ޚަބަރު

ނޫސްވެރިކަމުގެ މިނިވަންކަން އެންމެ ފުޅާ ދާއިރާއެއްގައި ލިބުނީ މިދިޔަ ފަސް އަހަރު: ރައީސް

ނޫސްވެރިކަމުގެ މިނިވަންކަމުގެ ހައްގާއި މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގު އެންމެ ފުޅާ ދާއިރާއެއްގައި ލިބިދެވުނީ މިދިޔަ ފަސް އަހަރުގެ ތެރޭގައި ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

މި އަހަރުގެ ބައިނަލްއަގުވާމީ ޑިމޮކްރެސީ ދުވަހުގެ މުނާސަބަތުގައި ރައީސް ސޯލިހު ފޮނުއްވި ހިތާބުގައި ވިދާޅުވީ، ހަގީގީ ޑިމޮކްރެސީއަކީ މަސްއޫލިއްޔަތުތަކަކާ އެކުގައި ލިބިގެންދާ ޒިންމާދާރުވާންޖެހޭ މިނިވަންކަމެއް ކަމަށެވެ. އަދި އެ ގައުމެއްގެ އެންމެހައި ކަންކަން ރާވައި ހިންގުމުގެ ހައްގު ލިބިގެންވަނީ، އެ ގައުމެއްގެ މިލްކުވެރިން ކަމުގައިވާ އެ ގައުމުގެ ރައްޔިތުންނަށް ކަމަށާއި ރައްޔިތުންގެ ނަމުގައި އެ ވާޖިބުތައް އަދާކުރާނެ ބަޔަކު އިހުތިޔާރުކޮށް ކަނޑައެޅުމުގެ ހައްގު ލިބިގެންވަނީވެސް ރައްޔިތުންނަށް ކަމަށް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، އިގުތިސާދީ ފުދުންތެރިކަމާއެކު ލިބޭ ކުރިއެރުމުގައި، އުފާވެރިކަމާއެކު ރައްޔިތުން ދިރިއުޅޭ މިނިވަން ގައުމެއްގެ ގޮތުގައި ދެމިއޮތުމުގެ ތަޅުދަނޑިއަކީ ޒަމާނީ ޑިމޮކްރެސީއެއް ކަމަށެވެ. އެ އުފާވެރިކަން ރައްޔިތުންނަށް ލިއްބައިދެނީ، ދައުލަތުގެ ފަރާތުން ފޯރުކޮށްދޭ އެންމެހައި ހިދުމަތްތަކުގައި، ރައްޔިތުންނަށް ލިބިދޭ ހަމަހަމަ ފުރުސަތުތަކާއި ހަމަހަމަ ހައްގުތަކުން ކަމަށާއި ރާއްޖޭގެ ގާނޫނުއަސާސީގައި އެ އުސޫލުތައް ކަނޑައަޅައި، އެ އުސޫލުތައް ތަންފީޒުކުރަން ފެށި ފަހުން، ގައުމަށާއި ރައްޔިތުންނަށް ލިބުނު މަންފާ ބޮޑު ކަމަށްވެސް ވިދާޅުވިއެވެ.

ޑިމޮކްރެސީގެ މައިގަނޑު މަގުސަދަކީ ރައްޔިތުން ބާރުވެރިކޮށް ރައްޔިތުންގެ މެދުގައި ހަމަހަމަކަން ގާއިމުކޮށް، އެއްވެސް ކަމެއްގައި މިންތީ ތަފާތެއް ނުވަތަ އެނޫން ވެސް ތަފާތުކުރުމެއް ނުގެންގުޅުންކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، ގައުމުގެ ކަންކަމުގައި ބަސް ބުނެ ހިޔާލު ފާޅުކުރުމުގައި ވެސް، ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދެނީ މިންތީ ހަމަހަމަކަން ގާއިމުކުރުމަށެވެ. އަދި އެކަމަށްޓަކައި، މިދިޔަ ފަސް އަހަރުގެ ތެރޭގައި ގާނޫނީ އޮނިގަނޑަށް ގެނައި ބަދަލުތަކުން އެންމެ ހެޔޮ ނަތީޖާއެއް ފެންނަމުން އަންނަނީ ރާއްޖޭގެ ލާމަރުކަޒީ ނިޒާމުން ކަމަށް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ގައުމު ކުރިއަރައިގެން ދާނީ ރައްޔިތުންނަށް މިނިވަންކަން ދިން މިންވަރަކުން ކަމަށާއި ހުޅުވައިލެވިފައިވާ މުޖުތަމައެއްގައި މިނިވަންކަމާއެކު ހިޔާލު ފާޅުކޮށް، މައުލޫމާތު ބަދަލުކުރެވޭ މިންވަރަކުން، އެ މުޖުތަމައެއްގެ އުޖާލާކަން އިތުރުވާ ކަމަށެވެ. އަދި ގައުމުގެ ކަންކަމާ މެދު ރައްޔިތުންގެ މެދުގައި މަޝްވަރާ އާއި ބަހުސްކުރެވޭ ވަރަކަށް ކަންކަމުގެ ހައްލު ހޯދޭ ކަމަށާއި ސުލްހަވެރިކަމާއެކު ކަންކަން ނިންމުމަށް މަގު ފަހިވާ ކަމަށް ވިދާޅުވިއެވެ.

ހިޔާލު ފާޅުކުރުމާއި ނޫސްވެރިކަމުގެ މިނިވަންކަމަކީ، ޒަމާނީ ޑިމޮކްރެސީގެ އެންމެ އަސާސީ ރުކުންކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، ނޫސްވެރިކަން ކުރުމުގެ މިނިވަން މާހައުލެއް ރާއްޖޭގައި ގާއިމުކޮށްދެވިފައި އޮތުމަކީ، ރާއްޖޭގެ ޑިމޮކްރެސީ އިތުރަށް ހަރުދަނާވެގެން ދިޔަ ކަމެއް ކަމަށެވެ. ނަމަވެސް ނޫސްވެރިކަމާއި ހިޔާލު ފާޅުކުރުމުގެ ހައްގުގެ ބޭނުން ހިފާ އިރު އެއީ ޒިންމާތަކަކާއި ވާޖިބުތަކަކާ އެކުގައި ލިބިގެންވާ ހައްގުތަކެއްކަން ގަބޫލުކުރަންޖެހޭ ކަމަށް ވިދާޅުވިއެވެ.