ދައުލަތުގެ ބައެއް މުވައްޒަފުންނާއި ރާއްޖޭގައި އުޅޭ ބިދޭސީންނަށް ހަމަަލާ ދޭން ސަރުކާރުން ރާވަމުންދާ ކަމަށް ބުނެ ނޫހަކުން ޖެހި ހަބަރެއް ދޮގުކޮށް، ރައްޔިތުންގެ މެދުގައި ބިރުވެރިކަން ނުފަތުރަން ފުލުހުން މިރޭ ގޮވާލައިފިއެވެ.

ފުލުހުން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނީ، ސަރުކާރުގެ ނުވަތަ ދައުލަތުގެ މުވައްޒަފުންނާއި ރާއްޖޭގައި އުޅޭ ބޭރު ގައުމުތަކުގެ ރައްޔިތުންނަށް އަމާޒުކޮށް ހަމަލާދީނުމަށް އެއްވެސް ފަރާތަކުން ރާވައިފައިވާކަމުގެ އެއްވެސް މައުލޫމާތެއް ފުލުހުން ނުވަތަ އެ ނޫންވެސް ސަލާމަތީ ހިދުމަތަކަށް ލިބިފައިނުވާ ކަމަށެވެ.

އަދި އެ މައުލޫމާތު ސޯޝަލް މީޑިއާގައި އާންމުކުރި ފަރާތުން މިއީ އެއްވެސް އަސާސެއްގެ މައްޗަށް ބިނާކޮށް ފެތުރި މައުލޫމާތެއްތޯ ސާފުކުރުމަށް ސުވާލުކުރުމުން އެފަދަ މައުލޫމާތެއް ލިބިފައިވާ ކަމަށް ބުނުން ފިޔަވައި އެއީ ސައްހަ އަސާސެއްގެ މައްޗަށް ބިނާކޮށް ފެތުރި މައުލޫމާތެއް ކަމަށް ބުރަވެވޭ ފަދަ ހަރުދަނާ ސަބަބެއް ބަޔާންކޮށްފައިނުވާ ކަމަށާއި އެ މައުލޫމާތު ލިބުނު ފަރާތް ހިއްސާކުރުމަށްވެސް އުޒުރުވެރިވެފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.

"އެހެންކަމުން މި މައުލޫމާތު ފެތުރި ގޮތާއި ސަލާމަތީ ހިދުމަތްތަކުގެ މައުލޫމާތާއި އިންޓެލިޖެންސްއަށް ބަލާއިރު މިއީ އެއްވެސް އަސާސެއް ނެތި ރައްޔިތުންގެ ތެރޭގައި ހާސްކަމާއި ބިރުވެރިކަން އުފައްދައި ސިޔާސީ މަގުސަދެއް ހާސިލުކުރުމަށްޓަކައި ފެތުރި އަސްލެއް ނެތް ވާހަކައެއް ކަމަށް ބެލެވެއެވެ" ފުލުހުން ބުންޏެވެ.

ފުލުހުން ވަނީ އެ ބާވަތުގެ ދޮގު ހަބަރުތައް ނުފެތުރުމަށާއި ރައްޔިތުންގެ ތެރޭވައި ބިރުވެރިކަމާއި ނުތަނަވަސްކަން ނުފެތުރުމަށާއި ގައުމީ މަސްލަތަހަަތަށް އުނިކަން ލިބޭ ފަދަ ކަންކަން ނުކުރުމަށް ގޮވާލައިފައެވެ.