ފުރަތަމަ ހާފުގައި އެމްޑީޕީއާ ގުޅިފައިވާ ޕާޓީތައް ވީ ބަލި ކަމަށާއި ދެވަނަ ހާފަށް ބަދަލުތަކާއެކު ނުކުމެ ގޯލަކަށް ފަހު ގޯލެއް ޖަހާނެ ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

އެމްޑީޕީން ސޯސަން ޖަހައިގައި މިރޭ ބޭއްވި ކެމްޕެއިން ޖަލްސާގައި ރައީސް ވިދާޅުވީ، އެމްޑީޕީން ނުކުމެ ތިބީ މެޗެއް ކުޅުމަށް ކަމަށެވެ. އެ މެޗުގެ ފުރަތަމަ ހާފުގައި ހެދުނު ބައެއް ގޯސްތަކުގެ ސަބަބުން ވީ ބަލި ކަމަށެވެ.

ރައީސް ވިދާޅުވީ، ކުރިއަށް މިއޮތް ދުވަސްތަކުގައި ދޮރުން ދޮރަށް ހިންގައި، އަނިޔާވެރި ވެރިކަމެއް އަތުވެއްޖެނަމަ ކަންކަންވާނެ ގޮތް ރައްޔިތުންނަށް ސާފުކޮށްދޭން ޖެހޭ ކަމަށެވެ.

"ހާފް ޓައިމްގައި އަޅުގަނޑުމެން ޗޭންޖިން ރޫމަށްވަދެ ރާވާލައިފިން. ދެވަނަ ހާފު އަޅުގަނޑުމެން ކުޅޭނެ ގޮތް އިންތިޒާމުކޮށްލައިފިން. ބައެއް ފަހަރު ބައެއް މަގާމުތަކަށް ކުޅޭ މީހުން ބަދަލުވެސް ކޮށްލައިފިން، ބުންވަރު ހުރި މީހުން އަޅުގަނޑުމެން ކުރިއަށް ނެރެފިން. މިހާރު މިދަނީ އެޓޭކު މޯޑުގައި. އިރާދަކުރެއްވިއްޔާ ގޯލު ދެން ޖަހާނީ. ގޯލަކަށް ފަހު ގޯލެއް އަޅުގަނޑުމެން ޖަހާނަން" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ރައްޔިތުންނަށް އޮޅުވާލުމަށް ނުފުއްދޭނެ ވައުދުތައް އިދިކޮޅު ކެންޑިޑޭޓް ވަމުންދާ ކަމަށެވެ. އަދި އޭގެ މަގުސަދަކީ ރައްޔިތުންނަށް އޮޅުވާލައިގެން އަނިޔާވެރިކަމާއި ބިރުވެރިކަން ރާއްޖޭގައި ފެތުރުން ކަމަށާއި އެކަން ވިޔަ ދީގެން ނުވާނެ ކަމަށެވެ.

"ބަނގުރޫޓުވެފައި އޮތް ގައުމެއްގައި އެކަން ކުރާނީ ކިހިނެއްތޯ؟ އެއް ފަރާތުން މިބުނަނީ ބަނގުރޫޓުވެފައޭ. އަނެއް ފަރާތުން އެކިއެކި މުއައްސަސާތަކުގެ މުސާރަ ދެގުނަކުރާ ވާހަކަ. އަނެއް ފަރާތަކުން އެ ބުނަނީ ކުއްޔަށް ދީފައި ހުރި ތަންތަނުގެ ކުލި އެކީގައި ކަނޑާލާ ވާހަކަ. މިއީ ކުރެވޭނެ ކަމެއްތޯ؟ މިކަންކަމާމެދު ވިސްނައި އެކަން ހަނދާންކޮށްދޭންޖެހޭ. އެއްވެސް ޕްލޭނެއް ނެތި ވަމުންދާ ވައުދުތަކެއް އެއީ" ރައީސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ، ކުރިން ނުނިކުންނަ އެތައް ބަޔަކު ފާޅުގައި އެމްޑީޕީއަށް ސަޕޯޓުކުރަން ނުކުމެއްޖެ ކަމަށާއި މުޅި މާލެ އެމްޑީޕީއާއެކު ނުކުމެއްޖެ ކަމަށެވެ. އަދި ދެވަނަ ބުރު ބޮޑު ތަފާތަކުން ކާމިޔާބުކުރައްވާނެ ކަމަށް ވިދާޅުވިއެވެ.