Close Election
Close
ދުނިޔެ

ފަރުނީޗަރު ތެރޭ ފޮރުވައިގެން ދުބާއީއަށް އެތެރެކުރަން އުޅުނު އެއްބިލިއަން ޑޮލަރުގެ ޑްރަގް އަތުލައިގެންފި

މުހައްމަދު އައުޒަމް

ދުބާއީއަށް އެތެރެކުރަން އުޅުނު އެއް ބިލިއަން ޑޮލަރުގެ އަގުހުރި ޑްރަގް އަތުލައިގެންފިއެވެ.

ޔޫއޭއީގެ އިންޓީރިއާ މިނިސްޓްރީން ނެރުނު ބަޔާނެއްގައި ވާގޮތުން އެގައުމަށް އެތެރެކުރަން އުޅުނު ޑްރަގްގެ ބަރުދަން 13 ޓަނަށް އަރައެވެ.

ދުބާއީއަށް ޑްރަގް އެތެރެކޮށްފައިވަނީ ފަރުނީޗަރު ތަކެއްގެ ތެރޭގައި ބަންދުކޮށްގެން ކަމަށް ބަޔާނުގައި ވެއެވެ. ދުބާއީއަށް އެތެރެކުރި ޑްރަގް ޝިޕްމަންޓް ހުރީ ދޮރުތަކާއި އިމާރާތް ޑެކަރޭޓް ކުރާ ޕެނަލް ތަކުގެ ތެރޭގައި ފޮރުވާފައި ކަމަށް ބަޔާނުގައި ވެއެވެ.

ދުބާއީ ފުލުހުން ވަނީ މިމައްސަލައާ ގުޅުން ހުރި ހަ މީހަކު ހައްޔަރު ކޮށްފައެވެ. އެ ހަމީހުންނަކީ ބައިނަލްއަގުވާމީ ޑްރަގް ނެޓްވޯކަކާ ގުޅުން ހުރި ބައެއްކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނެއެވެ. ފުލުހުން ވަނީ އެއީ މިބާވަތުގެ ޑްރަގް އެތެރެކުރަން ބަޔަކު ހިންގި އެންމެ ބޮޑު އޮޕަރޭޝަން ކަމުގައި ފާހަގަކޮށްފައެވެ.

އިންޓީރިއާ މިނިސްޓްރީގެ ބަޔާނުގައި ބުނީ ޑްރަގް ހުރީ ހާއްސަ ޕެކިންއެއްގައި ރައްކާތެރިކޮށްފައިކަމަށާއި އެ ހުރިހާ ޑްރަގެއް ފުލުހުން މެދުވެރިކޮށް އެއްކުރުމަށްވެސް ދުވަސްތަކެއް ހޭދަވި ކަމަށެވެ.

ދުބާއީ ފުލުހުން ވަނީ މިދިޔަ ޖޫން މަހުވެސް ޑްރަގް ޕިލް ތަކެއް އަތުލައިގަނެފައެވެ. އެފަހަރު އަތުވީ 175،000 ޕިލް ކަމަށް ފުލުހުން ބުނެއެވެ.