ދުނިޔެ

އަދުގެ ދުނިޔެ: ޖީޓުވެންޓީ ސަމިޓުން މިފަހަރު ނެރެވުނީ ކޮން ނަތީޖާއެއް؟

އިމާދު ލަތީފު

ދުނިޔޭގެ އެންމެ ބޮޑު ވިހި އިގްތިސާދުގެ ވެރިންގެ އަހަރީ މަހާސިންތާ އިންޑިޔާގެ ވެރިރަށް ނިއުދިއްލީގައި މި ހަފުތާގެ އާދީއްތަ ދުވަހު ވަނީ ނިމިފައެވެ. ޔުކްރޭނުގެ ހަނގުރާމަޔާއި ޓައިވާނުގެ މައްސަލަޔާއި ނީޖަރުގެ މައްސަލަފަދަ ބޮޑެތި އަރައިރުންތަކުގެ ހިޔަނި އެޅިގެން ބޭއްވުނު ސަމިޓަކަށްވިޔަސް މުހިންމު ނިންމުންތަކެއް ޖީޓުވެންޓީގެ މިއަހަރުގެ ސަމިޓުން ވަނީ ފައިދާވެފައެވެ. ވޯލްޑްބޭންކު އިސްލާހުކުރުމުގެ ނިންމުމާއި އެފްރިކާގެ ގައުމުތަކުގެ އިއްތިހާދު ރަސްމީކޮށް މި ޖަމާއަތުގައި ބައިވެރިކުރުމަކީ މި ސަމިޓުގެ މުހިންމު ނިންމުންތަކުގެ ތެރެއިން ފާހަގަކޮށްލެވޭ ނިންމުންތަކެވެ. ޖީޓުވެންޓީގައި ހިމެނެނީ އެއްޓްރިލިއަން ޑޮލަރަށްވުރެ ކުޑަނޫން ޖީޑީޕީއެއް ލިބިގެންވާ ކޮންމެ ގައުމެކެވެ. އެވަރުގެ އިގްތިސާދެއް ލިބިގެންވާ މިވަގުތު އޮތީ ނަވާރަ ގައުމެވެ.

ޖީޓުވެންޓީގައި ޖީހަތެއްގެ ހުރިހާ ގައުމަކާއި ބްރިކްސް ޖަމާއަތުގެ ހުރިހާ ގައުމެއްވެސް ހިމެނެއެވެ. ޖީހަތަކީ ދުނިޔޭގެ އެންމެބޮޑު ސިނާއީ ހަތްގައުމެވެ. ބްރިކްސްއަކީ ތަރައްގީވަމުން ފުޅާވަމުން އަންނަ އެންމެ ބޮޑު ފަސް އިގްތިސާދެވެ. ޖީޓުވެންޓީގައި ވަކި ޖަމާއަތެއްވެސް އެބަހިމެނެއެވެ. ފުރިހަމަ މެންބަރުކަން ލިބިގެން ޖީޓުވެންޓީގައި ޔޫރަޕުގެ އިއްތިހާދުވެސް އެބައޮތެވެ. ނިއުދިއްލީ ސަމިޓަށްފަހު އެފްރިކާގެ ގައުމުތަކުގެ އިއްތިހާދަށްވެސް މެންބަރުކަން އޮތީ ލިބިފައެވެ. އެހެންވީމާ މިހާރު ހަގީގަތުގައި އެއީ ވިހި މެންބަރުންގެ ޖަމާއަތެއް ނޫނެވެ. އެކާވީސް މެންބަރުންގެ ޖަމާއަތެކެވެ. ޖީޓުވެންޓީވަންއެވެ. އެކަމަކު މިއީ ވަކި އިދާރާއެއް ގާއިމްކުރެވިގެން ހިންގާ ޖަމާއަތެއް ނޫނެވެ. މިއީ ކޮންމެ އަހަރަކު އެއްފަހަރު ބާއްވާ ފޯރަމެކެވެ. އިދާރީ ކަންކަން ހިންގާނީ ސަމިޓް ބާއްވާ ގައުމަކުންނެވެ.

ހުސްވި ދެހާސްބާވީހުގައި މި ސަމިޓް ބޭއްވުނީ އިންޑޮނީޝިއާގައެވެ. ހިނގަމުންމިދާ ދެހާސްތޭވީހުގައި އިންޑިޔާގައެވެ. ކުރިއަށްއޮތް ދެހާސްސައުވީހުގައި ބާއްވާނީ ބްރެޒިލްގައެވެ. ނިއުދިއްލީ ސަމިޓަކީ ޔުކްރޭނުގެ ހަނގުރާމަ ފެށުނުފަހުން ޖީޓުވެންޓީގެ ދެވަނަ ސަމިޓެވެ. މިދިޔައަހަރުވެސް އަދި މިއަހަރުވެސް ރަޝިޔާގެ ރައީސް ލަޑީމިއަރ ޕުޓިން ބައިވެރިވެވަޑައެއް ނުގަންނަވައެވެ. އަންނައަހަރުވެސް ބައިވެރިވެވަޑައިގަތުމުގެ ފުރުސަތު ވަރަށް ކުޑައެވެ. ހުޅަނގުގެ ގައުމުތަކުން ޖީޓުވެންޓީ ސަމިޓުގައި ބޮޑަށް ދެއްކޭތޯ ގަދައަޅަނީ ރަޝިޔާގެ އެކަހެރިކަމެވެ. އަދި ރަޝިޔާގެ ނުބައިކަމެވެ. މިދިޔައަހަރެކޭ އެއްގޮތަށް މިއަހަރުވެސް ރަޝިޔާ ކުށްވެރިކޮށްފައި ބޮޑެތި ނިންމުންތައް ނިންމޭތޯ ބާރުއެޅިއެވެ. އެކަމަކު އިންޑިޔާއިން އެކަމަށް ތަރުހީބު ނުދިނީމާ މިފަހަރުގެ ބަސްމަގު އޮތީ މުޅިން ތަފާތުވެފައެވެ.

ޔުކްރޭނުގެ ހަނގުރާމައަށް އިޝާރާތްކޮށްފައި މިފަހަރުގެ ގުޅިފައިވާ ބަޔާނުގައި ބުނެފައިވަނީ މިހެންނެވެ. ގަދަބާރުން އެހެން ގައުމެއްގެ ސަރަހައްދު އެއްވެސް ބަޔަކަށް ފޭރިގަނެވިގެން ނުވާނެއެވެ. އެއީ ގޯހެކެވެ. ޔުކްރޭނުގެ ރައްޔިތުން އުފުލަމުންދާ ވޭންތަކާމެދު ކަންބޮޑުވަމެވެ. އެންމެންގެ އަމާޒަކަށްވެސް ވާންޖެހޭނީ ސުލްހަޔާއި ހަމަޖެހުމެވެ. މި ބަޔާނުގައި ސީދާގޮތެއްގައި ރަޝިޔާ ކުށްވެރިއެއް ނުކުރެއެވެ. ހުސްވި އަހަރު އިންޑޮނީޝިޔާގައި ބޭއްވުނު ސަމިޓުގެ ކަރުދާހުގައި ރަޝިޔާ އޮތީ ވަރަށް ބޮޑަށް ކުށްވެރިކުރެވިފައެވެ. ޔުކްރޭނުން ފޭބުމަށްވެސް ހަރުއަޑުން ގޮވާލާފައިވެއެވެ. އެބަސްމަގު މިފަހަރު ތަކުރާރުވިޔަ ނުދިނުމަށް އިންޑިޔާއިން ވަރަށް ބޮޑަށް ބާރުއެޅިއެވެ. ބްރިކްސްގެ އެހެން ގައުމުތަކުންވެސް ބާރުއެޅިއެވެ. އެހެންވީމާ ހުޅަނގުން ބޭނުންވާ ގޮތަށް އެކަން މިފަހަރު ނުކުރެވުނީއެވެ.

އެފްރިކަން ޔޫނިއަން ނުވަތަ އެފްރިކާގެ އިއްތިހާދު ޖީޓުވެންޓީގައި ބައިވެރިކުރުމަކީ މި ޖަމާއަތުގެ ފޭރާމަށް އައި ވަރަށްވެސް ބޮޑު އިންގިލާބީ ބަދަލެކެވެ. މިކަމުގެ ސަބަބުން ޖީޓުވެންޓީގައި ތަރައްގީ ވަމުން އަންނަ ގައުމުތަކުގެ އަޑު ގަދަވާނެއެވެ. އެފްރިކަން ޔޫނިއަނަކީ އެފްރިކާ ބައްރަށް ނިސްބަތްވާ ފަންސާސްފަސް ގައުމު ހިމެނޭ ސަރަހައްދީ ޖަމާއަތެކެވެ. މިހާތަނަށް ޖީޓުވެންޓީގައި އެފްރިކާއަށް ނިސްބަތްވާ އޮތީ އެންމެ ފަރާތެކެވެ. އެއީ ދެކުނު އެފްރިކާއެވެ. މިބަދަލާއެކު ޔޫރަޕުގެ އިއްތިހާދާއި އެއްވަރުގެ އަޑެއް އެފްރިކަން ޔޫނިއަނަށްވެސް ލިބޭނެއެވެ. ދުނިޔޭގެ ދެކުނުބިތުގެ އިގްތިސާދުތައް ބިނާކުރުމާއި ބާރުވެރިކުރުމުގެ މަސައްކަތް ހަލުވިވުމަށް މަގުފަހިވާނެއެވެ. މިހާތަނަށް ޖީޓުވެންޓީ އޮތީ ހުޅަނގުގެ ގައުމުތަކުން ބާރުފޯރުވާ ފޯރަމެއްގެ ގޮތުގައެވެ. އެނޫން ގައުމުތަކަށް އޮތީ އަޑުއެހުން އެކަންޏެވެ.

ޖީޓުވެންޓީގެ ގުޅިފައިވާ ނިންމުމަކަށް ނުވަތަ އެއްބަސްވުމަކަށް ނުވިޔަސް އެމެރިކާ އާއި އިންޑިޔާ އަދި ސައޫދީ އަރަބިޔާފަދަ ގައުމުތަކުން ވަނީ އެއްގަމާއި ކަނޑުން ދެކުނު އޭޝިޔާ އާއި މެދުއިރުމަތި ގުޅުވައިދޭ އައު އިގްތިސާދީ ކޮރިޑޯއެއް ގާއިމުކުރަން ނިންމައި އެކަން އިއުލާންކޮށްފައެވެ. މިކޮރިޑޯ ފަހުން ގުޅުވައިލާނީ ޔޫރަޕާއެވެ. މިއީވެސް މިފަހަރުގެ ސަމިޓުން ފައިދާވި އައު ކަމެކެވެ. އިވުނު އައު އަޑެކެވެ. އެމެރިކާއިން ބުނާގޮތުގައި މިއީ ދުނިޔޭގެ އިގްތިސާދު ބަދަލުކޮށްލާނެ އައު މަޝްރޫއެކެވެ. ބިޔަ މަޝްރޫއެކެވެ. ތަޖުރިބާކާރުން ގަބޫލުކުރާގޮތުގައި މިއީ ޗައިނާގެ ބެލްޓް އެންޑް ރޯޑް މަޝްރޫއަށް ގޮންޖަހައި އޭގެ މިސްރާބު ކަސިޔާރުކޮށްލުމަށްޓަކައި އެމެރިކާގެ އައު ރޭވުމެކެވެ. މިއަށް އެމެރިކާއިން ދީފައިވާ ނަމަކީވެސް ބައިޑެން ކޮރިޑޯއެވެ. ރައީސް ޖޯ ބައިޑެންއަށް ނިސްބަތްކޮށްފައެވެ.