނެވެ. ލީބިޔާ ފޭލްވެފައިވާތީ މިއަދު އެންމެ ބޮޑަށް ފާޑުކިޔަމުންދަނީވެސް ހަމަ އެގައުމުތަކުންނެވެ.