Close Election
Close
ދުނިޔެ

ބަކިންގްހަމް ޕެލަސްގެ ފާރަށް އެރި މީހަކު ހައްޔަރުކޮށްފި

މުހައްމަދު އައުޒަމް

ބަކިންގްހަމް ޕެލަސްގެ ފާރަށް އެރި މީހަކު ހައްޔަރުކޮށްފިއެވެ.

އިނގިރޭސި ފުލުހުން ބަކިންގްހަމް ޕެލަސްގެ ފާރަށް އެރުމުގެ ކުށުގައި ހައްޔަރުކޮށްފައިވަނީ އުމުރުން 25 އަހަރުގެ މީހެކެވެ. އޭނާ ވަނީ އެތަނުގައި މީހުން އެތެރެވުން މަނާ ސަރަހައްދަކަށް ވަނުމަށް މަސައްކަތް ކޮށްފައިކަމަށް ފުލުހުން ބުނެއެވެ.

އިނގިރޭސި މެޓްރޯޕޮލިޓަން ފުލުހުން ވަނީ އެމީހާ އަރާފައިވަނީ 260 އަހަރުވީ ގޯލްޑް ސްޓޭޓް ކޯޗް ސަރަހައްދުގައި ހުންނަ ފާރަކަށް ކަމަށް ބުނެފައެވެ. އެ ސަރަހައްދަކީ ރަސްގެފާނު ޗާލްސް ތަހުތަށް އަރައިވަޑައިގަތުމަށް ބޭއްވި ހާއްސަ ރަސްމިއްޔާތު ކުރިޔަށް ގެންދިޔަ ސަރަހައްދެވެ.

ފުލުހުން ވަނީ އެމީހާ އެތަނުގެ އެތެރެއަށް ވަނުމުގެ ކުރިން ހައްޔަރުކޮށްފައެވެ. އޭނާގެ މައްޗަށް ވަނީ ސީރިއަސް އޯގަނައިޒަޑް އެންޑް ޕޮލިސް ގާނޫނުގެ ދަށުން ރައްކާތެރި ކޮށްފައިވާ ސަރަހައްދަކަށް ގަވާއިދާ ހިލާފަށް ވަންނަން މަސައްކަތް ކުރިކަމުގެ ދައުވާ އުފުލައިފައެވެ.

މިދިޔަ މެއި މަހުވެސް މެޓްރޯޕޮލިޓަން ފުލުހުން ވަނީ ބަކިންގްހަމް ޕެލަސް ހިމެނޭ ސަރަހައްދަށް އެއްޗެހިތަކެއް އުކި މީހަކު ހައްޔަރުކޮށްފައެވެ. އޭނާ އުކި ތަކެތީގެ ތެރޭގައި ބަޑިއަށް ވަޒަން ލައްވަން ބޭނުންކުރާ ކާޓްރިޖް ވެސް ހިމެނޭކަމަށް ފުލުހުން އޭރު ވަނީ ބުނެފައެވެ.