ރެހެންދި އެވޯޑު 2027 އަށް ނަން ހުށަހެޅުމުގެ ފުރުސަތު ހެލްތު، ފެމިލީ އެންޑް ވެލްފެއާ މިނިސްޓްރީން މިއަދު ހުޅުވާލައިފިއެވެ.
އެ މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނި ގޮތުގައި، މިއަދުން ފެށިގެން އަންނަ ޑިސެންބަރު 10 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 2:00 ގެ ނިޔަލަށް މި އެވޯޑަށް ކުރިމަތިލެވޭނެއެވެ. މި އެވޯޑު ދިނުމުގެ މަގުސަދަކީ ގައުމީ ހިދުމަތުގައި އެކިއެކި ދާއިރާތަކުން އަންހެނުން ކުރާ މަސައްކަތްތަކާއި، ގައުމީ ތަރައްގީއަށާއި މުޖުތަމައު ބިނާކުރުމަށް އަންހެނުން އަދާކުރާ ދައުރުގެ އަގު ގައުމީ ފެންވަރެއްގައި ވަޒަންކުރުމެވެ.
މީގެ އިތުރުން، މުޖުތަމައުގައި އަންހެނުންގެ ހައްގުތައް ރައްކާތެރިކުރުމަށާއި، އެކި ކަންކަމަށް އަންހެނުން ނުކުތުމަށް ހިތްވަރުދީ ބާރުވެރިކުރުވުމާއި، އަންހެނުންގެ ކުރިއެރުމަށް ވަކި ފަރުދުންނާއި ޖަމިއްޔާ ޖަމާއަތްތަކުން ކުރަމުންދާ މަސައްކަތްތަކުގެ އަގުވަޒަންކުރުން ވެސް މީގެ ތެރޭގައި ހިމެނޭ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
މިނިސްޓްރީން ބުނި ގޮތުގައި، ރެހެންދި އެވޯޑަށް ނަން ހުށަހެޅޭނީ މައިގަނޑު ދެ ކެޓަގަރީއަކުންނެވެ. އެއީ ވަކިވަކި އަންހެނުންނަށާއި ޖަމިއްޔާ ނުވަތަ ޖަމާއަތްތަކަށް ހުށަހެޅޭ ކެޓަގަރީއާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުން ހުށަހެޅޭ ކެޓަގަރީއެވެ. މީގެ ތެރެއިން ވަކިވަކި އަންހެނުންނާއި ޖަމިއްޔާ ޖަމާއަތްތަކުގެ ކެޓަގަރީގެ ދަށުން ހަތަރު ދާއިރާއަކުން ނަން ހުށަހެޅޭނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ. އެ ހަތަރު ދާއިރާއަކީ ލީޑާޝިޕް އަދި ގަވަނަންސް، އިގުތިސާދީ ގޮތުން ބާރުވެރިކުރުވުން، އިޖުތިމާއީ ގޮތުން ބާރުވެރިކުރުވުން އަދި އަންހެނުން އާންމުކޮށް ކޮށްނޫޅޭ މަސައްކަތްތައް ނުވަތަ ނޮން-ޓްރެޑިޝަނަލް ރޯލްސްއެވެ. މި އެވޯޑަށް ވަކިވަކި އަންހެނުންނާއި، ޖަމުއިއްޔާ ޖަމާއަތްތަކުންނާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުން އަމިއްލައަށް ނަން ހުށަހެޅުމުގެ އިތުރުން، އެހެން ފަރާތަކުން ނަން ހުށަހެޅުމުގެ ފުރުސަތު ވެސް ވަނީ ހުޅުވާލައިފައެވެ.
މި އެވޯޑު ދިނުމަށް ހަމަޖެހިފައިވާ ދާއިރާތަކުގެ ޝަރުތުތައް އެކުލެވޭ އުސޫލާއި އެޕްލިކޭޝަން ފޯމު އެ މިނިސްޓްރީގެ ވެބްސައިޓުން ޑައުންލޯޑު ކުރެވެން ހުންނާނެއެވެ. އަދި ހުޅުމާލޭ އޯކިޑުމާ ހިނގުމުގައި ހުންނަ އުމަރު ޒާހިރު އޮފީސް އިމާރާތުގައި ގާއިމުކޮށްފައިވާ އެ މިނިސްޓްރީގެ ކައުންޓަރުންނާއި، އަތޮޅުތަކުގައި ގާއިމުކޮށްފައިވާ ފެމިލީ އެންޑް ޗިލްޑްރަންސް ސާވިސް ސެންޓަރުތަކުން ވެސް ފޯމާއި އުސޫލު ލިބެން ހުންނާނެއެވެ. އެވޯޑަށް އެދި ހުށަހަޅަންޖެހޭ ލިޔެކިޔުންތަކުގެ ތަފުސީލު ފޯމުގައި ހިމަނާފައިވާ އިރު، އެޕްލިކޭޝަންތައް ބަލައިގަތުމަށް ހަމަޖެހިފައިވަނީ އެ މިނިސްޓްރީގެ އީމެއިލް މެދުވެރިކޮށް އަދި ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން މެންދުރުފަހު 2:00 އަށް މިނިސްޓްރީގެ ކައުންޓަރުންނެވެ.
ބައިނަލްއަގުވާމީ އަންހެނުންގެ ދުވަހާ ގުޅުވައިގެން 2014 ވަނަ އަހަރުން ފެށިގެން 2025 ވަނަ އަހަރާ ހަމައަށް ކޮންމެ އަހަރަކު ވެސް އެ މިނިސްޓްރީން މި އެވޯޑަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވެއެވެ. އަދި މިހާތަނަށް ޖުމުލަ 77 ފަރާތަކަށް ރެހެންދި އެވޯޑު ދީފައިވާ އިރު، އޭގެ ތެރޭގައި އެކި ދާއިރާތަކުން ކުރިއެރުން ހޯދައި، އެ ދާއިރާތަކަށް އަންހެނުން ނެރުމަށް މަސައްކަތްކޮށްފައިވާ ވަކިވަކި އަންހެނުންނާއި، ޖަމިއްޔާ ޖަމާއަތްތަކާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކާއި މުއައްސަސާތައް ހިމެނެއެވެ. ވޭތުވެދިޔަ 13 އަހަރުގެ ތެރޭގައި ގިނަ ފަރާތްތަކެއްގެ ބުރަ މަސައްކަތުގެ އަގު އެންމެ ފުރިހަމަ ގޮތުގައި ވަޒަންކުރެވޭނެ ގޮތަށް އެވޯޑު ދޭ ދާއިރާތަކަށާއި އުސޫލަށް ބަދަލުތައް ގެނެސްފައިވާ އިރު، މި އަހަރުން ފެށިގެން މި އެވޯޑު ދޭނީ ކޮންމެ ދެ އަހަރަކުން އެއް އަހަރު ކަމަށް މިނިސްޓްރީން ވަނީ ނިންމައިފައެވެ.
ރެހެންދި އެވޯޑް
ރެހެންދި އެވޯޑް
ރެހެންދި އެވޯޑް
ރެހެންދި އެވޯޑް
ކޮމެންޓް